މިއަހަރުގެ ރަމަޟާން މަހަކީ ހަޔާތުގައި އަންނާނެ އެންމެ ފަހު ރަމަޟާން މަހަށް ވެދާނެ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
މިއަހަރުގެ ރަމަޟާން މަހުގެ ދެވަނަ ހުކުރު ހުތުބާގައި ބުނެފައި ވަނީ މިއަހަރުގެ ރަމަޟާން މަސް އައިއިރު އެކުގައި އުޅުނު ކިތައް ރައްޓެހިންނާއި ގާތްތިމާގެ ކިތައް މީހުން ކައިރީގައި މިއަދު ނެތްތޯ ސުވާލު ކޮށްފައެވެ. އޭގެތެރެއިން ބައެއް މީހުންނަކީ މިއަދު ދުނިޔޭގައި ތިބި މީހުންނާއެކުގައި ރޯދަވީއްލާ އެކުގައި ގުރުއާން ކިޔަވާ ތަރާވީހް ނަމާދުކޮށް އުޅުނު މީހުން ކަމަށް ހުކުރު ހުތުބާގައި ބަޔާން ކޮށްފައިވެއެވެ. ނަމަވެސް އެ ރަމަޟާން މަސް އައިއިރު އެއީ އެމީހުންގެ ހަޔާތުގައި އަންނާނެ އެންމެ ފަހު ރަމަޟާން މަސްކަން އެމީހުންނަށް އެނގިފައި ނުވާ ކަމަށްވެސް ހުތުބާގައި ބުންޏެވެ.
"މިއަދު އެމީހުން ތިބީ ދުނިޔެވީ ހަޔާތާ ދުރަށް ގޮސްފައެވެ. ފާއިތުވީ ރަމަޟާން މަހާއި ބައްދަލުކުރިއިރު އެއީ އެމީހުންގެ ހަޔާތުގެ ފަހު ރަމަޟާން މަސް ކަމެއް އެމީހުންނަކަށް ނޭނގެއެވެ. މިއަދު އެމީހުންގެ އާދޭހަކަށް ވާނީ ތައުބާވެ ރޯދަ ހިފުމަށާއި ނަމާދުކޮށް ސަދަގާތް ކުރުމަށް ކުޑަނަމަވެސް ފުރުސަތެއް އަލުން ލިބުމެވެ،" ހުތުބާގައި ބުންޏެވެ.
އެހެންކަމުން މިއަދުގެ ހުތުބާގައި ވަނީ ވަކިވެ ގޮސްފައިވާ މީހުންގެ ކިބައިން ދިރިތިބީން އިބުރަތް ހާސިލް ކުރުމަށް އެދިފައެވެ. އެގޮތުން މިއަހަރުގެ ރަމަޟާން މަހަކީ އެމީހެއްގެ ހަޔާތުގައި އަންނާނެ އެންމެ ފަހު ރަމަޟާން މަސް ކަމަށް ދެކި، ނަފްސު އިސްލާހު ކުރުމުގެ ނިޔަތުގައި ކުރިމަތިލުމަށް ވެސް ވަނީ އެދިފައެވެ. އަދި މިއީ މާތް ރަސްކަލާނގެ އެމީހަކަށް ދެއްވި ރަނުގެ ފުރުސަތެއް ކަމަށް ދެކުމަށްވެސް އެދިފައިވެއެވެ.
މިދިޔަ ރަމަޟާން މަހު ދުނިޔޭގައި ތިބި އެތައް ހާސް ބަޔަކު މިއަހަރުގެ ރަމަޟާން މަސް އައިއިރު ދުނިޔެ ދޫކޮށް ދިޔަ ނަމަވެސް ތިމާ ދުނިޔޭގައި ލަހައްޓަވާ ބެހެއްޓެވީތީ އެކަމަށް ޝުކުރުވެރިވުމަށް ވެސް ހުތުބާގައި އެދުނެވެ. އެހެންކަމުން ފާއިތުވި ރަމަޟާން މަހު ބޭކާރު ގޮތުގައި ދުވަސްތައް ހޭދަކުރި ނަމަ މިއަހަރުގެ ރަމަޟާން މަސް އެގޮތުގައި ބޭކާރު ނުކުރުމަށް އިލްތިމާސްކުރިއެވެ.