މިއަހަރު (1444 ވަނަ އަހަރު) ރާއްޖެ އިން ހައްޖަށް މީހުން ގެންދިޔުމަށް ޝައުގުވެރިވާ ފަރާތްތަކުން އަލުން ޕްރޮޕޯސަލް ހުށަހެޅުމަށް އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ މިއަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ދިވެހިރާއްޖެއިން މީހުން ހައްޖަށް ގެންދިޔުމަށް ހުޅުވާލުމާ ގުޅިގެން، އެކަމުގެ ޝައުގުވެރިކަން ފާޅުކޮށް އެ މިނިސްޓްރީއަށް ހުށަހަޅާފައިވާ ބިޑުތަކުގައި ހައްޖުގެ އަޅުކަމުގެ ހިދުމަތަށް އެކަށީގެންނުވާ އަގުތަކެއް ހުށަހަޅާފައިވުމާއި، ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިއުމާއި ބެހޭ އުސޫލާއި މައުލޫމާތު ކަރުދާހުގައި، ހައްޖު ޕްރޮޕޯޒަލް ފޮތް ހުށަހަޅާއިރު ފުރިހަމަކުރަން ޖެހޭނެ ކަމަށް ބުނެފައިވާ އަސާސީކަންކަން ފުރިހަމަކޮށްފައި ނުވާ ކަމަށެވެ.

އެ މިނިސްޓްރީން ބުނީ އެކަމުގެ ސަބަބުން ވާދަވެރި ބިޑަކަށް ދިއުމުގެ ފުރުސަތު ނެތުމާއެކު މިހާލަތުގައި އެންމެ ރަނގަޅު ގޮތަކީ ކުންފުނިތަކުން ހުށަހެޅި ބިޑުތައް ބާތިލްކޮށް، އަލުން އެކުންފުނިތަކަށް ބިޑު ހުށަހެޅުމުގެ ފުރުސަތު ދިނުން ކަމަށެވެ.

އަލުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލި ނަމަވެސް ހައްޖަށް ގެންދިޔުމަށް ހުށަހަޅާފައިވާ އަގު ފިޔަވާ ބިޑު އިވެލުއޭޝަން ކްރައިޓީރިއާއަށް އެއްވެސް ބަދަލެއް ގެނެސްފައިނުވާނެ ކަމަށެވެ.
ބިޑު ހުށަހެޅޭނީ 75000 ރުފިޔާ އާއި 95000 ރުފިޔާއާ ދެމެދުގެ އަގަކަށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. ބިޑު ހުށަހެޅުމުގެ މިމަހުގެ 13ވަނަ ދުވަހުގެ ހެނދުނު 10:00 އަށެވެ. މައުލޫމާތު ދިނުމަށް ބާއްވާ ޕްރީ-ބިޑް މީޓިން މިމަހުގެ ހަވަނަ ދުވަހުގެ ހެނދުނު 10:00ގައި އިސްލާމިކް މިނިސްޓްރީގައި ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ދިވެހިރާއްޖެ އިން މީހުން ހައްޖަށް ގެންދިއުމަށް ހުއްދަ ދޭނީ ހުށަހަޅާ ކުންފުނިތައް އިވެލުއޭޓްކުރުމަށްފަހު އެންމެ މަތިން ޕޮއިންޓް ލިބޭ ތިން ކުންފުންޏަކަށް ކަމަށާއި ރާއްޖެއަށް ލިބޭ ރަސްމީ ކޯޓާ ތެރެއިން، ހައްޖު ކޯޕަރޭޝަންގެ އިތުރުން ހުއްދަ ލިބޭ ކޮންމެ ކުންފުންޏަކަށް ދޭނީ 90 (ނުވަދިހަ) ކޯޓާއެވެ.

ސައުދީ ސަރުކާރުން މިއަހަރު ރާއްޖެ އަށް ވަނީ ކޮވިޑް19 ގެ ކުރިން ރާއްޖެ އިން މީހުން ހައްޖަށް ގެންދިއުމަށް ދެމުން ގެންދިޔަ އަދަދަށް ކޯޓާ ދީފައެވެ. އެއީ 1،000 ހައްޖު ކޯޓާއެވެ.