ޝަރުއީ ދާއިރާއާ މެދު ރައްޔިތުންގެ ހިތުގައި އޮތް ނުރަނގަޅު ތަސައްވަރު ރަނގަޅުވެއްޖެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ރައީސް ޖޯ ބައިޑެން އިންތިޒާމްކުރައްވައިގެން ބޭއްވެވި "ސަމިޓް ފޮރ ޑިމޮކްރަސީ"ގެ ދެވަނަ ބައްދަލުވުމުގައި ޤައުމީ ބަޔާން އިއްވަވަމުން ރައީސް ސޯލިހު ވަނީ ޑިމޮކްރަސީއަކީ އަބަދުވެސް އެއަށް ހޭނުމާއި އީޖާދީގޮތްތަކާއި އާކަންތައްތައް އޭގައި ހިމެނޭ އަދި އެންމެންގެ އެއްބާރުލުމާއި ބައިވެރިވުން ބޭނުންވާ އެއްޗެއް

އަދި އެމަނިކުފާނު ވަނީ ޑިމޮކްރަސީ އާލާކުރުމާއި ރަނގަޅު މުސްތަޤްބަލެއް ބިނާކުރުމަށް ކުރާ މަސައްކަތްތައް އާކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ގޮވާލައިފައެވެ.

ރައީސް ސޯލިހް ވަނީ މިހާރުގެ ޖީލުތަކަށާއި އަންނަން އޮތް ޖީލުތަކަށް ވެސް އުފާވެރި މުސްތަޤްބަލެއް ހޯދައިދިނުމަށް ބައިނަލްއަގުވާމީ މުޖުތަމައު އިން އެކުގައި މަސައްކަތްކުރުމަށް އެދިވަޑައިގަންނަވާފައެވެ.

ދެހާސް އެކާވީސް ވަނަ އަހަރު މީގެ ފުރަތަމަ ސަމިޓަށްފަހު ރާއްޖެއިން ހޯދާފައިވާ ކުރިއަރުންތަކަށް އަލިއަޅުވާލައްވަމުން ފިސްކަލް އެކައުންޓަބިލިޓީއާ ދެފުށް ފެންނަގޮތަށް ކަންކަން ކުރުމަކީ ޑިމޮކްރަސީއެއް ހަރުދަނާކޮށް ހިންގުމުގައި ކޮންމެހެން މުހިންމު ކަންތައްތައް ކަމަށް ރައީސަ ސޯލިހު ފާހަގަކުރެއްވިއެވެ.

އަދި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ލޯކަލް ކައުންސިލްތަކުގެ މިނިވަންކަން އިތުރަށް ކަށަވަރުކުރުމަށާއި ޕަބްލިކް ޕްރޮކިއުމަންޓް ޕޮލިސީތަކާއި އޮޑިޓް މެކޭނިޒަމްތައް ހަރުދަނާ ކުރުމަށް ޤާނޫނަށް ދެ އިޞްލާހެއް މި ސަރުކާރުން ހުށަހަޅާފައިވާކަން ފާހަގަކުރެއްވިއެވެ.

އަދި ސަރުކާރުން މަސައްކަތްކުރަނީ ޕަރފޯމަންސް ބޭސްޓް ބަޖެޓިންގއާ ދިމާއަށް ދިޔުމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ހަމައެހެންމެ ޖުޑިޝަރީ އިޞްލާޙުކުރުމަކީ ވެސް ސަރުކާރުން ވަރަށް އިސްކަންދޭ ކަމެއްކަން ފާހަގަކުރައްވާ ރައީސް ވަނީ ޖުޑިޝަރީއާ މެދު ރައްޔިތުންގެ ހިތްތަކުގައި ކުރިން އޮތް ނުރަނގަޅު ތަސައްވަރު ރަނގަޅުވެ، ކުރިޔަށްވުރެ ހަލުވިކޮށް އަދި ދެފުށް ފެންނަގޮތަށް ކޯޓު މަރުހަލާތައް މިހާރު ކުރިޔަށްދާކަން ފާހަގަކުރައްވާފައެވެ.

އަދި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ އިސްލާހާއެކު ޑިސްޓްރިކްޓް ކޯޓު އުފެއްދުމާއި ސަކިޓް ކޯޓުގެ ނިޒާމު ތައާރަފު ކުރުމާއި އަދި އެ ޝަރުއީ ދާއިރާގެ ކަންކަން އިތުރަށް ހަރުދަނާވެ ފަސޭހަވެގެންދާނެކަން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މި ސަރުކާރުގެ 2022 ވަނަ އަހަރުގެ ޖެންޑާ އިކުއަލިޓީ އެކްޝަން ޕްލޭނަކީ ލާމަރުކަޒީ ނިޒާމާއި ކޯޕަރޭޓް ގަވަނަންސްގެ ދާއިރާއާއި ރައްޔިތުންގެ މަޖިލީހާއި ޝަރުއީ ދާއިރާގައި އަންހެނުން ތަމްސީލުކުރާ މިންވަރު އިތުރުކުރުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއްކަން ވެސް ފާހަގަކުރައްވާފައެވެ.

ރައީސް ސޯލިހުގެ ބަޔާނުގައި، ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުމާއެކު ހިނގާ ޑިމޮކްރަސީއެއް ރަނގަޅަށް ހިންގުމަށްޓަކައި މިނިވަން މަދަނީ ޖަމްޢިއްޔާތަކުގެ މުހިންމު ދައުރު ފާހަގަކުރެއްވިއެވެ.

މަދަނީ ޖަމިއްޔާތަކަށް ނުރައްކާ ކުރިމަތި ކުރާ ކަންކަމަކީ ރާއްޖޭގެ ހުޅުވާލެވިފައިވާ މުޖުތަމަޢަށް ގެއްލުންހުރި ކަންތައްތައްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މި ސަރުކާރުން އިސްނަގައިގެން އެކުލަވާލި ޖަމްޢިއްޔާތަކުގެ ޤާނޫނުގެ އަމާޒަކީ ދައުލަތުން އިތުރު މާލީ ވަޞީލަތްތައް ފަހިކޮށްދީގެން މަދަނީ ޖަމިއްޔާތައް މާލީ ގޮތުން ބާރުވެރިކުރުވުން ކަމަށެވެ.

އަދި އެން.ޖީ.އޯ. ޕޯޓަލް ތައާރަފުކުރުމާއެކު ހުރިހާ މަދަނީ ޖަމްޢިއްޔާތަކަށްވެސް އެ ޖަމްއިއްޔާތަކުގެ ޤާބިލުކަން އިތުރުކުރުމަށް ބޭނުންވާ މަޢުލޫމާތާއި ވަޞީލަތްތައް ހޯދުމުގެ ޤާބިލުކަން އިތުރުވެގެންދާނެކަން ވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.