އެކި މަސައްކަތްތައް ކުރުމަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ އަދަދު 132،000 އަށްވުރެ ގިނަވެފައިވާ ކަމަށް ބޯހިމެނުމުން ދައްކައިފިއެވެ.

މި އަދަދަކީ 2014ވަނަ އަހަރު ރާއްޖޭގައި ބޯހިމެނުން ކުރިޔަށް ގެންދިޔައިރު ހުރި އަދަދަށްވުރެ ދެ ގުނަ ބޮޑު އަދަދެކެވެ. އެގޮތުން އެ އަހަރު ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ އަދަދު އުޅުނީ 63،000 އެވެ. ނަމަވެސް މިހާރުގެ ޖުމްލަ އަދަދަކީ 132،371 އެވެ. މިއީ ރާއްޖޭގެ އާބާދީގެ 26 ޕަސެންޓެވެ.

ރާއްޖޭގައި 9 އަހަރު ފަހުން ކުރިޔަށް ގެންދިޔަ ބޯހިމެނުމުގެ ނަތީޖާ ދައްކާ ގޮތުގައި ވޭތުވެދިޔަ އަހަރުތަކުގައި ދިވެހިންގެ އާބާދީ އަށް އިތުރުވެފައި ވަނީ 44،317 އެވެ. މިއާއެކު ދިވެހިންގެ ޖުމްލަ އާބާދީ އަކީ 382،751 އެވެ. ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނާއެކު ރާއްޖޭގެ މިހާރުގެ ޖުމްލަ އާބާދީ އަކީ 515،122 އެވެ.

ބޯހިމެނުމުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ކޮންމެ ތިން ދިވެއްސަކަށް ބިދޭސީއެއް ހުރެއެވެ.

ރާއްޖޭގެ ބޮޑު އާބާދީއެއް އަދިވެސް ދިރިއުޅެމުން އަންނަ އެއް ސަރަހައްދަކީ މާލެ ސަރަހައްދެވެ. އެގޮތުން މާލެ ސަރަހައްދުގައި ދިރިއުޅޭ އާބާދޫ 39 ޕަސެންޓުން 41 ޕަސެންޓަށް ވަނީ އިތުރުވެފައެވެ. މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ޖުމްލަ އާބާދީ އަކީ 212,138 އެވެ. މީގެތެރެއިން ދިވެހިންގެ އަދަދަކީ 161,108 މީހުންނެވެ. މާލެ ސަރަހައްދުގައި ދިރުއުޅޭ ބިދޭސީންގެ އަދަދަކީ 51,030 އެވެ.

އަތޮޅުތަކުގައި ދިރިއުޅޭ މީހުންގެ ޖުމްލަ އަދަދަކީ 236,747 އެވެ. މީގެތެރެއިން ދިވެހިންގެ އަދަދަކީ 204,277 އެވެ. އަދި އަތޮޅުތަކުގައި ދިރިއުޅޭ ބިދޭސީންގެ އަދަދަކީ 32,470 އެވެ.