ރޭ ދަންވަރު ސިޓީ ކައުންސލުން ފެޅި ގުދަނަކީ އެއްވެސް ވެރިޔަކު ނެތް ގުދަނެއް ނޫން ކަމަށް ސިޓީ ކައުންސިލުން ބުނެފިއެވެ.
ރޭ ޔޫތް މިނިސްޓްރީގެ ބިމެއްގައި ހުރި މުދާތަކެއް ސިޓީ ކައުންސިލުން ވަނީ ގެންގޮސްފައެވެ. މިނިސްޓަރު އަހުމަދު މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ މިނިސްޓްރީގެ ބިމެއްގެ ތެރެއަށް ސިޓީ ކައުންސިލުން ވަދެ ގުދަނުގެ ތަޅުހަލާކުކޮށްލާފައިވާ ކަމަށެވެ. ގުދަންކޮށްފައި ހުރި އަގުބޮޑު ސާމާނުތައް ގެންގޮސްފައިވާ ކަމަށް ޓްވިޓާގައި ފޮޓޯއެއް ހިއްސާކުރައްވާ މަހުލޫފް ވިދާޅުވިއެވެ.
އެ މުދާތައް ގެންދަނިކޮށް ހުއްޓުވީ މިނިސްޓްރީގެ މުވައްޒަފުންނާ ގުޅިގެން ފުލުހުންނެވެ.
އެކަން ވަގުތުން ހުއްޓާލުމަށް މަހުލޫފް ވަނީ ސިޓީ ކައުންސިލްއަށް ގޮވާލާފައެވެ. އަދި ގެއްލޭ ތަކެއްޗާއި ގެއްލުންލިބޭ ތަކެއްޗަށް ޒިންމާ އުފުލަންވާން ޖެހޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
އެކަމާއި ގުޅިގެން ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ އެ ގުދަން ހަދާފައިވަނީ ސިޓީ ކައުންސިލުން ހުއްދަ ދީގެން ނޫން ކަމަށާއި އެތަނަކީ އެއްވެސް ބަޔަކަށް ކުއްޔަށް ދޫކޮށްފައިވާ ތަނެއްކަން ލިޔެކިޔުމުން އެނގެން ނެތް ކަމަށެވެ.
އެ ގުދަނަކީ ހުއްދަ ނެތި ބޭނުންކުރަމުންދާ ތަނަކަށްވާތީވެ ވެރިފަރާތް ހޯދަން ޑިސެމްބަރު މަހު ސަރުކާރުގެ ގެޒެޓްގައި އިއުލާން ކޮށްފައިވާނެ ކަމަށް ކައުންސިލުން ބުންޏެވެ.
އެކަމަކު މާޗް މަހުގެ 31 ގެ ނިޔަލަށް އެ ގުދަން ބޭނުންކުރަމުންދާ ކަމުގެ ލިޔުން އެއްވެސް ފަރާތަކުން ހުށަހަޅާފައި ނުވާތީވެ އެއި ވެރިފަރާތެއް ނުވާ ތަނެއް ކަމަށް ކަނޑައަޅައި ގުދަން ހުސްކޮށް އެ ތަނުގައި ހުރި ތަކެތި އެހެން ތަނަކަށް ބަދަލުކުރުމުގެ މަސައްކަތް ފެށީ ކަމަށެވެ. އެ މަސައްކަތް ފެށީ އެ ގުދަނަކީ ކައުންސިލަށް މަންފާއެއް ނުލިބޭ ތަނަކަށްވާތިވެ އާއި އެ ބިމުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފުމުގެ ބޭނުމުގައި ކަމަށް ކައުންސިލްގެ ބަޔާނުގައި ބުންޏެވެ.
އަދި ގުދަން ހުސްކުރުމުގެ މަސައްކަތްކުރަނީ ގާނޫނާއި ގަވާއިދާ އެެއްގޮތަށް ކަމަށް ކައުންސިލުން ބުންޏެވެ.