ޖަލުގައި އޮތް ދުވަސްތަކުގައި ކުރި ކަމަކީ މާތްވެގެންވާ ފޮތް، ކީރިތި ގުރުއާން ކިޔެވުމާއި އަދި ކަސްރަތު ކުރުމުގެ ގޮތުން ޕުޝްއަޕް ނެގުން ކަމަށާއި، ޖަލުން ނުކުމެފައި ވެސް ކުރާނީ އެކަން ކަމަށް މަޝްހޫރު ސޯޝަލް މީޑިއާ އިންފްލުއެންސާ އެންޑްރޫ ޓޭޓް ބުނެފިއެވެ.

ރޭގެ ވަގުތެއްގައި އެންޑްރޫއާއި އޭނަގެ ކޮއްކޮ ޓްރިސްޓަން ޓޭޓް ވަނީ ބަލަމުންދާ މައްސަލަ ވަކިގޮތަކަށް ނިމެންދެން ގޭބަންދަށް ބަދަލުކޮށްފައެވެ. އެ ދެބެންގެ މައްޗަށް ރޯމޭނިއާގައި ދައުވާ އުފުލާފައި ވަނީ ރޭޕްގެ ތުހުމަތާއި، ހިއުމަން ޓްރެފިކް ކުރި ކަމުގެ ތުހުމަތުގެ އިތުރުން ރޭވިގެން ކުށްކުރާ ގުރޫޕެއް އުފެއްދިކަމުގެ ތުހުމަތެވެ. ނަމަވެސް އެ ދެބެން ވަނީ ދައުވާތަކަށް ދެކޮޅު ހަދައިފައެވެ.

މިދިޔަ އަހަރުގެ ތެރޭގައި ޓޭޓް ބްރަދާސް ހައްޔަރު ކުރި އިރު، ރޯމޭނިއާގެ ކޯޓުން މީގެ ކުރިން ވަނީ ތިން ފަހަރެއްގެ މަތިން ބަންދުގެ މުއްދަތު އިތުރު ކޮށްފައެވެ. އެހެން ނަމަވެސް ހަތަރު ވަނަ ފަހަރަށް ޖަލުގައި ބަންދު ކުރުމުގެ ބަދަލުގައި އެންޑުރޫ އާއި ޓްރިސްޓަން ވަނީ ރޭގެ ވަގުތެއްގައި ގޭ ބަންދަށް ބަދަލުކޮށްފައެވެ.

ކުރީގެ ކިކް ބޮކްސިންގް ޗެމްޕިއަން އެންޑްރޫއަކީ ސޯޝަލް މީޑިއާގައި މިދިޔަ ދެތިން އަހަރު ތެރޭ އެންމެ ބޮޑު މަގުބޫލުކަމެއް ހޯދި އެކަކެވެ. އެކިއެކި ޕްލެޓްފޯމްތަކުގައި އޭނާ ދައްކާފައިވާ ވާހަކަތަކުގެ ސަބަބުން ސޯޝަލް މީޑިއާގެ ހުރިހާ ބޮޑެތި ޕްލެޓްފޯމްތަކުން އޭނާ ވަނީ ބޭން ވެސް ކޮށްފައެވެ.

އެކަމަކު އީލޮން މަސްކް ޓްވިޓާ ގަތުމަށްފަހު ޓްވިޓާއިން އެންޑްރޫ އަށް އޮތީ ފުރުސަތު ދީފައެވެ.

ފިރިހެނުންގެ ބާރުވެރިކަމާއި، މުޖުތަމައުގައި ހުރި ގިނަ މައްސަލަތައް ފާހަގަކޮށް ވާހަކަ ދައްކާފައިވާ އެންޑްރޫ ވަނީ މިިދިޔަ އަހަރުގެ ތެރޭ އިސްލާމް ދީން ގަބޫލުކޮށް މުސްލިމް ވެފައެވެ. އެންޑްރޫ ޖަލަށް ގެންދިޔަ ވަގުތު އޭނާ ގެންދިޔަ ހަމައެކަނި އެއްޗަކީ ވެސް މުސްހަފެކެވެ.

ރޭ ޖަލުން ނުކުތުމަށްފަހު އެންޑްރޫ ބުނީ އޭނާ ޖަލުގައި އޮވެގެން ކުރީ ދެ ކަމެއް ކަމަށެވެ. އެއީ ގުރުއާން ކިޔެވުމާއި ޕުޝްއަޕް ހެދުން ކަމަށެވެ. އަދި ޖަލުން ނުކުތުމަށްފަހު ވެސް ކުރާނީ އެ ދެ ކަންތައްކަމަށް އޭނާ ބުންޏެވެ.

ޖަލުގައި މިވީ ހަތަރު ވަރަކަށް މަސްތެރޭގައި އެންޑްރޫގެ ކޮއްކޮ ޓްރިސްޓަން ވެސް ވަނީ އިސްލާމް ދީން ގަބޫލު ކޮށްފައެވެ.