ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރާއި ދެކޮޅަށް މަސައްކަތް ނުކުރައްވާ ކަމަށާއި މަސައްކަތް ކުރަނީ އެމަނިކުފާނު ދެވަނަ ދައުރަކަށް ރާއްޖޭގެ ރައީސްކަމުގެ މަގާމަށް އިންތިހާބު ކުރުމަށް ކަމަށް ބިލެއްދޫ ދާއިރާގެ މެންބަރު އަހްމަދު ހަލީމް (ދޮންބިލެއް) ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ދޮންބިލެއް ހަލީމް ވަނީ އޭނާ ނިސްބަތްވާ ދާއިރާގެ ރަށް، ބިލެއްދޫގައި ނަރުދަމާއާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ވިދާޅުވީ އެ މަސައްކަތް ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ބަޔަކާއި ހަވާލު ކޮށްފައި އޮތް ކަމަށެވެ. ނަމަވެސް އެ މަސައްކަތް އެއްވެސް ވަރަކަށް ކުރެވިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ސަރުކާރު ވެރިކަމަށް އައިސް އެ މަސައްކަތް ކުރުމަށްޓަކައި ބަޔަކާއި ހަވާލުކުރިކަން ދޮންބިލެއް ފާހަގަކުރެއްވިއެވެ. ނަމަވެސް ކަންބޮޑުވުމާއެކު ދޮންބިލެއް ވަނީ ހަތަރު އަހަރު ވެގެން ދިޔައިރު ވެސް ނަރުދަމާގެ މަސައްކަތް ނުކުރެވޭ ކަމަށް ވިދާޅުވެފައެވެ. އެކަމަށް ހަލެއް ހޯދަން ކުރާނެ އެއްވެސް މަސައްކަތެއް އެނގިވަޑައިނުގަންނަވާ ކަމަށާއި މިހާރު ގޮތް ހުސްވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ވޭތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ބިލެއްދޫގެ ނަރުދަމާގެ މައްސަލައާ ގުޅިގެން 35 ފަހަރު ޕްލޭނިން މިނިސްޓްރީއާ އެކި މަރުހަލާތަކުގައި އެކި ބައްދަލުވުންތައް ބޭއްވިއްޖެ ކަމަށް ދޮންބިލެއް ވިދާޅުވިއެވެ.

"އަޅުގަނޑަށް އާދޭސް ކުރެވިއްޖެ ވަރަށް އާދޭސް ކުރެވިއްޖެ، އަޅުގަނޑަށް ރުޅި އައިސްގެން ވާހަކަ ދެއްކިއްޖެ، އެކި ގަޑިގަޑީގައި އަޅުގަނޑަށް ދެވިއްޖެ، ޕްލޭނިން މިނިސްޓްރީގެ އެކިއެކި ފަރާތްތަކާއެކު ތަފާތު ގޮތް ގޮތަށް ވަރަށް ލޯބިންވެސް ވަރަށް ގާތްކޮށްވެސް ވަރަށް ރުޅި އައިސްގެން ވެސް މި ވާހަކަ ދެކެވިއްޖެ. އެހެންނަމަވެސް މި ކަމަކަށް ހައްލެއް ނައި،" ދޮންބިލެއް ވިދާޅުވިއެވެ.

ބިލެއްދޫގެ ރައްޔިތުންނަށް ނަރުދަމާ އިން އުފާވެރިކަމަށް ލިބެންވީ ވަގުތު ބޮޑު ނާމާންކަމަކާއި ބިރުވެރިކަމަކަށް ނަރުދަމާގެ މަސައްކަތް ބަދަލުވެފައިވާ ކަމަށް ދޮންބިލެއް ވިދާޅުވިއެވެ.

"އަޅުގަނޑު ވަރަށް އަސަރާއެކީގައި މި ވާހަކަ މި ދައްކަނީ އެމްޑީޕީގެ ރައްޔިތުން މަޖިލީހުގެ މެންބަރަކަށް ހުރެ، އަދި އަޅުގަނޑަކީ މި ސަރުކާރު ދިފާއު ކުރުމަށްވެސް މަސައްކަތް ކުރާ ބައެއް މެންބަރުންނަށް އަޅުގަނޑުމެންނަކީ ސަރުކާރާ އިދިކޮޅު މެންބަރުން ކަމަށް ދެއްކިޔަސްވެސް އަޅުގަނޑަކީ އޭގެ މީހެއްވެސް ނޫން. އަޅުގަނޑަކީ ސަރުކާރާ އެއްކޮޅަށް ހަމަ މަސައްކަތް ކުރާ ރައީސް ސޯލިހު ދެވަނަ ދައުރަކަށް ގެންނަވަން ވެގެން މަސައްކަތް ކުރާ މެންބަރުންގެ ތެރޭގައި ހުންނަ މެންބަރެއް،" ދޮންބިލެއް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ބިލެއްދޫގެ ނަރުދަމާގެ މަސައްކަތް ކުރިޔަށް ނުދަނީ އޭނާ ހުންނަވަނީ ރައީސާ ދެކޮޅަށް ކަމަށް ދެކިވަޑައިގެން ކަމަށެވެ. އޭނާ ވިދާޅުވީ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ހުންނެވީ ރައީސް މުހައްމަދު ނަޝީދާއެކު ކަމަށެވެ. އަދި ނަރުދަމާއަކާއި އެމީހަކު ހުންނަ ކޮޅަކާއި ހުންނަ ގޮތަކާއި އަޅުވާ ކިޔައިގެން ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.