ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ސްލޮޓެއްގައި ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް އައްޔަން ކުރައްވާފައިވާ ޑރ. މައުސޫމަކީ އެޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ވަރަށް އަރިސް ބޭފުޅުންގެ ތެރޭގައި ހުންނެވި ބޭފުޅެކެވެ. މީގެ އަހަރުތަކެއް ކުރި އެމަނިކުފާނު ހުންނެވީ ގާސިމްގެ ރިސޯޓު ސަން އައިލެންޑް ރިސޯޓުގެ ޖެނެރަލް މެނޭޖަރު ކަމުގެ މަގާމުގައެވެ. އެހެންނަމަވެސް އޭރު ރާއްޖޭގެ ސިޔާސީ މަސްރަހު އޮތް ގޮތުން، ސިޔާސީ ކަންކަމަށް ވަގުތު ހުސް ކުރެއްވުމަށް އެ މަގާމުން އިސްތިއުފާ ދެއްވިއެވެ.

ކުރިޔަށް އޮތީ އަނެއްކާވެސް ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވާނެ ދުވަސްތަކެކެވެ. މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 9ވަނަ ދުވަހު ރިޔާސީ އިންތިހާބު އޮންނައިރު މި ސަރުކާރުގެ ކޯލިޝަން ޕާޓްނަރުގެ ގޮތުގައި މިހާރު އޮތް ޖޭޕީ އިން ވަނީ އިންތިހާބުގައި ވަކިން ނިކުންނަން ނިންމައިފައެވެ. ރިޔާސީ ކެންޑިޑޭޓަކީ ޕާޓީގެ ލީޑަރު ގާސިމެވެ.

ޖޭޕީގެ އެ ނިންމުމާއި މެދު ހިތްހަމަ ނުޖެހޭ ފަރާތްތަކުން ޕާޓީ ދޫކުރައްވާ ވަޑައިގެންފިއެވެ. އޭގެ ތެރޭގައި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި ކުންފުނިތަކުގެ އިސްވެރިން ހިމެނެއެވެ.

ޖޭޕީން ވަކިވެވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި އެމްޑަބްލިއުއެސްސީގެ އެމްޑީ ހަސަން ޝާހު އާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމާއި އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖުގެ ޑެޕިއުޓީ މިނިސްޓަރު ވަލީދާ ވަލީދާއި ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގައި ހުންނެވި އަހްމަދު ސަމީރު އަދި އިމިގްރޭޝަންގެ ކޮންޓްރޯލާ ވެސް ވަނީ ޖޭޕީން ވަކިވެފައެވެ.

ޖޭޕީގެ ސްލޮޓުގައި ވަޒީރު ކަމަށް ވަޑައިގެން ތިއްބެވީ ތިން ބޭފުޅެކެވެ. ޑރ. މައުސޫމަކީ އޭގެތެރެއިން އެއް ބޭފުޅާއެވެ. ރިޔާސީ އިންތިހާބުގައި ތާއީދު ކުރައްވާނެ ވަކި ފަރާތެއްގެ ނަމެއް މީޑިއާގައި ވެސް އަދި ސޯޝަލް މީޑިއާގައިވެސް ހާމައެއް ނުކުރައްވައެވެ. ނަމަވެސް ރޭ ދަންވަރުގެ ވަގުތެއްގައި ސޯޝަލް މީޑިއާ އަށް ފޮޓޯއެއް ދޫކޮށްލެއްވިއެވެ.

ވަޑައިގެންނެވި ޑރ. މައުސޫމް، ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދު ކުރެއްވުމަށް ނިންމަވައިފިއެވެ. ވަޒީރުކަމުގެ ހުވާ ކުރެއްވިއިރު މަގާމުގެ ލިޔުން އޭނާ އަށް ރައީސް ސޯލިހު އަރުވާ މަންޒަރުގެ ފޮޓޯއެކެވެ. ފޭސްބުކް އަދި ޓްވީޓާގެ ކަވާ ފޮޓޯއަކަށް އެ ފޮޓޯ ވަނީ ބަދަލުކުރައްވައިފައެވެ. ބައެއް މީޑިއާތަކުގައިވާ ގޮތުގައި ޑރ. މައުސޫމް މީގެ ދެ ދުވަހެއްގެ ކުރިން ޖޭޕީގެ ރަސްމީ ވަޓްސްއަޕް ގްރޫޕުން ވެސް ވަނީ އަމިއްލަފުޅަށް ނިކުމެވަޑައިގެންފައެވެ،

މައުސޫމުގެ އިތުރުން ޖޭޕީގެ ސްލޮޓުތަކުގައި އަދި އިތުރު ދެ ވަޒީރަކު ތިއްބަވައެވެ. އެއީ ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަނާއި ޓްރާންސްޕޯޓު މިނިސްޓަރު އަދި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމްގެ އަނބިކަނބަލުން އާއިޝަތު ނަހުލާއެވެ. މި ދެބޭފުޅުން އަދި ގޮތެއް ނުނިންމަވައެވެ.