ފެބްރީޒިއޯ ރޮމާނޯއާއެކު އަރުތަ ޕްރޮގުރާމް ފަށައިފި

އިޓަލީގެ މަޝްހޫރު ކުޅިވަރު ނޫސްވެރިޔާ ފެބްރީޒިއޯ ރޮމާނޯ ޝަރަފުވެރިކޮށްދިން ރަސްމިއްޔާތަކާއެކު ދިވެހި އެތުލީޓުންގެ ފެންވަރު މަތިކުރުމަށް ޔޫތު މިނިސްޓްރީން ޕްލޭން ކުރި "އަރުތަ ޕްރޮގުރާމު" ރަސްމީކޮށް ފަށައިފިއެވެ.

ގައުމީ ކުޅިވަރު އެތުލީޓުންނަށް ހާއްސަކޮށް ހުޅުމާލޭ ސްޕޯޓްސް ކޮމްލެކްސްގައި ގާއިމްކުރި "އަރުތަ ޖިމް" ހުޅުވުމާ އެކުގައި "އަރުތަ ޕްރޮގްރާމް" ލޯންޗްކުރީ އިއްޔެއެވެ. މި ރަސްމިއްޔާތުގައި އެތުލީޓުންނާއި، އެސޯސިއޭޝަންތަކުގެ އިސްވެރިންގެ އިތުރުން ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް ބައިވެރިވަޑައިގަތެވެ.

ދިވެހި ކުޅިވަރު އެތުލީޓުންނަށް އިންގިލާބީ ބަދަލެއް ގެނުވާނެ ކަމަށް ޔޫތު މިނިސްޓްރީން ބުނާ މި ޕްރޮގުރާމު ޝަރަފުވެރިކޮށްދެއްވީ ދުނިޔޭގެ އެންމެ މަގުބޫލް ޓްރާންސްފާގެ ޙަބަރުތަކަށް ހާއްސަ ފެބްރީޒިއޯއެވެ. އޭނާ ވަނީ މީގެ ކުރިން މޯލްޑިވްސް ސްޕޯޓްސް އެވޯޑް ޝޯއާއި ކުޅިވަރު ނޫސްވެރިންނާއި ޔޫތު މިނިސްޓްރީގެ ސްޓާފުންނާ ދެމެދު ކުޅުނު އެކުވެރިކަމުގެ މެޗެއްގައި ވެސް ބައިވެރިވެފައެވެ.

ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވީ މި ޖިމް ހުޅުވުމާ އެކު، އަމިއްލަ ޖިމްތަކުގައި ކުޅުންތެރިންނާއި އެތުލީޓުން ތަމްރީނު ހަދަން އުޅެންޖެހުނު ދަތިހާލު ނިމުމަކަށްގެނެވުނީ ކަމަށެވެ. ސްޕޯޓްސް މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ބުނީ، އެއްވެސް ކުޅިވަރެއް އިސްތިސާނުކޮށް، ހުރިހާ ކުޅިވަރެއް ހިމެނޭހެން ގައުމީ ފެންވަރުގެ ކުޅުންތެރިންނާއި އެތުލީޓުންނަށް މިތަން ބޭނުންކުރެވޭނެ ކަމަށެވެ.

ރާއްޖޭގެ ކުޅިވަރުގެ މުސްތަގްބަލްގެ އާ ޖީލު ބިނާކުރުމަށް "އަރުތަ" ޕްރޮގްރާމްގެ ނަމުގައި ޚާއްސަ ޕްރޮގްރާމެއް ރަސްމީކޮށް ލޯންޗުކުރަން އެންމެ ފުރަތަމަ މަސައްކަތް ކުރީ މިދިޔަ އަހަރު ނޮވެމްބަރު މަހު އެވެ. އެކަމަކު، އެކި އެކި ކަންކަމާ ހުރެ ރަސްމީކޮށް "އަރުތަ ޕްރޮގްރާމް" ލޯންޗްނުކުރެވުނު ނަމަވެސް އެ ޕްރޮގްރާމަށް ގިނަ އެތުލީޓުންތަކެއް ވަނީ ނަގައިފަ އެވެ.