ރިޔާސީ ދެވަނަ ދައުރަކަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އިންތިހާބު ކުރުމަށްޓަކައި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ އެޑްވައިޒަރުގެ މަގާމުން، އާދަމް އާޒިމް އިސްތިއުފާ ދެއްވައިފިއެވެ.

އެމްޓީސީސީގެ ސީއީއޯގެ މަގާމުވެސް އަދާ ކުރައްވަމުން ގެންދަވާ އާޒިމް މިރޭ ވަނީ ގާސިމްގެ އެޑްވައިޒަރުގެ މަގާމުން އިސްތިއުފާ ދެއްވި ސިޓީ ސޯޝަލް މީޑިއާގައި އާއްމު ކުރައްވާފައެވެ.

އެ ސިޓީގައި ވިދާޅުވެފައި ވަނީ ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދިނުމަކީ ދިވެހިރާއްޖެ އާއި ރާއްޖޭގެ ރައްޔިތުންގެ މުސްތަގުބަލަށް އެންމެ ފައިދާ ކުރުވަނިވި ގޮތް ކަމަށެވެ. އަދި ދެވަނަ ދައުރަކަށް ރައީސް އިންތިހާބު ކުރުމަކީ ގައުމުގެ ހަމަޖެހުން ދެމެހެއްޓޭނެ ގޮތް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.

https://twitter.com/adamazim/status/1641468893683150850?s=20

"ދެހާސް ތޭވީސްވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ރިޔާސީ ކެންޑިޑޭޓަކު ނެރެ، ޖުމްހޫރީ ޕާޓީން އިސްވެ އޮވެ ކޯލިޝަން ހެދުމަށް ޖުމްހޫރީ ޕާޓީގެ ކައުންސިލުން ނިންމުމާއި ގުޅިގެން މަނިކުފާނުގެ އެޑްވައިޒަރުގެ މަގާމުގައި މިވަގުތު ހުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް އަޅުގަނޑަށް ގަބޫލު ނުކުރެވޭތީ އެ މަގާމުން މިއަދުން ފެށިގެން އަޅުގަނޑު އިސްތިއުފާ ދީފީމެވެ،" އާޒިމްގެ ސިޓީގައި ވިދާޅުވިއެވެ.

ފާއިތުވެގެން ދިޔަ ދުވަސްތަކުގައި ގާސިމް ބެހެއްޓެވި ގާތްކަމަށާއި ކުރެއްވި އިތުބާރަށް އާޒިމްގެ ސިޓީގައި ޝުކުރު އަދާ ކުރެއްވިއެވެ.

އާޒިމް ވަނީ މީގެކުރިން އެތައް ޕްލެޓްފޯމެއްގައި ވެސް ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދިނުމުގެ މުހިއްމު ކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަދައްކަވާފައެވެ.

އާޒިމްގެ އިތުރުން ސަރުކާރުގެ ބައެއް މަގާމުތަކުގައި ތިއްބެވި ޖޭޕީގެ ބައެއް އެހެން މަގާމުތަކުގައި ތިއްބެވި ބޭފުޅުން އަންނަނީ މަގާމުތަކުން އިސްތިއުފާ ދެއްވަމުންނެވެ. އެގޮތުން މިއަދު ވަނީ އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖުގެ ޑެޕިއުޓީ މިނިސްޓަރު ވަލީދާ ވަލީދާއި ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގައި ހުންނެވި އަހްމަދު ސަމީރުވެސް ވަނީ ޖޭޕީން ވަކިވެފައެވެ. އިމިގްރޭޝަންގެ ކޮންޓްރޯލާ ވެސް ވަނީ ޖޭޕީން ވަކިވެފައެވެ.