އާއްމުކޮށް ޓްރެފިކަށް ނުވަތަ މަގުމަތީގެ ގަވައިދުތަކަށް ބޯނުލަނބާ ނަމަ ކުރަނީ ޖޫރިމަނާއެވެ. މިއީ ދުނިޔޭގެ ހުރިހާ ގައުމުތަކެއްގައިވެސް އަމަލުކޮށް އުޅޭ އުސޫލެކެވެ. ދުނިޔޭގެ ކޮންމެ ދިމާލަކަށް ބަލައިލިޔަސް ޖޫރިމަނާކުރަނީ ބޮޑެތި އަދަދުތަކުންނެވެ. އެކަމަކު ގަވާއިދުތަކަށް ބޯލަނބާ މީހުންގެ އަގުވަޒަން ކުރުމަކީވެސް ކޮށް އުޅޭ ކަމެކެވެ. ދާދި ފަހުން ޔޫއޭއީގެ އަބޫދާބީގެ ފުލުހުން ވަނީ މަގުމަތީގެ އުސޫލުތަކާއި އެއްގޮތަށް އަމަލުކުރާ މީހުންގެ އަގު ވަޒަންކޮށް އެ މީހުންނަށް "ސަޕްރައިޒް" އެއް ދީފައެވެ.
އަލް އައިންގެ 30 ޑްރައިވަރުންނަށް އަބޫދާބީ ޕޮލިސް ހެޕިނެސް ޕެޓްރޯލް އިން ވަނީ ޓީވީ ހަދިޔާކޮށްފައެވެ. އެ ޑްރައިވަރުންނަކީ ތިން އަހަރު ދުވަހުގެ ތެރޭގައި އެންމެ ޓްރެފިކް ޖޫރިމަނާއެއް ވެސް ކޮށްފައިނުވާ މީހުންނެވެ. އަދި އެއްވެސް ގޮތަށް ޕާކިން ގަވާއިދުތަކާއިވެސް ހިލާފުނުވާ ޑްރައިވަރުންނެވެ. މި މަހުގެ ކުރީކޮޅުގައިވެސް ފުލުހުން ވަނީ އެފަަދަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައެވެ.
އަލް އައިން ޓްރެފިކް ޑިޕާޓްމަންޓްގެ ޑިރެކްޓަރު ކާނަލް މަތާރު އަބްދުﷲ އަލް މުހައިރީ ވިދާޅުވީ ޔާ ހަފީޒް ވިދާޅުވީ ގަވާއިދަށް އަމަލުކުރާ މީހުންގެ އަގު ވަޒަންކުރަން ޑްރައިވަރުން "މޯޓިވޭޓް" ކުރުމުގެ ނިޔަތުގައި ކަމަށެވެ. އަދި މަގުތައް އަމާން ކުރުމަށް އެހީތެރިވެދީ، މަގުމަތީގެ ގަވާއިދުތަކަށް މީހުން ހޭލުންތެރިކޮށް ކަމާބެހޭ ފަރާތްތަކުން ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށް އޭނާ ވިދާޅުވިއެވެ. ކާނަލް އަލް މުހައިރީ ވަނީ ތިން އަހަރު ވަންދެން ރެކޯޑްސާފު މީހުންނަށް ޝުކުރު އަދާކުރައްވާފައެވެ.
ޓްރެފިކް ގާނޫނުތަކަށް ބޯލެނބުމާއި އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި ހިތާމަވެރި އެކްސިޑެންޓްތައް ހުއްޓުވުމުގައި ތިމާގެ ދައުރު އަދާކުރުމުގެ މުހިންމުކަން ހަދިޔާ ލިބުނު މީހުން ވަނީ ފާހަގަކޮށްފައެވެ.
އަބޫދާބީ ގެ ފުލުހުން ދާދި ފަހުން ވަނީ އެއްގަމު އުޅަނދުތައް ހިފެހެއްޓުމާ ބެހޭ އާ ޓްރެފިކް ގާނޫނެއް ތައާރަފުކޮށް، ގަވާއިދާ ހިލާފުވާ ފަރާތްތައް ޖޫރިމަނާކުރާ އަދަދުތައް އިތުރުކޮށްފައެވެ.
ފުލުހުން ބުނީ 2019 ގަވާއިދާ ހިލާފުވުމުގެ ސަބަބުން 894 އެކްސިޑެންޓް ހިނގާފައިވާއިރު 66 މީހަކު މަރުވެފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން 2020 ވަނަ އަހަރުގެ ގާނޫނަށް އިސްލާހު ގެެނެސް ޖޫރިމަނާ ބޮޑުކުރަން ޖެހިފައިވާ ކަމަށް ފުލުހުން ބުންޏެވެ.