މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި ފިތުރު ޒަކާތުގެ ގޮތުގައި 1.3 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

ފާއިތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ފިތުރު ޒަކާތުގެ ގޮތުގައި ލިބިފައިވާ މިންވަރު އިސްލާމިކް މިނިސްޓްރީން މިއަދު ވަނީ ހާމަ ކޮށްފައެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި ފިތުރު ޒަކާތުގެ ގޮތުގައި 1،310،160 ރުފިޔާ ވަނީ ލިބިފައެވެ.

ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެންމެ ފަހު ދުވަހާ ހަމައަށް ޒަކާތް ބަލައިގަންނާނެއެވެ. ޒަކާތް ބަލައިގަންނަން ހަމަޖެހިފައިވަނީ މިނިސްޓްރީން ކަނޑައަޅާފައިވާ ގޮވާމުގެ ބާވަތްތަކުގެ 2.4 ކިލޯގެ އަގަށްވާ ފައިސާއިންނެވެ.
ފިތުރު ޒަކާތުގެ ނިސާބު
– އާދައިގެ ހަނޑޫ: 12ރ.

– ތައިލެންޑު ހުދު ހަނޑޫ: 84ރ.

– ރަތް ހަނޑޫ: 99ރ.

– އާދައިގެ ބާސްމަތީ ހަނޑޫ: 84ރ.

– މޮޅު ބަސްމަތީ ހަނޑޫ: 100ރ.

– އެންމެ މޮޅު ބާސްމަތީ: 125ރ.

– އާދައިގެ ފުށް: 12ރ.

– އާޓާ ފުށް: 75ރ.

މިނިސްޓްރީން އާއްމު ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި 1441 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަހު 1.5 މިލިއަން ރުފިޔާ ޒަކާތުގެ ގޮތުގައި ލިބިފައިވާއިރު، 1442 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަހު 9 ލައްކައަށްވުރެ ގިނަ ރުފިޔާ އަދި، 1443 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަހު އެއް މިލިއަން ރުފިޔާ ލިބިފައިވެއެވެ.