ހުޅުމާލެއިން ގޯތި ލިބުނު ކަމަށް ބުނެ ސޯޝަލް މިޑިއާގައި ފަތުރަމުންދަނީ ދޮގު ހަބަރެއްކަން ހާމަވެއްޖެއެވެ.
ރިޔާސީ އިންތިހާބާ ދިމާކޮށް ހުޅުމާލޭ ދެވަނަ ފިޔަވަހިން ގޯތި ބަހަމުންދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދަނީ ލިސްޓެއް ދައުރު ކުރުވަމުންނެވެ. އެ ލިސްޓު ދައްކާ ގޮތުން ގޯތި ލިބިފައިވަނީ ރައީސް ސާލިހުގެ އުފަން ރަށް، ޅ. ހިންނަވަރު މީހުންނަށެވެ. ނަމަވެސް އެއީ ކަމުގެ ހަގީގަތް އޮޅޭ ގޮތަށް ފަތުރަމުންދާ ލިސްޓެއްކަން ވަނީ ހާމަވެފައެވެ.
އެ ލިސްޓަށް ބަލާލުމުން އެއީ ހިންނަވަރު ކައުންސިލުން އާންމުކޮށްފައިވާ އެ ރަށު ގޯއްޗަށް އެދި ކުރިމަތިލާފައިވާ ފަރާތްތަކުގެ ދާއިމީ ލިސްޓުކަން އެނގެއެވެ.
އެ ލިސްޓަކީ މާޗް މަހުގެ 29 ވަނަ ދުވަހު އާއްމުކޮށްފައިވާ ލިސްޓެއްކަން ހިންނަވަރު ކައުންސިލުން ނެރެފައިވާ ނޫސްބަޔާނަކުން ހާމަވެއެވެ.
https://twitter.com/ahmadmauroof/status/1642124389176188931?s=46&t=xapWNGbbfBd0uN9xb5fzNA
އެ ނޫސްބަޔާނުގައި ބުނީ އާއްމުކޮށްފައިވާ ލިސްޓަކީ ދޫކުރުމަށް ހަމަޖެހިފައިވާ 200 ގޯއްޗަށް ވުރެ އިތުރުވާތީ އެންމެ ފަހުގެ ހަތް ގޯތީގެ ވެރިފަރާތް ކަށަވަރުކުރުމަށް ހަމަޖެހިފައި ވަނީ އެއްވަރަށް ޕޮއިންޓު ހާސިލްކޮށްފައިވާ ފަރާތްތަކުން ނެގޭ ގުރުއަތުން ކަމަށެވެ. އެލިސްޓަކީ ގުރުއަތަށްދާ ފަރާތްތަކުގެ ލިސްޓެވެ.
ހިންނަވަރު ކައުންސިލްގެ ނޫސްބަޔާން:
މި ސަރުކާރުގެ މާލެ ސަރަހައްދުން ދޫކުރަން ނިންމާފައިވާ ގޯއްޗާއި ފްލެޓަށް އެދި 35،861 ފޯމު ހުށަހަޅާފައިވެއެވެ.
ރައީސް ސާލިހު ވައުވެވަޑައިގެންފައި ވަނީ މާލެ ސަރަހައްދުން 5،000 ވުރެ ގިނަ ގޯތި ދޫކުރާނެކަމަށެވެ. އެއީ ހުޅުމާލެ ދެވަނަ ފިޔަވަހި، ގުޅީފަޅު، އަދި ގިރާވަރު ފަޅުންނެވެ.
ސަރުކާރުން އަޅަނީ 32 ޓަވަރުގައި 4،000 ފްލެޓެވެ. އަދި ސަރުކާރު އަމާޒު ހިފާފައިވަނީ އޮގަސްޓަށް މީހުންނަށް ދިރިއުޅެވޭ ވަރަށް އޭގެ ތެރެއިން 13 ޓަވަރެއް ނިންމާލުމެވެ.
އެ ޕްރޮޖެކްޓުގައި ހިމެނެނީ 17 އަދި 18 ބުރީގެ ޓަވަރުތަކެވެ. ކޮންމެ ފްލޯއެއްގައި އަށް ހައުސިންގް ޔުނިޓް ހުންނައިރު އޭގެ ތެރޭގައި ހިމެނެނީ ދެ ކޮޓަރީގެ 1،200 ފްލެޓާއި ތިން ކޮޓަރީގެ 2،800 ފްލެޓެވެ.