ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާއަށް އިންތިހާބުވި އަލީ ހަމީދު، ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީއަށް މިއަދު ސޮއި ކުރައްވައިފިއެވެ.

ދެހާސްނަވާރަ ވަނަ އަހަރުގެ މަޖިލިސް އިންތިހާބު އަލީ ހަމީދު ކާމިޔާބު ކުރެއްވީ 8 ކެންޑިޑޭޓުންނާ ވާއްދަކުރައްވައި، ބޮޑު ފަރަގަކުންނެވެ. އެއީ 242 ވޯޓުގެ ތަފާތުންނެވެ. އޭނާއާ އެންމެ ގާތުން ވާދަ ކުރެއްވި އެމްޑީޕީ ކެންޑިޑޭޓް އައްބާސް ސުލައިމާނެވެ.

ހިނގަމުންދާ 19 ވަނަ މަޖިލީހަށް ޖޭޕީގެ ފަސް މެމްބަރުން އިންތިހާބުވެވަޑައިގެންނެވިއެވެ. ނަމަވެސް މިހާރު މަޖިލީހުގައި ތިއްބެވީ ޖޭޕީގެ ދެ މެމްބަރުންނެވެ. އެއީ ޖޭޕީގެ ލީޑަރު، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިންނެވެ.

https://twitter.com/MDPSecretariat/status/1642820667006672897?s=20

ސަރުކާރުގެ މަގާމުތަކުގައި ޖޭޕީގެ ސްލޮޓްތަކުގައި ތިއްބެވި ބޭފުޅުން ވެސް ގެންދަވަނީ އެ ޕާޓީން ވަކިވާން ފަށާފައެވެ. ސަބަބަކީ ސަރުކާރު ކޯލިޝަންގައި ޖޭޕީ އޮވެ، ކުއްލިއަކަށް އެ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަ ކުރަން ނިންމުމުންނެވެ.

ރިޔާސީ އިންތިހާބަށް ފަސް މަހަށް ވެފައިވަނިކޮށް، ގާސިމް އިންތިހާބަށް ނުކުންނަވަން ނިންމެވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނާކާމިޔާބުވެވަޑައިގެންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމަނިކުފާ ބައްދަލު ކުރައްވައި، މަޝްވަރާތަކެއް ކުރެއްވިފަހުންނެވެ.

އަލީ ހަމީދު އެމްޑީޕީއަށް ސޮއި ކުރެއްވުމާ އެކު، އެ ޕާޓީގެ މަޖިލިސް މެމްބަރުންގެ އަދަދު 87 ވަނީ އަރާފައެވެ. އިދިކޮޅު ޕީޕީއެމާއި ޕީއެންސީގެ މަޖިލިސް މެމްބަރުންގެ އަދަދަކީ 8 އެވެ. އެމްޑީއޭ ދެ މެމްބަރުންނެވެ. އަދި ޖޭޕީގެ ވެސް ދެ މެމްބަރުންނެވެ.