ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ސްލޮޓްތަކުގައި ސަރުކާރުގެ ކެބިނެޓުގައި ތިއްބެވި ވަޒީރުންނާއި އެހެން މަގާމުތަކުގައި ތިއްބެވި ބައެއް ވެރިން ޖޭޕީން އިސްތިއުފާ ދެއްވަން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ސަރުކާރުން ހިންގާ މައި ޕާޓީ، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު މުހައްމަދު ރާއި ވިދާޅުވެއްޖެއެވެ.

ކެބިނެޓުގައި ޖޭޕީގެ ތިން ވަޒީރުން އެބަ ތިއްބެވެ. އެއީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި ފިޝަރީޒް މިނިސްޓަރ ޑރ. ހުސައިން ރަޝީދު ހަސަންގެ އިތުރުން ޓޫރިޒަމް މިނިސްޓަރު މައުސޫމެވެ. ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ދެ ވަނައަށް އެންމެ ގިނައީ ޖޭޕީގެ ބޭފުޅުންނެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރާއީ މިއަދު ވިދާޅުވީ ވަޒީރުންނާއި ބައެއް ވެރިން ޖޭޕީން އިސްތިއުފާ ދެއްވަނީ ސަރުކާރާ އެކު މަސައްކަތް ކުރަން ބޭނުންވާތީ ކަމަށެވެ.

"އަޅުގަނޑަށް މައުލުމާތު ލިބޭ ގޮތުގައި މިރޭ 12 ޖެހުމުގެ ކުރިން ބައެއް ވަޒީރުންނާއި ތަންތަނުގެ ވެރިން [ޖޭޕީން] އިސްތިއުފާ ދެއްވާނެ، ސަރުކާރާ އެކު މަސައްކަތް ކުރަން ބޭނުންވާތީވެ،" މަކުނުދޫ ދާއިރާގެ މެމްބަރު ރާއި ވިދާޅުވިއެވެ.

[caption id="attachment_8414" align="alignnone" width="1280"] މަކުނުދޫ ދާއިރާގެ މެންބަރު ރާއީ -- ފޮޓޯ / މަޖިލިސް[/caption]

ރާއި ވިދާޅުވީ ޖޭޕީ ސްލޮޓުތަކުގައި ތިއްބެވި ވަޒީރުންނާއި ސްޓޭޓް މިނިސްޓަރުންނާއި ނައިބުންގެ އިތުރުން އެހެނިހެން މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ސިޔާސީ މުސްތަގުބަލާމެދު ވިސްނަންޖެހޭ ކަަމަށެވެ. ޖުމްހޫރީ ޕާޓީގެ ފަރާތުން، އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރިޔާސީ އިންތިހާބަށް ނުކުންނަ ހިސާބުން، އެކަނިވާނެ ކަމަށް ރާއީ ވިދާޅުވިއެވެ.

ސަރުކާރު ތަންސީލު ކުރައްވާ މަޖިލިސް މެމްބަރުން ސަރުކާރު ދިފާއުކޮށް މަޖިލީހުގައި ވާހަކަ ދައްކާނެ ކަމަށާއި ނަމަވެސް މަޖިލީހުގައި ތިއްބެވީ ޖޭޕީގެ ދެ މެމްބަރުން ކަމަށެވެ. އެ މެމްބަރުން ވެސް ގާސިމްގެ ދިފާއުގައި އެއްޗެއް ވިދާޅުނުވާނެ ކަމަށް ރާއީ ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ފަހަތަށް ޖެހިލާފައި ރީތި ގޮތުގައި މި ސަރުކާރާ އެއްކޮށް ގޮސް، އިލެކްޝަންސް ކާމިޔާބު ކުރުން މާ ރަނގަޅުވާނެ،" ރާއި ވިދާޅުވިއެވެ.