ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގެ މަސައްކަތްތައް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ފެށުމަށް އެޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހީމަށް ހަވާލު ކުރައްވައިފިއެވެ.
ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އެ މަސައްކަތްތައް އަމީނަށް ހަވާލުކުރެއްވިކަން އިއުލާނު ކުރެއްވީ ކައުންސިލް މެންބަރުން ތިއްބަވާ ވަޓްސްއަޕް ގްރޫޕުގައެވެ. އަދި ވިދާޅުވީ އެހެން މެންބަރުން އަމީނަށް އެއްބާރުލުން ދެއްވައިގެން ކުރިޔަށް ދިއުމަށެވެ.
މިއަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި، މިހާރު ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ވަކިން ވާދަ ކުރުމަށް އެޕާޓީން ނިންމީ މިމަހުގެ 14ވަނަ ދުވަހުއެވެ.
އެ ނިންމުން ނިންމުމަށްފަހު އެޕާޓީން މިހާރު ވަނީ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރުމުގެ ފުރުސަތުވެސް ހުޅުވާލައިފައެވެ.
ޖޭޕީން އެ ނިންމުން ނިންމާފައިވާއިރު މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވާ އެމްޑީޕީއާއެކު ކޯލިޝަން ހެދުމުގެ ދައުވަތު ރައީސް ސޯލިހު ވަނީ ގާސިމަށް ދެއްވައިފައެވެ. އަދި ރައީސްގެ ފަރާތްޕުޅުން ބައެއް މަންދޫބުން ވެސް އެކަމުގެ މަޝްވަރާތައް ކުރެއްވުމަށް ގާސިމް އަރިހަށް މީގެކުރިން ވަޑައިގެންފައި ވެސް އެބަ ހުއްޓެވެ.
އަދި ގާސިމް އިބްރާހީމް ވަނީ ދާދިފަހުން ރައީސް އޮފީހަށް ވަޑައިގެން ރައީސް ސޯލިހާ ވެސް ބައްދަލުކުރައްވާފައެވެ. ނަމަވެސް އެ ބައްދަލުވުމުގެ އެއްވެސް ތަފްސީލެއް ގާސިމް ވެސް އަދި ރައީސް ސޯލިހުގެ ފަރާތްޕުޅުން ވެސް ހިއްސާ ކުރައްވާފައެއް ނުވެއެވެ.
ނަމަވެސް އޭގެފަހުން ގާސިމް ވަނީ މި ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރްއެމްގެ ލީޑާޝިޕާއި ވެސް ބައްދަލުކުރައްވާ މަޝްވަރާ ކުރައްވާފައެވެ.