ޑިމޮކްރަސީ ހަރުދަނާކުރުމަށްޓަކައި ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް، އެމެރިކާގެ ހާރިޖީ ވަޒީރު، އެންތަނީ ބްލިންކަން ރާއްޖެއަށް ތައުރީފު ކުރައްވައިފިއެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކަން ރާއްޖެއަށް ތައުރީފު ކުރައްވާފައި ވަނީ، އެމަރިކާގެ ރައީސް، ހިޒް އެކްސެލަންސީ ޖޯ ބައިޑަން އިންތިޒާމުކުރެއްވި ސަމިޓް ފޯ ޑިމޮކްރަސީގެ ސެޝަނެއްގައި "އެޑްވާންސިން ޓެކްނޮލޮޖީ ފޯ ޑިމޮކްރަސީ" އެ މައުޟޫއަށް ވާހަކަފުޅު ދައްކަވަމުންނެވެ.
ސެކްރެޓަރީ ބްލިންކަންގެ ވާހަކަފުޅުގައި ވަނީ ޑިމޮކްރަސީގެ އަސާސްތައް ކުރިއަރުވައި އެނިޒާމާ ގުޅުންހުރި މުއައްސަސާތައް ވަރުގަދަކޮށް ރައްޔިތުންނަށް އެކަންކަމުގެ ހެޔޮ ނަތީޖާ ދެއްކުމަށްޓަކައި އެކި ގައުމުތަކުން ޓެކްނޮލޮޖީ ބޭނުންކުރާ ގޮތް ފާހަގަކުރެއްވިއެވެ. އެގޮތުން، ގައުމުތަކުގެ މިސާލު ޖައްސަވަމުން އެންމެ ފުރަތަމަ މިސާލަކަށް ނެންގެވީ ދިވެހިރާއްޖޭގައި ވީޑިއޯ ޓެކްނޮލޮޖީގެ އެހީގައި ވާޗުއަލްކޮށް ޝަރީއަތުގެ އަޑުއެހުންތަކުގައި ބައިވެރިވެވޭނެ އިންތިޒާމު ހަމަޖައްސަވާފައިވާ ކަމެވެ.
ދިވެހިރާއްޖޭގައި ހަމަޖެހިފައިވާ އެ އިންތިޒާމުގެ ސަބަބުން ގާޟީންގެ ވަގުތު ސަލާމަތްކުރެވި ރައްޔިތުންގެ އަތުން ދާ ހަރަދުތައް ކުޑަކުރެވޭ ކަން ސެކްރެޓަރީ ބްލިންކަން ފާހަގަކުރެއްވިއެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި ދެން ފާހަގަކުރައްވާފައިވަނީ އެސްޓޯނިއާގައި އާއްމު ހިދުމަތްތައް ހޯދުމަށް ހަމަޖެހިފައިވާ ލުއި ފަސޭހަތަކާއި މެލޭޝިއާގައި އަލަށް އިންތިހާބުގައި ވޯޓުލުމަށް ޝަރުތުހަމަވި ފަރާތްތައް ވަގުތުން އޮންލައިންކޮށް ރަޖިސްޓާ ކުރުމަށް އެގައުމުން ހަމަޖައްސާފައިވާ އިންތިޒާމުތަކެވެ.
މީގެއިތުރުން އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ޑިމޮކްރަސީ ޙިމާޔަތްކޮށް ކަށަވަރުކުރުމަށްޓަކައި ޓެކްނޮލޮޖީގެ މުހިއްމުކަމާއި ޓެކްނޮލޮޖީގެ ސަބަބުން މުޖުތަމައު އަށް އަންނަ ބަދަލުތައް ފާހަގަކުރައްވައި މުސްތަގުބަލަށް ވިސްނައި ޓެކްނޮލޮޖީގެ އެހީގައި ޑިމޮކްރަސީ ކުރިއެރުވައި ހިމާޔަތްކުރުމަށް ކުރެވޭނެ ކަންކަމާއި އެކަމާ ގުޅޭގޮތުން އެމެރިކާގައި މިހާރު ވެސް ކުރަމުން އަންނަ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ.
ޑިމޮކްރަސީ އާއި އަދުލު އިންސާފު ހަރުދަނާކޮށް ކުރިއެރުވުމަށްޓަކައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ދަނޑިވަޅެއްގައި ސެކްރަޓަރީ ބްލިންކަންގެ ވާހަކަފުޅުގައި އެތައް ސަތޭކަ ގައުމެއްގެ ތެރެއިން އެންމެ ފުރަތަމަ މިސާލަކަށް ދިވެހިރާއްޖެ ގެނައުމަކީ އަދުލު އިންސާފު ގާއިމުކޮށް ކަށަވަރު ކުރުމަށާއި ޑިމޮކްރަސީއާއި ޑިމޮކްރަސީގެ އަސާސްތައް ކުރިއަރުވައި ރައްކާތެރިކުރުމަށްޓަކައި ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތްތައް އެމެރިކާގެ ސަރުކާރުން ފާހަގަކޮށް ބަލައިގެންފައިވާކަމުގެ ނިޝާނެކެވެ.