ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދެވަނަ ދައުރަކަށް އިންތިހާބު ކުރުމަށް ތާއީދު ކުރަނީ އެއްވެސް ޝަރުތަކާއި ނުލާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް ވިދާޅުވެއްޖެއެވެ.

ޑރ. މައުސޫމް ޓޫރިޒަމް މިނިސްޓަރު ކަމަށް ވަޑައިގަތީ ޖުމްހޫރީ ޕާޓީގެ ސްލޮޓުގައެވެ. ނަމަވެސް އެޕާޓީން ވަނީ މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވަކިން ވާދަ ކުރުމަށް ނިންމައިފައެވެ. އެއާއެކު ޖޭޕީގެ ސްލޮޓުތަކުގައި ތިބި ސަރުކާރުގެ ބައެއް އިސްވެރިން އަންނަނީ އެޕާޓީން ވަކިވަމުންނެވެ. އަދި ރައީސް ސޯލިހަށް އެބޭފުޅުންގެ ތާއީދު އޮތްކަން އަންނަނީ ހާމަ ކުރަމުންނެވެ.

ރޭގެ ވަގުތެއްގައި މިނިސްޓަރު މައުސޫމު ވަނީ ސޯޝަލް މީޑިއާ އަށް ފޮޓޯއެއް ދޫކޮށްލެއްވިއެވެ. އެއީ ވަޒީރުކަމުގެ ހުވާ ކުރެއްވިއިރު މަގާމުގެ ލިޔުން އޭނާ އަށް ރައީސް ސޯލިހު އަރުވާ މަންޒަރުގެ ފޮޓޯއެކެވެ. މައުސޫމް ވަނީ ފޭސްބުކް އަދި ޓްވީޓާގެ ކަވާ ފޮޓޯއަކަށް އެ ފޮޓޯ ވަނީ ބަދަލުކުރައްވައިފައެވެ. ނަމަވެސް އެކަމާއި ގުޅޭ ގޮތުން އެއްވެސް ވާހަކައެއް ނުދައްކަވައެވެ.

https://twitter.com/Mausoom_Maus/status/1642202725579464707?s=20

މިރޭ މިނިސްޓަރު މައުސޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސަށް ދެވަަނަ ދައުރެއް ލިބުމަކީ ރާއްޖެއަށާއި ރައްޔިތުންނަށް އަދި މުޅި ދިވެހި ދައުލަތަށް ވެސް އެންމެ ފައިދާ ބޮޑު ގޮތް ކަމަށެވެ. އެގޮތުން ރައީސް ސޯލިހަށް އެއްވެސް ޝަރުތަކާ ނުލައި ތާއީދުކުރަން ނިންމީ ކަމަށް މައުސޫމް ވިދާޅުވިއެވެ.

ޖޭޕީގެ ސްލޮޓުގައި ވަޒީރު ކަމަށް ވަޑައިގެން ތިއްބެވީ ތިން ބޭފުޅެކެވެ. އެއީ ޓޫރިޒަމް މިނިސްޓަރު މައުސޫމުގެ އިތުރުން ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަނާއި ޓްރާންސްޕޯޓު މިނިސްޓަރު އަދި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމްގެ އަނބިކަނބަލުން އާއިޝަތު ނަހުލާއެވެ. މި ދެބޭފުޅުން އަދި ގޮތެއް ނުނިންމަވައެވެ.

ރައީސަށް ތާއީދު ކުރައްވާ ޖޭޕީން ވަކިވެވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި އެމްޑަބްލިއުއެސްސީގެ އެމްޑީ ހަސަން ޝާހު އާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމާއި އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖުގެ ޑެޕިއުޓީ މިނިސްޓަރު ވަލީދާ ވަލީދާއި ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގައި ހުންނެވި އަހްމަދު ސަމީރު އަދި އިމިގްރޭޝަންގެ ކޮންޓްރޯލާ ވެސް ވަނީ ޖޭޕީން ވަކިވެފައެވެ.