ސްކޮޓްލެންޑް ނޭޝަނަލް ޕާޓީގެ ލީޑަރަކަށް ހަމްޒާ ޔޫސުފް ވަނީ ހޯމަ ދުވަހު ހޮވާފައެވެ. ހަމްޒާ، ލީޑަރުގެ މަގާމަށް އިންތިހާބުވީ 52 އިންސައްތަ މެމްބަރުންގެ ވޯޓުންނެވެ. އޭނާ އާ ވާދަކުރެއްވި ކޭޓް ފޯބްސްއާ އޭޝް ރޭގަން ބަލިކުރުމަށް ފަހުއެވެ. މިހާރު ވެރިކަންކުރާ ޕާޓީގެ ލީޑަރުކަމުގެ މަގާމަށް ހޮވިވަޑައިގަތުމާއެކު ސްކޮޓްލޭންޑުގެ ފަސްޓު މިނިސްޓަރުކަން ނުވަތަ އެ ގައުމު ހިންގުމާއި ހަމްޒާ ހަވާލުވެވަޑައިގަންނަވާނެއެވެ. ސްކޮޓްލޭންޑަށް އާ ފަސްޓު މިނިސްޓަރަކު އިންތިހާބު ކޮށްފައިމިވަނީ މިހާރު އެ މަގާމުގައި ހުންނެވި ނިކޮލާ ސްޓާޖަން އިސްތިއުފާދެއްވާނެކަން އިއުލާން ކުރެއްވުމާއެކުއެވެ.

އައު ފަސްޓު މިނިސްޓަރުކަމުގެ ހުވާ އަންނަ ބުދަ ދުވަހު ހަމްޒާ ކުރައްވާނެއެވެ. އޭނާ ވެގެންދާނީ ސްކޮޓްލޭންޑުގެ ހަޔާތުގައިވެސް އެ މަގާމު ފުރުއްވާ އެންމެ ހަނގު ބޭފުޅާއަށެވެ. އަދި ހަމްޒާ ވެގެންދާނީ އެ މަގާމު އަދާކުރައްވާ ފުރަތަމަ މުސްލިމަށެވެ.

ސްކޮޓްލޭންޑުގެ ވެރިރަށް ގްލާސްގޯއަށް އުފަން ހަމްޒާގެ މައިންބަފައިންނަކީ ޕާކިސްތާނުން ހިޖުރަކުރި ބަޔެވެ. އުމުރުން 37 އަހަރުގެ ހަމްޒާ ކިޔަވާ ވިދާޅުވީ ޔުނިވާސިޓީ އޮފް ގްލަސްގޯއިންނެވެ. އޭނާ ވަނީ އެ ޔުނިވާސިޓީން ޕޮލިޓިކަލް ސައިންސް ޑިގްރީ ހާސިލްކުރައްވާފައިެވެ. ހަމްޒާ ސިޔާސީ ދާއިރާއަށް ނުކުވަޑައިގެންނެވީ 2011 ވަނަ އަހަރުއެވެ. ސޮކްޓިޝް ޕާލިމެންޓުގެ މެމްބަރުކަންވެސް ކުރެއްވި ހަމްޒާ ވަނީ 2018 އިން 2021 އަށް އެ ގައުމުގެ ކެބިނެޓް ސެކެރެޓަރީ އޮފް ޖަސްޓިސްގެ މަގާމުވެސް ފުރުއްްވާފައެވެ.

އާ ލިޑަރެއްގެ ގޮތުން ހަމަޖެހިވަޑައިގެންނެވުމަށް ފަހު އެޑިންބަރާގެ މަރޭފީލްޑް ސްޓޭޑިއަމްގައި ވާހަކަ ދައްކަވަމުން ހަމްޒާ ވިދާޅުވީ، ފަސްޓު މިނިސްޓަރަކަށްވުމަކީ އޭނާގެ ހަޔާތުގައި ލިބޭނެ އެންމެ ބޮޑު ޝަރަފެއް ކަމަށެވެ. ޕާޓީ އެއްބައިވަންތަވުމަށް ހަމްޒާ ގޮވާލެއްވިއެވެ.

ހަމްޒާ އިތުރަށް ވިދާޅުވީ 1960 ގެ އަހަރުތަކުގައި އޭނާގެ މައިންބަފައިން ސްކޮޓްލޭންޑަށް އައިރު އިނގިރޭސި އެންމެ ބަހެއްވެސް ނޭގެ ކަމަށެވެ. މިއަދު އޭނާ އަށް ލިބުނު ކާމިޔާބީއަކީ އެމީހުންގެ ހުވަފެނުން ފެނުނު މަންޒަރެއް ނޫން ކަމަށް ވިދާޅުވިއެވެ.

ހަމްޒާ އެ މަގާމަށް އައްޔަން ކުރެއްވުމާ ގުޅިގެން މަރުހަބާ ވިދާޅުވަމުން ސްކޮޓްލޭންޑުގެ ކުރީގެ ފަސްޓު މިނިސްޓަރު ވިދާޅުވީ އޭނާ ވެގެންދާނީ "މޮޅު" ލީޑަރަކަށް ކަމަށެވެ.