އިންތިހާބުތަކާއި ބެހޭ އާއްމު ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގެ ސަބަބުން އެއްވެސް ބައެއްގެ ހައްގަށް އުނިކަމެއް އަންނަ ކަމަށްވާނަމަ އެފަދަ ކަމެއް އިލެކްޝަންސް ކޮމިޝަނުން ނުކުރާނެ ކަމަށް އެ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.
އިންތިހާބުތަކާބެހޭ އާންމު ޤާނޫނުގެ 41 ވަނަ މާއްދާއަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ ވޯޓުލުމުގެ ކަންކަން މޮނީޓާކޮށް ވޯޓު ގުނާ ތަންތަނުގައި ހަރަކާތްތެރިވެވޭނީ އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދޭ ރަޖިސްޓްރީ ކޮށްފައިވާ ނޫސްވެރިންނަށް ކަމަށެވެ. ޤާނޫނުގައި މިހާރު އޮތްގޮތުން ވޯޓުލުމުގެ ކަންކަން މޮނީޓާކޮށް ވޯޓު ގުނާ ތަންތަނުގައި ހަރަކާތްތެރިވެވޭނީ އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދޭ ރިޕޯޓަރުންނަށް ކަމަށެވެ.
އެ އިސްލާހުގެ ސަބަބުން މަދަނީ ބައެއް ޖަމިއްޔާ ޖަމާއަތްތަކުންނާއި ބައެއް ނޫސް އިދާރާތަކުގެ އިތުރުން ބައެއް ނޫސްވެރިން ވެސް އަންނަނީ ކަންބޮޑުވުންފާޅު ކުރަމުންނެވެ. ރައްޔިތުން މަޖިލީހުގައި އެކަމަށް އެންމެ ބޮޑަށް ވަކާލާތު ކުރައްވާ އެއް މެންބަރަކީ މީގެކުރިން ނޫސްވެރިކަމުގެ ދާއިރާގައި އެތައް އަހަރެއް ވަންދެން މަސައްކަތް ކުރެއްވި ވެލިދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު މޯޑުއެވެ. އެގޮތުން މަޖިލިސް ޖަލްސާގައި ބަހުސް ކުރައްވަމުން ވެސް މޯޑު ވަނީ އޭނާގެ ކަންބޮޑުވުންތައް ފާޅުކުރައްވާފައެވެ.
ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީގައި ވެސް އޭނާ މިއަދު ވަނީ ހަމަ އެ ކަންބޮޑުވުންތައް ފާޅުކުރައްވާފައެވެ. ވިދާޅުވީ އިންތިހާބުތަކާއި ބެހޭ އާއްމު ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގެ ސަބަބުން މީޑިއާތަކާއި ނޫސްވެރިންނަށް ވަރަށް ބޮޑެތި ދަތިތަކެއް ކުރިމަތިވާނެ ކަމަށެވެ. އަދ އެ އިސްލާހަކީ އޭނާ ވަރަށް ބޮޑަށް ކަންބޮޑުވާ އިސްލާހެއް ކަމަށް މިއަދުވެސް ވިދާޅުވިއެވެ.
މޯޑުގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކާއި ގުޅިގެން ކޮމިޝަނުގެ މެންބަރުންނާއެކު އިއްޔެ ވެސް މަޝްވަރާ ކުރެއްވި ކަމަށެވެ. އެއްވެސް ހައްގެއް އުނި ކުރުމަކީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުން ބޭނުންފުޅުވާ ގޮތެއް ނޫން ކަމަށާއި އެފަދަ ކަމެއް ނުކުރައްވާނެ ކަމަށް ފުއާދު ވިދާޅުވިއެވެ.
"މިއިން އެއްވެސް މާއްދާއެއްގެ ސަބަބުން އެއްވެސް ބަޔަކަށް އެއްވެސް ހައްގެއް ހަނިކުރާ ކަމަށް ފެންނަ ކަމަށްވަންޏާ އަޅުގަނޑުމެން އެކަމެއް ކުރާކަށް ބޭނުމެއް ނޫނޭ،" ފުއާދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ އިސްލާހުތަކުގެ ސަބަބުން ހައްގުތަކެއް ހަނިވާކަމަށް ރައްޔިތުން މަޖިލީހުގެ މެންބަރުންނަށް ފާހަގަކުރެވޭ ނަމަ، އެ އިސްލާހު ފާސް ކުރުމަށް އިލެކްޝަންސް ކޮމިޝަނަކުން ބާރު ނާޅާނެ ކަމަށެވެ. އަދި މަޖިލީހުން އެ އިސްލާހު ފާސް ނުކުރި ނަމަވެސް، އެކަން ކޮމިޝަނުން ބަލައިގަންނާނީ އިހުތިރާމާއެކުގައި ކަމަށް ފުއާދު ވިދާޅުވިއެވެ.