ތިލަފުށި ފޭސް 2ގެ އޭރިއާ ސީ ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނީ ސިނާއީ ދާއިރާގައި މިހާރު ހުރި މައްސަލަތަކަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ފަރުމާ ކުރެވިފައިވާ ތިލަފުށި މާސްޓަރޕްލޭނާއި އެއްގޮތަށް އެރަށުގެ ފޭސް ދޭއްގެ އޭރިއާ ސީ ހިއްކުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އެ މަސައްކަތް ފެށީ އިއްޔެ ކަމަށް އެޗްޑީސީ އިން މައުލޫމާތުދެއެވެ.
އެ ސަރަހައްދު ހިއްކުމަށް ހަވާލު ކުރެވިފައި ވަނީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓަޑްއާއެވެ. އެ މަސައްކަތް 120 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.
ސިނާއީ އެކި މަސައްކަތްތަކަށް ގިނަ ގޮންޖެހުންތަކަކާއި އުނދަގޫތަކެއް މިހާރު ކުރިމަތިވެފައިވާ ކަމަށާއި އެގޮތުން އެފަދަ މަސައްކަތްތަކަށާއި ވިޔަފާރިތަށް ހިނގުމުގަށް ޖާގައިގެ އެތައް ދަތިތަކެއް ކުރިމަތިވެ، އާންމުން ދިރިއުޅޭ ތަންތަނުގައި ގަރާޖުތަކާއި ވެއާހައުސްތައް ހުރުމުން ދިމާވާ ނުރައްކާތެރި އެކްސިޑެންޓް ހާދިސާތައް ވެސް އާއްމުވެފައިވާ ކަމަށް އެޗްޑީސީ އިން ބުނެއެވެ.
[caption id="attachment_49340" align="alignnone" width="1600"] ތިލަފުށި ފޭސް 2 ގެ އޭރިއާ ސީ ހިއްކުމުގެ މަސައްކަތް ކުރަނީ: ފޮޓޯ/ އެޗްޑީސީ[/caption]
އެހެންކަމުން، އެފަދަ ކަންކަން ތަކުރާރުނުކޮށް އެ މައްސަލައަށް ހައްލު ހޯދައިދިނުމުގެ ގޮތުން މާލެ ސަރަހައްދުގައި މިހާރު އެކަމަށް ހާއްސަ ކުރެވިފައިވާ ތިލަފުށީގައި ވެސް ގިނަ މައްސަލަތަކެއް ހުރުމާއި، ޒަމާނީ ވަސީލަތްތަކާއި އެކު ސިނާއީ ބޮޑު ސަރަހައްދެއް ތަރައްގީ ކުރުން މުހިއްމު ކަމަކަށްވެފައިވާ ކަމަށް އެޗްޑީސީ އިން ބުނެއެވެ.
މާލެ ސަރަހައްދުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ރައްކާތެރި މާހައުލެއް ބިނާކުރުމަށް ސަރުކާރާއި ގުޅިގެން އެޗްޑީސީން ގިނަ މަސައްކަތްތަކެއް ކުރެވިގެންދާއިރު، ރާއްޖޭގައި ހުރި ގިނަ ސިނާއަތްތަކަށް ބޭނުންވާނެ އެއްމެ ޒަމާނީ އަދި ފުރިހަމަ ވަސީލަތްތަކާއި މިކަމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ޤާއިމު ކުރުމަކީ ބޮޑު އިސްކަމެއް ދީގެން ކުރެވެމުން އަންނަ ކަމެއް ކަމަށް ވެސް އެޗްޑީސީ އިން ބުނެއެވެ.