އަރަބިއްޔާ ސްކޫލަކީ މީގެކުރީގެ އަރަބިއްޔާ އެއް ނޫން ކަމަށާއި އެ ސްކޫލަށް ބޮޑެތި ބަދަލުތަކެއް ވޭތުވެދިޔަ ހަތަރު ވަރަކަށް މަސް ދުވަހުގެ ތެރޭގައި ގެނެސްފައި ވާނެ ކަމަށް އެ ސްކޫލުގެ ޕްރިންސިޕަލް ހުސައިން ސައީދު ވިދާޅުވެއްޖެއެވެ.
އަރަބިއްޔާ ސްކޫލާ ގުޅޭ ގޮތުން ބައެއް މީޑިއާތަކުގައި ދެކެވެމުން އަންނަ ވާހަކަތަކާއި ގުޅޭ ގޮތުން “ހަތާވީސް” އިން ސުވާލު ކުރުމުން ސައީދު ވަނީ އެ ހުރިހާ ވާހަކަތަކެއް ދޮގުކޮށްފައެވެ. އެގޮތުން ބައެއް މީޑިއާތަކުގައި ވަނީ ނިގާބު އަޅައިގެން ސްކޫލަށްދާ ދަރިވަރުންގެ ނިގާބު އެކުދިންގެ ނުރުހުމުގައި ސްކޫލުން ނަގާފައިވާ ކަމަށާއި ބައެއް ދަރިވަރުން ގާތުގައި އެކުދިން ބޮޑުވެގެން ވާން ޓެރަރިސްޓަކަށްތޯ ސްކޫލުން އަހާފައިވާ ކަމަށް ބުނެފައިވެއެވެ.
”އެފަދަ އެއްވެސް ވާހަކައެއް ދަރިވަރުން ގާތުގައި ސްކޫލުން ބުނެފައެއް ނުވާނެ. އެ ވާހަކަތަކަކީ އެކަމުގައި އެއްވެސް އަސްލެއް އެކުލެވިގެންވާ ވާހަކަތަކެއް ނޫން" ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ އޭނާ ހަވާލުވުމުގެ ކުރިން އަރަބިއްޔާ ސްކޫލާއި އަދި މިހާރާއި ވަރަށް ބޮޑު ތަފާތެއްވާ ކަމަށެވެ. އަދި އެ ސްކޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން އޭނާ ވަނީ އެ ސްކޫލަށް ވޭތުވެދިޔަ ހަތަރު ވަރަކަށް މަސް ތެރޭގައި އައިސްފައިވާ ބައެއް ބަދަލުތަކެއް ހިއްސާ ކޮށްދެއްވާފައެވެ.
"އަޅުގަނޑު ހަވާލުވިއިރު އެ ސްކޫލުގައި ލެބޯރަޓީއެއް ނެތް. މިހާރު ލެބޯރަޓަރީއެއް ވާނީ ގާއިމުކޮށްފައި. އަޅުގަނޑު ހަވާލުވިއިރު ދެ ސެޝަނަށް ބޭނުން ކުރެވޭނެ ގޮތަކަށް ލައިބްރަރީއެއް ނެތް. މިހާރު އެކަން ވެސް ވާނީ ހަމަޖައްސާފައި. 19 ކްލާސްރޫމު ހުރިއިރު ޓީވީ ހުރީ 9 ކުލާސް ރޫމުގައި. މިހާރު ވާނީ އަނެއް 10 ކުލާސްރޫމުގައި ޓީވީ ބަހައްޓައި ދީފައި،" އަރަބިއްޔާ އަށް ގެނެސްފައިވާ ބައެއް ބަދަލުތައް ހިއްސާ ކުރައްވަމުން ސައީދު ވިދާޅުވިއެވެ.
މީގެއިތުރުން ގައުމީ ގަދަ 10އެއްގައި އަރަބިއްޔާގެ ދަރިވަރުން ހިމެނުމުގެ ފުރުސަތު ފަހިކޮށްދީފައިވާނެ ކަމަށާއި އަދި މީގެކުރިން އަރަބިއްޔާގެ ދަރިވަރުންނަށް ލިބެމުން ދިޔަ ރައީސުލްޖުމްހޫރިއްޔާ ސްކޮލާޝިޕު ހުއްޓިފައި އޮތުމުން އެކަންވެސް އަލުން އިޔާދަކޮށް، އެ ސްކޫލުގެ ދަރިވަރުންނަށް ލިބޭނެ ގޮތް މިހާރު ހަމަޖައްސާފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ލީޑިން ޓީޗަރުން މެދުވެރިކޮށް ސްކޫލުގައި ކިޔަވާ ދެމުން އަންނަ ޓީޗަރުންގެ ފެންވަރު ވެސް ބަލަމުން އަންނަ ކަމަށެވެ
"އެކަމަކު ދަންނަވަންތޯ މިއީ ސަރުކާރު ސްކޫލެއް. އެޑިއުކޭޝަންގެ އުސޫލުތައް މި ސްކޫލަށް ހިނގާނެ. އެހެންވީމަ ޔުނީފޯމު ކޯޑު ފަދަ އުސޫލުތަކަކީ އެ އޮންނަ އުސޫލަކުން ކޮންމެ ކުއްޖަކަށް ވެސް ހިނގާނެ އުސޫލެއް،" ސައީދު ވިދާޅުވިއެވެ.
އިސްކަންދަރު ސްކޫލުގެ ވެސް ޕްރިންސިޕަލްކަން ކުރައްވަމުން އަންނަ ސައީދު ވިދާޅުވި ގޮތުގައި މައްސަލަ ދިމާވެގެން އުޅެނީ ބައެއް ކުދިންތައް އެ ޔުނީފޯމް ކޯޑާ ހިލާފަށް ސްކޫލަށް އަންނާތީ އެކަން އިސްލާހު ކުރުމަށް ސްކޫލުން އެދުމުން ކަމަށެވެ. އަދި އެކުދިންގެ ބެލެނެވެރިންނަށް ވެސް އެކަން އަންގާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"މިކަމުގެ ތެރޭގައި އުޅެނީ ވަރަށް މަދު ބެލެނެވެރިންތަކެއް. ގާތްގަނޑަކަށް ހައެއްކަ ބެލެނެވެރިން،" މީޑިއާތަކުގައި ތަފާތު އަރަބިއްޔާއާ ގުޅޭ ގޮތުން ތަފާތު އެކި ވާހަކަތައް ދައްކަމުން އަންނަ ފަރާތްތަކާއި ގުޅޭ ގޮތުން މިވަގުތު ރާއްޖޭގައި ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޕްރިންސިޕަލް ސައީދު ވިދާޅުވިއެވެ.
ސައީދު ފާހަގަކުރެއްވި ގޮތުގައި ޔުނީފޯމް ކޯޑަކީ ވަކި ކުދިންތަކަކަށް ނުވަތަ ކުއްޖަކަށް އޮންނަ އެއްޗެއް ނޫނެވެ. އެއީ ހުރިހާ ސްކޫލެއްގެ ދަރިވަރުންނަށް ވެސް އެ އެއްޗަކަށް އަމަލުކުރުން ލާޒިމް އެއްޗެއް ކަމަށް ސައީދު ފާހަގަކުރެއްވިއެވެ.