"ކުޑައިރު ބަންގީގެ އަޑު އިވުނީމަ ބިރުގަނޭ. އެކަމަކު އަހަރުތަކެއް ފަހުން އެ އަޑު ކަންފަތުގައި ޖެހުނީމަ ލިބެން ފެށީ ހިތް ހަމަޖެހުން، ހިތް ފަސޭހަކަން،" މިއީ މިދިޔަ އަހަރު ޑިސެމްބަރު މަހު އިސްލާމްދީން ގަބޫލުކުރި ރަހުމާގެ ވާހަކަ ފެށި ހިސާބެެވެ. ޔޫއޭއީ ގައި އުޅެ ބޮޑުވި ފިލިޕީންސް ދަރިފަސްކޮޅަށް ނިސްބަތްވާ ރަހުމާއަކީ ކުރިން ކްރިސްޓިއަނެކެވެ. ގަވާއިދުން ޗާޗަށްވެސް ގޮސް އުޅުނު މީހެކެވެ.
"ކޮންމެ ދީނަކީވެސް އެ ދީނުގެ ގޮތުގައި ރަނގަޅު ދީނެއް. ނަމަވެސް އަހަންނަށް ހިތްހަމަ ޖެހުން ލިބުނީ އިސްލާމްދީނުން،" ދީނަށް ލޯބި ޖެހުނު ގޮތް އޭނާ ކިޔައިދިނެވެ. ރަހުމާ ބުނީ އިސްލާމްދީން ގަބޫލުކުރުމުން އެންމެން ބޮޑު އެއް "ސަޕޯޓް" ލިބުނީ މަންމަގެ ފަރާތުން ކަމަށެވެ.
"އިސްލާމްދީނަށް ބަދަލުވި ވާހަކަ އަޑުއިވުމުންނާއި އަހަރެން ހިޖާބު އަޅައިގެން ހުއްޓާ ފެނުނީމަ މަންމަ ވަރަށް އުފާވީ. ބުނީ ބޭބީ ޔޫ ލުކް ވެރީ ބިއުޓިފުލް އިން އަ ހިޖާބް،" މަންމައަށް ތައުރީފް ކުރަމުން އޭނާ ބުންޏެވެ.
ރަހުމާ، އިސްލާމްދީނަށް ލޯބި ޖެހިފައިވާތާ އެތައް އަހަރެއް ވެފައިވާއިރު އޭނާ ބުނީ މީގެ ކުރިން އިސްލާމްދީނަށް ބަދަލުވި އޭނާގެ ބައެއް ރަހުމަތްތެރިންގެ ފަރާތުންވެސް ހިތްވަރު ލިބޭ ކަމަށެވެ.
"ބައެއް ރައްޓެހިން އިސްލާމްދީނަށް ބަދަލުވީ މުސްލިމުންނަށް ކައިވެނި ކޮށްގެން. އަނެއް ބަޔަކު އެކަން ކުރީ އަމިއްލަ އިހްތިޔާރުގައި. ކީރިތި ގުރުއާނުގެ އިންސްޕިރޭޝަނަލް ވާހަކަ އެމީހުން ކިޔައިދިންް،"
ގެދޮރުގެ ވިޔަފާރިކުރާ ކުންފުންޏެއްގެ ޓެކްނިކަލް ޑިޕާޓްމަންޓުގައި މަސައްކަތްކުރާ ރަހުމާއަކީ މީގެ ކުރިން ވަރަށް ބޮޑަށް ފެޝަން ހެދުންތައް އަޅައި އުޅުނު މީހެކެވެ.
"އެކަމަކު އަހަރެން އިސްލާމްވުމުން އިހުސާސް ކުރެވުނީ އަބާޔާ އާއި ހިޖާބުގައި ދުނިޔޭގައި ހުރި އެންމެ ރީތި މީހަކީ އަހަރެން ކަމަށް،" އޭނާ ބުންޏެވެ.
ރަހުމާ އިސްލާމްވި ހަބަރު އެންމެންނަށް ލިބުނު ގޮތުގެ ހަނދާންތައް އާކުރަމުން ބުނީ ރައްޓެހިންނަށް ވަޓްސްއެޕް މެސެޖުތައް ފޮނުވި ކަމަށެވެ.
މިއީ އިސްލާމްދީނަށް ބަދަލުވި ފަހުން މުސްލިމެއްގެ ހައިސިއްޔަތުން ރަހުމާގެ ފުރަތަމަ ރަމަޟާން މަސް ކަމުގައިވީ ނަމަވެސް، އެކުވެރިންނާ އެއްބައިވަންތަކަން ފާޅުކުރުމުގެ ގޮތުން ރޯދަހިފާތާ އެތައް އަހަރެއް ވެއްޖެއެވެ.
"މީގެ ކުރިންވެސް މުސްލިމް އެކުވެރިންނާއެކު ކޮންމެ ދުވަހަކު ވެސް ރޯދަ ހިފަން އުޅުނީ. އެހެންވީމާ، ރޯދަހިފުމަކީ އަޅުގަނޑަށް އާ ކަމެއް ނޫން. އެކަމަކު މި ރަމަޟާން މަހަކީ ހަމަ ޔަގީނުން ވެސް ހާއްސަ ރަމަޟާން މަހެއް،” ރަހުމާގެ ވާހަކަ ނިންމާލަމުން ބުންޏެވެ.