ރާއްޖޭގައި ބޮޑު ފުޓުބޯޅައަށް އޮތް ފޯރި އަހަރަކަށް ވުރެން އަހަރެއް ދަށަށްދާ ވާހަކައަކީ އެންމެންނަށް ވެސް އެނގޭ ކަމެކެވެ. ދަނޑަށް ވަންނަ ސަޕޯޓަރުންވެސް މަދުވި އިރު، އެކަމުގައި ޝާމިލްވެ އުޅޭ މީހުންވެސް ޖުމުލަކޮށް މަދުވިއެވެ. އެކަމަކު ފުޓުބޯޅަ ސީޒަން ފެށެން ދެ ހަފުތާއަށްވީ އިރުވެސް ތައްޔާރަށް އެންމެ ދެ ކުލަބު އޮތުމަކީ މިކަމުގެ ނާޒުކުކަން އިންތިހާއަށް ހާމަވާނެ ވަރުގަދަ ހެއްކެކެވެ.
ކުލަބް ފުޓުބޯޅައިގެ އެއްވެސް ހަރަކާތެއް ނެތި ހަތް މަސް ވޭތުވެ ގޮސްފިއެވެ. މިދިޔަ އަހަރުގެ އޮގަސްޓްމަހު ކުޅުނު އެފްއޭކަޕުގެ ފަހު މެޗަށްފަހު މި ވޭތުވެ ދިޔަ ހަތް މަސް މިދިޔައީ ކުލަބު ފުޓުބޯޅައިގެ އެއްވެސް ކަމެއް ނެތިއެވެ. ކުލަބުތަކުގެ ބެލެނިވެރި ފަރާތް އެފްއޭއެމް އެކީއެކަށް އުޅެން ޖެހުނީ ދަރަނިތައް ދެއްކުމާއި، ކޯޓު މަރުހަލާތަކުގައެވެ. އެއާއެކު އެ އިދާރައިގެ އަސްލު މަގުސަދު އޮތީ ގައިގަނޑަކަށް ހަންދާންނެތިފައެވެ. އެއާއެކު ފުޓުބޯޅަ ހުސްކަމެއްގެ ތެރެއަށް ވެއްޓި ކުލަބުތައްވެސް އޭގެ ތެރޭގައި ތާށިވެ މަސައްކަތް ހުއްޓުނީކަމަށް ގަބޫލުކުރެވެއެވެ.
ރާއްޖޭގައި އަދިވެސް އެންމެ މަގުބޫލު ކުޅިވަރަކީ ފުޓުބޯޅައެވެ. އެކަން ދޭހަވަނީ އަތޮޅު ތެރޭގައި ކުރިއަށް އެ ގެންދާ ވަރުގަދަ މުބާރާތްތަކުންނެވެ. ފުޓުބޯޅައޭ މިގޮތަށް ދެންނެވިޔަސް އޭގެ ތެރޭގައި ފުޓްސަލް ވެސް ހިމަނާލީމެވެ. ސަބަބަކީ ރާއްޖޭގައި މިހާރުވެސް ފުޓުބޯޅަ ކުޅޭ ތަރިންނަކީ ގަވާއިދުން ފުޓްސަލް މުބާރާތްތަކުގައި ވެސް ކުޅޭ ކުޅުންތެރިންނެވެ. ކުލަބުތަކުން ކުރިން އެކަން ނުކުރުމަށް ބާރުއެޅިޔަސް ފުޓްސަލް އަކީ މިހާރު ފުޓުބޯޅައަށްވުރެން މާލީ ގޮތުން މާ ތަނަވަސްކަމެއް ލިބޭ ކުޅިވަރެއްކަން އެންމެންވެސް ދަނެއެވެ.
