ސަރުކާރުގެ މައި ވިޔަފާރި ކުންފުނި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ހުސައިން އަމްރު މަގާމުން ވަކި ކުރުމާއެކު، އެކުންފުނި ވަގުތީ ގޮތުން ހިންގުން ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) މުހައްމަދު ނިޒާމްއާ ހަވާލުކުރައްވައިފިއެވެ.

އެސްޓީއޯގައި އަމްރު ގެންދަވަނީ ބޯޑުޑިރެކްޓަރުކަމާއި މެނޭޖިން ޑިރެކްޓަރުކަމާއި ސީއީއޯކަން ވެސް ކުރައްވަމުންނެވެ. އެ މަގާމުތަކުން އޭނާ މިއަދު ވަކިކުރަން ޕީސީބީއިން ނިންމާނެ ކަމަށް ބެލެވެއެވެ.

ރާއްޖޭގެ ބާޒާރަށް ތަފާތު އެކި ވައްތަރުގެ މުދާ އެތެރެ ކުރުމާއި ޝިޕިންގެ ހިދުމަތާއި ތެޔޮ ފޯރުކޮށްދިނުމާއި ކަނޑުމަސް ބޭރުކުރުންފަދަ ހިދުމަތްތަކެއްދޭ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ވަކިކުރަން ސަރުކާރުން ނިންމާފައި މި ވަނީ ސަރުކާރާ ދެކޮޅަށް އޭނާ މަސައްކަތް ކުރައްވަން ފެއްޓެވެމުމުންނެވެ. އަމްރު ގެންދަވަނީ ސަރުކާރާ ދެކޮޅަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ގުޅިގެން މަސައްކަތްތަކެއް ކުރައްވަމުންނެވެ. "ފިކުރެއްގެ ދިރުން" ނަމުގައި ޖުމްހޫރީ ޕާޓީއާ ގުޅި، އެ ޕާޓީއާ ގުޅިގެން ސަރުކާރާ ދެކޮޅަށް އަޑި ނޭނގޭ މަސައްކަތްތަކެއް އަމްރު ވަނީ ފަށްޓަވާފައެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި އަމްރު ހުންނެވީ ރައިސް ސާލިހާ ދެކޮޅަށެވެ. ރައީސް ނަޝީދާއި އޭނާއަށް ތާއިދު ކުރާ މަޖިލިސް މެމްބަރުން ސަރުކާރަށް ޒާތީ ގޮތުން ދިމާކުރަމުން ގެންދިޔައިރު ވެސް އަމްރު އެކަމަށް އެއްޗެކޭ ވިދާޅެއް ނުވެއެވެ.

ސީއެފްއޯގެ މަގާމަށް ނިޒާމު އައްޔަން ކުރެއްވީ 2020ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 29ވަނަ ދުވަހުއެވެ.

ނިޒާމް އަކީ ފައިނޭންސް އެންޑް އެކައުންޓިން ދާއިރާއިން މާސްޓާސް ހާސިލްކުރައްވައި އެ ކުންފުނީގައި 10 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ނިޒާމު ވަނީ އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑަށްވެސް އައްޔަން ކުރައްވާފައެވެ. އެއީ 2021ވަނަ އަހަރުގެ މާޗު މަހުގެ 18ވަނަ ދުވަހުއެވެ. ނިޒާމް އައްޔަން ކުރައްވާފައި ވަނީ އެސްޓީއޯގެ ޑިރެކްޓަރުން ބޯޑުގެ އެގްޒެކެޓިވް ޑިރެކްޓަރެއްގެ ގޮތުގައެވެ.