މީގެކުރިން ނޭނގި ހުރި އެތައް ކަމެއް މަޑު މަޑުން ސާފުވެއްޖެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

މި ސަރުކާރުގެ އެންމެ ނުފޫޒު ގަދަ އެއް މިނިސްޓަރުގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރައްވާ ފައްޔާޒު މިފަދައިން ވިދާޅުވީ ރޭ އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓުގައި ވިދާޅުވީ ކަންތައްތައް ކޮޅެއްގައި ޖެހެމުން އަންނަ ކަމަށާއި މައިދާން ވެސް ސާފުވެ ހަމަޖެހިފައިވާ ކަމަށެވެ. އެނގިފައިވާ ނޭނގޭ ކަންކަން ސާފުވަމުން އަންނަ ކަމަށް ވިދާޅުވެ ފައްޔާޒު ވަނީ ކުރިއަށް އޮތީ ޝައުގުވެރި ދުވަސްތަކެއް ކަމަށް ވިދާޅުވެފައެވެ.

އެހެންނަމަވެސް އެމަނިކުފާނު ވިދާޅުވިއެވެ. "އެކުގައި މި ދަތުރު ކުރިއަށް ނުގެންދެވުމަކީ ހިތާމަހުރި ކަމެއް،" ކަމަށެވެ. އެހެން ވިދާޅުވުމަށް ފަހު އެމަނިކުފާނު ވަނީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކާމިޔާބު ކުރައްވާނެ ކަމަށެވެ.

https://twitter.com/faya_i/status/1641422309381799936?s=20

މިފަދަ ވާހަކަތަކެއް ފައްޔާޒު ހިއްސާ ކުރައްވާފައި މިވަނީ، ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް ނިންމާ އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނަށް ތާއީދު ކުރައްވާ ފަރާތްތަކުން ވެސް ޖޭޕީ އަށް ތާއީދު ކުރުމަށް ނިންމާ އެޕާޓީއާއެކު ކޯލިޝަން ހެދުމަށް ނިންމާފައިވާ ދަނޑިވަޅެއްގައެވެ.

އެކުގައި މި ދަތުރު ކުރިޔަށް ނުގެންދެވުމަކީ ހިތާމަހުރި ކަމެއް ކަމަށް ފައްޔާޒު ވިދާޅުވެފައި އެވަނީ ރައީސް ނަޝީދަށް ކަމަށް ބެލެވެއެވެ. އެމްޑީޕީގެ ގިނަ މެންބަރުންގެ އެދުމަކީ އަދިވެސް ނަޝީދު ރައީސް ސޯލިހުގެ ފަހަތަށް އަރާ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމުގައި އުޅުއްވުމެވެ.