އާބަންކޯ ނުވަތަ ކުރީގެ އެޗްޑީސީގެ ތާރިހަށް ބަލާއިރު އެ ކުންފުނި ފުރަތަމަ އުފެދިގެން އައީ ހުޅުމާލެ ތަރައްގީކުރުމަށް އުފެދުނު ޔުނިޓެއްގެ ގޮތުގައެވެ. ކުންފުންޏެއްގެ ގޮތުގައި ރަޖިސްޓްރީ ކުރެވި، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އުފެދިގެން އައުމަށް ފަހު 2018 ވަނަ އަހަރާ ހަމައަށް ކުންފުނިން ވިސްނުން ގެންގުޅެ މަސައްކަތްކުރަމުން އައީ، ހުޅުމާލެއަށް ހިދުމަތް ދިނުމަށެވެ.
ހުޅުމާލޭގެ ތަރައްގީއަށް ހިންގަން ޖެހި އެކި މަޝްރޫއުތައް ހިންގުމާއި، ހުޅުމާލޭގެ ރައްޔިތުންނަށް ބައެއް މުނިސިޕަލް ހިދުމަތް ދިނުމުގައި އެ ކޯޕަރޭޝަނުން މަސައްކަތް ކޮށްފައިވެއެވެ.
ނަމަވެސް ހަމައެކަނި ހުޅުމާލެ އަށް ހިދުމަތް ދިނުމަކީ ކުންފުނި ކުރިއަރައި، ކުންފުންޏަށް އެންމެ ސަސްޓެއިނަބަލް ގޮތެއް ކަމުގައި ގަބޫލުނުކުރެވޭތީ އެކަން ފުޅާކޮށް، މިހާރު ވަނީ އެހެން ކަންކަން ވެސް ގެނެސްފައެވެ. ކުންފުނީގެ މައިގަނޑު އަމާޒަކީ މުޅި ރާއްޖެ ވެސް "އާބަން" ކޮށް ތަރައްގީކުރުމެވެ.
ރީބްރޭންޑިން އާއެކު ކުންފުނީގެ ހައިބަތު ބޮޑުވާނެއެވެ. އާބަންކޯ އަކީ އާބަން ޑިވެލޮޕްމަންޓް ނުވަތަ ޒަމާނީގޮތަށް ކުރެވޭ އުމްރާނީ ތަރައްގީއަށް މަސައްކަތްކުރާ ކުންފުންޏެވެ.
ކުންފުނި މިހާރު ހިންގަމުން އަންނަ އައު އަމާޒަކީ "ބިޔޯންޑް ހުޅުމާލެ" އެވެ. މި އަމާޒަށް ވާސިލްވުމަށް ކުރެވުނު ގިނަ މަސައްކަތްތަކުގެ ތެރެއިން މިހާރު އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ ކުޑަގިރި، ތިލަފުށި އަދި ގުޅީފަޅު އައިސްފައި ވުމެވެ.
މިއީ ހުޅުމާލެ ފަދައިން އާބަންކޮށް ތަރައްގީވެފައިވާ ރަށްތަކެއް ނުވަތަ ސިޓީތަކެއް އުފެއްދުމަށް ކުންފުނިން ކުރަމުން އަންނަ މަސައްކަތުގެ ނަތީޖާއެވެ. އަދި އަމާޒަކީ ކުރިއަށް އޮތްތަނުގައި މި މަސައްކަތް މުޅި ރާއްޖެއަށް ފުޅާވެގެން ދިއުމެވެ.
ލޯނު ދައްކަން ސަރުކާރަށް ބަރޯސާވާކަށް ނުޖެހޭނެ
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެޗްޑީސީއާ ހަވާލުވިއިރު އެ ކުންފުނި އޮތް ހާލަތައި މިއަދުގެ ހާލަތު މިނެކިރާލީމާ ކުންފުންޏަކީ ބޮޑެތި ކުރިއެރުންތަކެއް ހޯދި ކުންފުންޏެއްކަން ވަރަށް ސާފުކޮށް ފެންނާނެއެވެ. ދެހާސްއަށާރަ ވަނަ އަހަރު މި ސަރުކާރުން އެޗްޑީސީއާ ހަވާލުވިއިރު ކުންފުނީގެ މާލީ ހާލަތު އޮތީ ވަރަށް ދަށްކޮށެވެ. ކުންފުނިތަކަށް ފައިސާ ނުދައްކައިގެން ގިނަ ޕްރޮޖެކްޓްތަކެއް ހުރީ ހުއްޓިފައެވެ. ކޮންޓްރެކްޓަރުންނާއި، ސަޕްލައަރުން ދޭން ޖެހޭ ފައިސާ އަދި ލޯން ރީޕޭމަންޓުގެ ގޮތުގައި 300 މިލިއަނާއި 400 މިލިއަނާ ދެމެދުގެ ގިނަ ރުފިޔާ އައުޓްސްޓޭންޑިން ޕޭމަންޓުގެ ގޮތުގައި ހުއްޓެވެ.
އެކަމަކު މިއަދު އެ ހުރިހާ ދަރަންޏަކަށް ފައިސާ ދަނީ ދައްކަމުންނެވެ. ކުންފުނީގެ "ރެޕިއުޓޭޝަން" ރަނގަޅު ކުރެވި ރައްޔިތުން ބަލައިގަންނަ ކުންފުންޏަކަށް އެޗްޑީސީ ހެދިއްޖެއެވެ. މާލީގޮތުން ލިބޭ އެންމެ ބޮޑު ކުރިއެރުމަކީ ލޯނުތައް ދެއްކުމަށް ސަރުކާރުގެ ފައިސާއަށް ބަރޯސާވާން ނުޖެހުމެވެ. ކުންފުންޏަކީ ފައިސާ ޖެނެރޭޓްކުރާ ކުންފުންޏަކަށް ހެދުމުގެ އިތުރުން ކުންފުނީގެ އަމިއްލަ ފައިސާއިން ބޮޑެތި ޕްރޮޖެކްޓުތައް ހިންގޭ ކުންފުންޏަކަށްވެސް ވަނީ ވެފައެވެ. މިސާލަކަށް ތިލަފުށި ހިއްކުމާއި މަގު ހެދުމުގެ ޕްރޮކްޓަކީ އެޗްޑީސީގެ ކުންފުނީގެ އަމިއްލަ ފައިސާއިން ހަރަދުކޮށްގެން ހިންގާ ޕްރޮޖެކްޓްތަކެވެ.