ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރެއްވި މަގާމެއްގައި ހުންނަވައިގެން އެމަނިކުފާނުގެ ސިޔާސަތުތައް ތަންފީޒު ކުރުމާއި ދެކޮޅަށް މަސައްކަތް ކުރާ ނަމަ އެ މަގާމުގައި އެބޭފުޅަކު ހުރުމުގެ ބޭނުން ކެނޑުނީ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިއުވާން ވިދާޅުވީ ސަރުކާރު ކުންފުންޏެއް ނުވަތަ އެހެން އެއްވެސް އިދާރާއެއްގައި މަސައްކަތް ކުރާ އެއްވެސް މުވައްޒަފަކަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަޒީފާގެ ބިރެއް ނުދައްކާނެ ކަމަށެވެ.
މިއުވާން ފާހަގަކުރެއްވި ގޮތުގައި ސިޔާސީ މަގާމުތަކަށް މީހުން އައްޔަން ކުރައްވަނީ ގާނޫނުއަސާސީގެ 115ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގެންފައިވާ ބާރުގެ ދަށުންނެވެ. އެފަދަ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މަސައްކަތަކީ ރައީސްގެ ސިޔާސަތުތައް ތަންފީޒު ކުރުމުގެ މަސައްކަތްތައް ކަމަށްވެސް ވިދާޅުވިއެވެ.
"އެ މަގާމުތަކަކީ ވަޒީފާގެ އެއްބަސްވުންތަކެއް އަދި އިއުލާނުކޮށްގެން ނަގާފައިވާ މަގާމުތަކެއް ނޫން. އެހެންވީމަ ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގެންފައިވާ ބާރުގެ ދަށުން އެމަގާމަކުން ވަކިވެސް ކުރެވޭނެ އަދި ހަވާލުކުރެވުނު މަސްއޫލިއްޔަތު އަދާކޮށް ނިމުމުން އެ މަގާމަކުން ވަކިވެސް ކުރެވޭނެ. އަނެއް ކަމަކީ ހެނދުނު ނުކުމެ ސަރުކާރުގެ ސިޔާސަތު ތަންފީޒުކުރަން އުޅެފައި ރޭގަނޑު އެއް ފިކުރެއްގެ މީހުންނާއެކު ނުކުމެ، ހެނދުނު ތަންފީޒުކުރަން އެ އުޅުނު ސިޔާސަތު ގޯސްކޮށް ވާހަކަ ދައްކާ ކަމަށް ވަންޏާ އެއީ އެއްގޮތަށް ދަންނަވާ ނަމަ ސިޔާސީ ގޮތުން ލޯ ނުހުޅުވެނިއްޔޭ ނުވަތަ އެ މަގާމުގައި ބޭފުޅަކު ހުރުމުގެ ބޭނުން ކެނޑެނިއްޔޭ،" މިއުވާން ވިދާޅުވިއެވެ.
ސިޔާސީ މަގާމުތަކަކީ އެހެން ވަޒީފާތަކުގައި ހުންނަ އާއްމު އުސޫލުތައް ހިނގާ ވަޒީފާތަކައް ނޫންކަން ފާހަގަކުރައްވާ މިއުވާން ވިދާޅުވީ ސިވިލް ސާވިސްގެ މުވައްޒަފުންނަށް ވަޒީފާގެ ޔަގީންކަން ގާނޫނުން ކަށަވަރު ކޮށްދީފައި އޮންނާނެ ކަމަށެވެ. އެފަދަ މުވައްޒަފުންގެ ސިޔާސީ ފިކުރު ހުރި ގޮތަކުންނެއް އެފަރަތާތްތަކުގެ ވަޒީފާ ގެއްލިގެން ނުދާނެ ކަމަށް މިއުވާން ވިދާޅުވިއެވެ.
މިއުވާން މިފަދައިން ވިދާޅުވެފައި މިވަނީ ސަރުކާރުގެ ސިޔާސަތުތަކާއި ދެކޮޅަށް މަސައްކަތް ކުރައްވާ ބައެއް ކުންފުނިތަކުގެ އިސްވެރިން މަގާމުން ވަކި ކުރައްވާފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން ވަކިކުރެއްވި ބޭފުޅުންނަކީ އެސްޓީއޯގެ އެމްޑީގެ މަގާމުގައި ހުންނެވި ހުސައިން އަމްރު އަދި އެގްރޯނެޓުގެ އެމްޑީގެ މަގާމުގައި ހުންނެވި ހާރޫނެވެ.