މާލޭ ސަރަހައްދުގެ ތޮށްޖެހުން ކުޑަކޮށް ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމުގެ ގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި، 2001ވަނަ އަހަރު އުފެއްދި މިހާރުގެ ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) ރީބްރޭންޑުކޮށް ކުންފުނީގެ ނަން އާބަންކޯގެ ނަމަށް ބަދަލުކޮށްފިއެވެ.
އެޗްޑީސީ އަށް މިއަދު ވަނީ 22 އަހަރު ފުރިފައެވެ. އަހަރީ ދުވަހާއި ގުޅިގެން ސެންޓްރަލް ޕާކުގައި މިރޭ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. ކުންފުނި ރީބްރޭންޑްކޮށް ނަން ބަދަލު ކޮށްފައި ވަނީ އެ ރަސްމިއްޔާތުގައެވެ.
ކުންފުނީގެ އަމާޒަކީ މިހާރު، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވެސް ސަރުކާރުގެ ވިސްނުމާއި އެއްގޮތަށް، ކައުންސިލްތަކާއި ގުޅިގެން ގެނެވެން ހުރި ތަރައްޤީގެ މަސައްކަތްތައް ބަލާ، ލިބިފައިވާ ތަޖުރިބާ އާއި ހޯދިފައިވާ ކާމިޔާބީތަކުގެ ބޭނުންކޮށް ރައްޔިތުންނަށް ފައިދާ ހުރި ކަންތައްތައް ކުރުމަށް ކުންފުނި ފުޅާ ކުރުމެވެ.
އާބަންކޯ ކުޑައިގެ ހިޔަލުގައި ހުޅުމާލެ އެކަނި އޮތުން ބަދަލުކޮށް، ބިޔޯންޑް ހުޅުމާލޭގެ ވިސްނުމާއި އެކު ތަޢާރަފު ކުރުވުނު އާބަންކޯ ބްރޭންޑިންގް ވެގެން ދާނީ މިހާރު އެ ކުންފުނިން ދޭ ޙިދުމަތްތައް ފުޅާ ކުރުމަށް ކުރެވޭ މުހިއްމު މަސައްކަތަކަށް ކަމަށް އެކުންފުނިން ބުނެއެވެ.
އަދި ކުންފުނީގެ ބްރޭންޑް ލޯގޯ އިފްތިތާޙް ކުރެވިފައި ވާއިރު، ބްރޭންޑުގެ އަސްލެއް ކަމުގައި ބަލާފައި ވަނީ ރައްޔިތުން ދެކޭ ހުވަފެންތައް ހަޤީގަތަކަށް ހަދާ ދޭނެ ބައިވެރިއަކީ އާބަންކޯ ކަމަށް އެކުންފުނިން ބުނެއެވެ.
މީގެ އިތުރުން، ކުންފުނީގެ އާ މޮބައިލް އެޕްލިކޭޝަން، އާބަންކޯ އެޕް ވަނީ މިއަދު ލޯންޗްކޮށްފައެވެ. މިހާރު ކުންފުނިން ދޭ ހުރިހާ ޙިދުމަތެއް ފަސޭހަކަމާއި އެކު އެއްތަނަކުން ހޯދޭނެ މަގު އެ އެޕްލިކޭޝަން މެދުވެރިކޮށް ފަހިވެގެންދާނެއެވެ.
“ހުޅުމާލެއިން ފެށި މި ބިއަ ބޮޑު ދަތުރު، ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާ މިއަދު މިވަނީ މުޅި ރާއްޖެ ވެސް މި ދަތުރުގެ ބައިވެރިއަކަށް ހެދުމަށް ފެށިފައެވެ. ޒަމާނީ ތަރައްޤީ އާއި ރައްޔިތުންގެ ހިތްހަމަޖެހުމަށް މަސައްކަތް ކުރުމަކީ އަރބަންކޯގެ އަމާޒެވެ،” އެކުންފުނިން ބުނެއެވެ.
އާބަންކޯ އިން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން ދާނީ، ރައްޔިތުންނަށް ލާބަ އާއި މަންފާ ލިބޭނެ ގޮތްތައް އިސްކޮށްގެން ކަމަށެވެ.