ސީޒަން ފަށަނީ، ޓީމުތައް ކޮބާ؟
އެފްއޭއެމުން އިއްޔެ އިއުލާން ކުރި ގޮތުގައި މިފަހަރުގެ ފުޓުބޯޅަ ސީޒަން ފަށާނީ އަންނަ މަހުގެ 3 ވަނަ ދުވަހުއެވެ. މިދިޔަ އަހަރުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަންއާއި އީގަލްސް ބައްދަލު ކުރާ ޗެރިޓީ ޝީލްޑް މެޗުން ފުޓުބޯޅަ ސީޒަން ފަށަން އެފްއޭއެމުން މީޑިއާގައި އިއުލާންކުރި އިރު، ގޮތަކަށް ބުނަންޏާ އެފްއޭއެމްއަށް އެ މެޗު ކުޅެން އިތުރު ކުލަބެއް ވެސް ލިބޭކައް ނެތެވެ. މިހާތަނަށް ޕްރެކްޓިސް ކުރަނީ އެ ދެ ކުލަބުން އެކަންޏެވެ. ބާކީ ލީގުގައި ވާދަކުރާނެ ހަ ކުލަބެއް އޮތް އިރު، އަދި މިހާތަނަށް އެކުލަބުތަކުގެ އަމަލީ އެއްވެސް ކަމެއް ފެނުން މައްޗަށް ހިއްލާލާ ގޮތެއް ނުވެއެވެ.
އައު ސީޒަނަށް ތައްޔާރުވާން މާޒިޔާއާއި އީގަލްސްއިން ޕްރެކްޓިސް ފަށައިގެން ރަނގަޅު ތަމްރީންތަކެއް ކުރާތާ ދުވަސްތަކެއް ވެއްޖެއެވެ. މާޒިޔާއިން ސައުދީ އަރަބިއްޔާގައި ފެންވަރު ރަނގަޅު ކޭމްޕެއްވެސް ކޮށްފިއެވެ. އެންމެ ފަހުން ރާއްޖެއިން ކުޅުނު އެކުވެރިކަމުގެ މެޗުގައި ޕާކިސްތާން 0-1 އިން ބަލި ކުރި މެޗުގެ ފުރަތަމަ އެގާރައަކީ ހުސް މާޒިޔާގެ ކުޅުންތެރިންނެވެ. މާޒިޔާއަކީ ގޮތަކަށް ބުނަންޏާ މިހާރުގެ ގައުމީ ޓީމެވެ. ގައުމީ ޓީމުގެ ބެންޗުން ދެން އަރަންތިބީ މުޅިން ކަހަލަ ގޮތަކަށް އީގަލްސްގެ ކުޅުންތެރިންނެވެ. ގައުމީ ޓީމު ބައްޓަން ވެފައި އޮތީ މިހާރު މި ދެކުލަބުގެ މައްޗަށެވެ.
ޗެރިޓީ ޝީލްޑް މެޗު އަންނަ ހަފުތާއަށް ތާވަލުކޮށްފައި އޮތް އިރު، އަންނަ މަހުގެ އަށްވަނަ ދުވަހު ޕްރެޒިޑެންޓްސް ކަޕު ފަށަން އެފްއޭއެމުން އޮތީ ތާވަލުކޮށްފައެވެ. ނަމަވެސް މިހާތަނަށް ޕްރެކްޓިހުން ފެންނަ ދެކުލަބު ފިޔަވާ އެހެން ކުލަބުތައް ނުފެންނާތީ އެފްއޭއެމްއަށް އެ މުބާރާތް ބޭއްވޭނެކަމާ މެދު އޮތީ ބޮޑު ޝައްކެއްގެއެވެ. ކޮންމެ ގޮތެއް ވިޔަސް ޕްރެކްޓިހަކާ ނުލައި އެފަދަ ރާއްޖޭގައި އެންމެ ދުވަސްވީ އެއް މުބާރާތަށް ޓީމުތައް ވެސް ނުކުންނާނެހެނެއް ހިޔެއް ނުވެއެވެ.
ފުރަތަމަ ޑިވިޝަނުގައި އޮތް އެހެން ޓީމުތައް ކަމަށްވާ، މިދިޔަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަން، ވެލެންސިއާގެ އިތުރުން، ގްރީން ސްޓްރީޓްސް، ޓީސީ ސްޕޯޓްސް ކްލަބް، ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަދި އަލަށް ފުރަތަމަ ޑިިވިޝަނުގައި ކުޅެން ތައްޔާރުވަމުން އަންނަ ބުރު ސްޕޯޓްސް ކްލަބްގެ މާބޮޑު ތައްޔާރީތަކެއް އަދި ނުފެނެއެވެ.
