ރާއްޖޭގެ އިގްތިސޯދީ ކުރިއެރުން، މިހާރުގެ އަންދާޒާތަކަށްވުރެ މަތިވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އިގްތިސޯދާއި ދަރަންޏާއި ގުޅޭ ގޮތުން ނެރެފައިވާ ރިޕޯޓާއި ގުޅިގެން މިނިސްޓަރު އަމީރު ޓްވީޓާގައި ވިދާޅުވީ މި އަހަރުގެ މިހާތަނަށް ފަތުރުވެރިން ޒިޔާރަތްކުރި މިންވަރު 2022 ވަނަ އަހަރާއި އަޅާބަލާއިރު 21.5 އިންސައްތަ އިތުރުވެފައިވާ ކަމަށެވެ. އެހެންކަމުން މި އަހަރު ރެކޯޑު މިންވަރަކަށް ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ވާލްޑް ބޭންކުން ރާއްޖޭގެ އިގުތިސާދީ ދުވެލީގެ އަންދާޒާ ކުރިއަށްވުރެ ދަށްވާނެ ކަމަށް ލަފާކޮށްފައި ވަނީ، 2021 ވަނަ އަހަރުގެ ޖީޑީޕީ ކުރިއެރި މިންވަރު ކުރިން ވާލްޑް ބޭންކުން އަންދާޒާކުރި މިންވަރަށްވުރެ މަތިވެފައިވާތީ، ހިސާބުކުރުމުގައި އަންނަ ބޭސް އިފެކްޓާއި ގުޅިގެން ކަމަށް ވެސް އަމީރު ވިދާޅުވިއެވެ.

"މިއީ ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލިފައި ހުރި ދަނޑިވަޅަކަށްވީ ނަމަވެސް، ރާއްޖެއަށް މިކަމުގެ އަސަރު ކުރަމުންދާ މިންވަރު އަވައްޓެރި ގިނަ ގައުމުތަކާއި އަޅާބަލާއިރު ކުޑަ،" އަމީރު ވިދާޅުވިއެވެ.

https://twitter.com/iameeru/status/1643558525657038848?s=20

އޭނާ ވިދާޅުވީ އިންފްލޭޝަން މަތިވާ މިންވަރު ހިފެހެއްޓިފައި ހުރުމުގެ އެއް ސަބަބަކީ ސަރުކާރުން ތެލާއި ކަރަންޓު އަދި ކާޑުގެ އަގު ހެޔޮކުރަން ދެމުންދާ ސަބްސިޑީ ކަމަށެވެ. ދުނިޔޭގެ ބާޒާރުގެ އަގުތައް އުފުލުމާއެކު ސަބްސިޑީތަކުގެ ހޭދަ ބޮޑުތަނުން އިތުރުވެފައިވާ ކަމަށް އަމީރު ފާހަގަކުރެއްވިއެވެ.

"ތަކެތީގެ އަގުތައް އުފުލުމާ ގުޅިގެންނާއި މިނޫނަސް ކުރިމަތިވާ ފިސްކަލް ހިރާސްތަކުގެ ތަފްސީލް 2023 ވަނަ އަހަރުގެ ބަޖެޓު ފޮތުގެ ފިސްކަލް ހިރާސްތަކުގެ ބަޔާނުގައި ތަފްސީލުކޮށްފައި ވާނެ. މި ހިރާސްތައް މެނޭޖްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ދަނީ އަޅަމުން" އަމީރު ވިދާޅުވިއެވެ.

ކޮވިޑްގެ ހާލަތާ ގުޅިގެން އިތުރުވި އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނީގެ މިންގަނޑު މެދުރާސްތާގައި ދަށަށް ދާނެ ކަމަށާއި އެކަން ހާސިލުކުރަން ސިޔާސަތުތަކަށް ބަދަލުގެންނާނީ ރައްޔިތުންނަށް އެކަންކަމުގެ އަސަރު އެންމެ ކުޑަވާނެ ގޮތަށް ކަމަށް އަމީރު ވިދާޅުވިއެވެ.

ވާލްޑް ބޭންކުން ވެސް ވަނީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރަމުން އަންނަ ކަމަށް ފާހަގަކޮށްފައެވެ. އަދި މެދުރާސްތާގައި ރާއްޖޭގައި ހަ ޕަސެންޓު ކުރިއަރާނެ ކަމަށް ވާލްޑް ބޭންކުގެ ރިޕޯޓުގައިވެއެވެ. ވާލްޑް ބޭންކުން ވަނީ ރާއްޖޭގެ އިގްތިސާދު ކޮވިޑުގެ ކުރިން ރާއްޖޭގެ އިގްތިސާދު އޮތް މިންވަރަށް ރުޖޫއުވެފައިވާ ކަމަށް ބުނެފައެވެ.