ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އާއި މަނީ ލޯންޑަރިން ކުށުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅާ 11 އަހަރު ދުވަހަށް ޖަލަށްލުމަށް ހުކުމް ކޮށްފައިވާ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު، ރައީސް ޔާމީން 52 މިލިއަން ރުފިޔާ ދައުލަތަށް ދައްކަން އަމުރުކުރި މައްސަލައިގެ އިސްތިއުނާފު ބަލައިގެންފިއެވެ.

ޔާމީނަށް 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25ވަނަ ދުވަހުއެވެ. އެއީ ވ. އާރަށް ކުއްޔަށް ދިން މައްސަލާގައި ޔާމީނުގެ މައްޗަށް ކޮށްފައިވާ ދައުވާއާ ގުޅިގެންނެވެ.

އާރަށުގެ މައްސަލައަކީ ޔާމީނާއި ވ.ފެލިދޫ ހަނދުވަރީގެ ޔޫސުފް ނަޢީމް، ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ޓުއަރިސްޓް ރިޒޯޓް ތަރައްގީ ކުރުމަށްޓަކައި ވ.އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން އޭރުގެ ރައީސުލްޖުމްހޫރިއްޔާ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޔޫއެސް ޑޮލަރު ނަގައި ލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެކެވެ.

ހުކުމް އިއްވަމުން ކްރިމިނަލް ކޯޓުގެ އޭރުގެ ގާޒީ އަހްމަދު ޝަކީލް ވިދާޅުވީ ދައުލަތުން ޔާމީންގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅާ ހަތަރު އަހަރު ދުވަހަށް ޖަލަށްލުމަށް ހުކުމް ކުރާ ކަމަށެވެ. އަދި ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅާ ހަތް އަހަރު ދުވަހަށް ޖަލަށްލާން ހުކުމް ކުރާ ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން 3.4 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށާއި އެފައިސާ ހުކުމްކުރި ތާރީހުން (25 ޑިސެމްބަރު 2022) ފެށިގެން ހަމަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ވެސް ހުކުމް ކުރެއްވިއެވެ.

އެފައިސާއާ ގުޅިގެން މިދިޔަ މަހު ކްރިމިނަލް ކޯޓުން އަމުރެއް ނެރުނެވެ. އެއީ އެފައިސާ ދައުލަތަށް ދޭން ކުރި އަމުރެކެވެ. އެ މައްސަލަ އިސްތިއުނާފަށް ޔާމީންގެ ފަރާތްޕުޅުން ހައިކޯޓަށް ހުށަހެޅިއެވެ. މި މައްސަލައިގެ އިތުރުން ޔާމީން ޖަލަށްލުމަށް ހުކުމް ކުރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމްވެސް ހައިކޯޓުގައި ވަނީ އިސްތިއުނާފު ކޮށްފައެވެ. އެކަމަކު އެ މައްސަލައަކަށް އަދި އެކޯޓުން ގޮތެއް ނުނިންމައެވެ.