ސޯޝަލް މީޑިއާގެ ޕްލެޓްފޯމެއް ކަމަށްވާ ޓްވީޓާގައި އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހީމް އިސްމާއީލް (އިބުރާ) ނެންގެވި ޕޯލަކުން ނިކުތް ނަތީޖާއާ މެދު ހުދު އިބުރާ ވެސް ސުވާލު އުފައްދަވައިފިއެވެ.
އިބުރާ ވަނީ ޓްވީޓާގައި މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން އާއްމުންނަށް ވޯޓު ލެވޭ ޕޯލެއް ހުޅުވާލައިފައެވެ. ވަގުތު ހަމަވެގެން ދިޔައިރު އެ ޕޯލަށް ވޯޓު ދިން ގިނަ މީހުން ބުނާ ގޮތުގައި މިފަހަރު އިންތިހާބުގައި އެފަރާތްތައް ވޯޓު ދޭނީ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހީމަށެވެ.
ގާސިމަށް ވޯޓު ދޭނެ ކަމަށް އިބުރާގެ ޕޯލުގައި ވޯޓުލީ 49 ޕަސެންޓު މީހުން ބުނެފައިވާއިރު އެ ޕޯލުން ދެވަނަ އަށް ގޮސްފައި ވަނީ ދާދިފަހަކުން އުފެއްދި ސިޔާސީ ޕާޓީއެއް ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފައިވާ ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމެވެ. އިބުރާގެ ޕޯލަށް ވޯޓުދިން 30 ޕަސެންޓު މީހުން ބުނެފައި ވަނީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި އެމީހުން ވޯޓު ދޭނީ ނާޒިމަށް ކަމަށެވެ.
https://twitter.com/ibramandhu/status/1642506693702737921?s=20
މި ޕޯލަށް ވޯޓުދިން މީހުންގެ 12 ޕަސެންޓު މީހުން ވޯޓުލާނެ ކަމަށް ބުނެފައި ވަނީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ. އެ ޕޯލަށް ވޯޓު ދިން ނުވަ ޕަސެންޓު މީހުން ވޯޓުލާނެ ކަމަށް ބުނެފައި ވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށެވެ.
ސާދަހާސް ތިންސަތޭކަ އަށްޑިހަ ހަތް މީހުން ވޯޓުލާފައިވާ އެ ޕޯލުގެ ރަސްމީ ނަތީޖާގެ ސްކްރީންޝޮޓާކާއެކު އިބުރާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ނަތީޖާއިން ދައްކަނީ މިހާރު ތާއީދު އޮތް ގޮތެއް ނޫން ކަމަށެވެ.
"ޕޯލް ހިނގަމުންދިޔައިރު އެކި ވަގުތު އެކި ގޮތަށް ބަދަލުވަމުން ދިޔަ. ފާހަގަވީ މުހިއްމު ކަންކަމަކީ ގާސިމް 45 ޕަސެންޓުގައި ހިފެހެއްޓިފައި ހުރިކަން. އިބޫ ވަރަށް ފަހާޖެހެންދެން 34 ޕަސެންޓުގައި އޮތްކަން،" އިބުރާ ވިދާޅުވިއެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބަކީ 2008ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބަށް ފަހު އެންމެ ގިނަ ކެންޑިޑޭޓުން އެއް އިންތިހާބެއްގައި ވާދަ ކުރައްވާނެ އިންތިހާބެވެ. ސެޕްޓެމްބަރު މަހުގެ 9ވަނަ ދުވަހު ބާއްވަން ނިންމާފައިވާ އެ އިންތިހާބުގައި އެމްޑީޕީއާއެކު އަދާލަތު ޕާޓީ އަދި އެމްޑީއޭ އިން ވަނީ ކޯލިޝަން ހަދައިފައެވެ. މިހާރު ސަރުކާރުގެ ކޯލިޝަން ޕާޓްނަރެއް ކަމަށްވާ ޖޭޕީން ވަކިން އިންތިހާބަށް ނިކުތުމަށް ނިންމިއިރު އެމްޑީޕީގެ މިހާރުގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނަށް ތާއީދު ކުރާ ފަރާތްތަކުން ވަނީ އިންތިހާބުގައި ޖޭޕީ އަށް ތާއީދު ކުރުމަށް ނިންމައިފައެވެ.