މީގެ ތެރެއިން ބުރުން އާ ސީޒަަނަށް ތައްޔާރުވުމުގެ ގޮތުން ވަނީ ކުރިން ޓީސީ އާއި މާޒިޔާ އަށް ކޯޗުކޮށްދިން މުހައްމަދު ނިޒާމް (ނިޒާމްބެ) ކޯޗަކަށް ހަމަޖައްސައިފަ އެވެ.
މިދިޔަ އަހަރުގެ ފައިސާ ކުޅުންތެރިންނަށް ނުދެވޭ!
ޕްރެކްޓިސް ނުފެށި އޮތް ބައެއް ކުލަބުތަކުގެ އޮފިޝަލުންނާއި، ކުޅުންތެރިންނާ ވާހަކަ ދައްކާލުމުން އެނގިގެންދިޔަ އެންމެ މުހިއްމު ކަމަކީ މިދިޔަ ސީޒަނުގައި ކުލަބުތަކުން ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރައާއި އިނާޔަތްތައް ނުދެވި ހުރިކަމެވެ. ޙާއްސަކޮށް ބޮޑެތި އަދަދުތަކުން ބައެއް ކުޅުންތެރިންނަށް ފައިސާ ދޭން ޖެހިފައިވާ އިރު، ކުލަބުތަކުން އެކުޅުންތެރިންނަށް ދޭން ޖެހޭ ފައިސާ ނުދީ ޕްރެކްޓިހަށް ނުކުންނާކަށް ވެސް ބޭނުމެއް ނޫނެވެ.
މިހާތަނަށް ޕްރެކްޓިސް ފެށި މާޒިޔާ އާއި އީގަލްސްއަކީ މީގެ ކުރިން ވެސް ފައިސާގެ ކަންކަމުގައި އެހެން ކުލަބުތަކާ އަޅާބަލާއިރު ރަނގަޅު ދެކުލަބެވެ. އެހެން ކުލަބުތަކުން ކުޅުންތެރިންނަށް ދޭން ޖެހޭ ފައިސާއާއި، މުޅި ކުލަބު ހިންގުން ބަރޯސާ ވަނީ އެފްއޭއެމުން ދޭ ތިން މިލިއަން ރުފިޔާއަށެވެ. އެ ފައިސާ ލަސްވެއްޖެ ނަމަ ކުޅުންތެރިންނަށް ވެސް ލިބޭނީ ލަހުންނެވެ. އެހެން ނަމަވެސް މާޒިޔާއާއި އީގަލްސްއަކީ މީގެ ކުރިންވެސް އަމިއްލައަށް އޮޕަރޭޓްވަމުން އަންނަ ދެ ކުލަބު ކަމުން އެފްއޭއެމުން ދޭ ފައިސާއަށް ހަމައެކަނި ބަރޯސާ ވާކަށް ނުޖެހެއެވެ.
އެނގިފައިވާ ގޮތުގައި އެފްއޭއެމުން ވަނީ ކުލަބުތަކާ މީގެ ކުރިން ބައްދަލުކޮށް އެކަމަށް ހައްލެއް ލިބޭނެކަމަށް ބުނެފައެވެ. އަދި އެކަމަށް ހައްލެއް ހޯދައިނުދީ ސީޒަން ނުފަށާނެ ކަމަށް ވެސް ބުންޏެވެ. ނަމަވެސް މިހާތަނަށް އައި އިރުވެސް ކުލަބުތަކަށް އެފްއޭއެމުން އެ ފައިސާ ދީފައި ނުވާކަމަށް ކުލަބުތަކުގެ އޮފިޝަލުން ބުނެއެވެ.
ސުވާލަކީ ހަތް މަސް ދުވަސް މެދުކެނޑިގެން މިދިޔަ ފުޓުބޯޅައިގެ ހުސްކަން ދެން އަލުން އިޔާދަކުރެވޭނެތޯއެވެ. ނޫނީ ގައުމީ ލީގު ހުއްޓާލަން ޖެހޭނީތޯއެވެ. އިނގޭހާވެސް އެއްޗަކީ ކުޅުންތެރިންނާ ނުލައި ކުލަބުތައް ނޯންނާނެ ކަމެވެ. އަދި ކުލަބުތަކާ ނުލައި ލީގެއް ވެސް ނޯންނާނެކަމެވެ.