ތެލުން މުއްސަނދިކަން ހޯދާފައިވާ ޔުއޭއަކީ ކޮންމެ އަހަރެއްގެ ރޯދަމަހަކުވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބަނޑުހައި ހޫނުކަން ތަހައްމަލު ކުރަމުންދާ މީހުންނަށް އެހީތައް ފޯރުކޮށްދޭ ގައުމެކެވެ. ޔޫއޭއީގެ ވެރިޔާ ޝޭހް މުހައްމަދު ބިން ރަޝީދު އަލް މަހްތޫމްގެ އިސްނެންގެވުމުގެ ދަށުން ކުރިއަށް ގެންދާ "ވަން ބިލިއަން މީލްސް" ކެމްޕޭނަކީ ރޯދަ މަހާ ދިމާކޮށް ކުރިއަށްގެންދާ ކާބޯތަކެތި ފޯރުކޮށް ދިނުމުގެ އެންމެ ބޮޑު ހަރަކާތެވެ. މިއީ 2020 ވަނަ އަހަރުން ފެށިގެން 50 ގައުމެއްގެ ނާޒުކު މުޖުތަމައުތަކަށް ކާބޯތަކެތީގެ އެހީ ހޯދުމުގެ ގޮތުން ތައާރަފްކުރި ހަރަކާތެކެވެ.

މި ރޯދަމަހުވެސް މި ކެމްޕޭނު ކުރިއަށް ގެންދާ ގޮތަށް ވަނީ ނިންމާފައެވެ. ޓްވިޓާގައި އާއްމުކުރެއްވި ވީޑިއޯއެއްގައި ޝެހް މަހްތޫމް ވިދާޅުވީ އަމާޒަކީ، އެ ޕްރޮޖެކްޓްގެ ތެރެއިން، އެތައް ސަތޭކަ މިލިއަން މީހުންނަށް ކާބޯތަކެތި ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުން ކަމަށެވެ.

2020 ވަނަ އަހަރު 15.3 މިލިއަން މީލް ޕެކޭޖް، 2021 ވަނަ އަހަރު 220 މިލިއަން މީލް ޕެކޭޖް އަދި އެއް ބިލިއަން މީލް ޕެކޭޖް ވަނީ ކެމްޕޭނުގެ ދަށުން ފޯރުކޮށްދީފައެވެ.

މިދިޔަ އަހަރު މި ކެމްޕޭނުން ވަނީ އުރުދުން، އިންޑިއާ، ޕާކިސްތާން، ލުބްނާން، ކިރްގިސްތާން، އެންގޯލާ އަދި ޔުގެންޑާ ފަދަ 13 ގައުމެއްގެ ގެދޮރު ގެއްލިފައިވާ މީހުންނާއި އާއިލާތަކަށާއި ހާލުގައި ޖެހިފައިވާ މުޖުތަމައުތަކަށް ވަރަށް ބޮޑަށް ބޭނުންވާ އެހީތެރިކަމެއްގ ގޮތުގަައި ވެފައެވެ.

ކެމްޕެއިންގެ އަމާޒަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޔޫއޭއީއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އާބާދީތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ކާބޯތަކެތީގެ އެހީ ފޯރުކޮށްދިނުމެވެ.

ވަން ބިލިއަން މީލްސް ކެމްޕެއިނަކީ 2030 ވަނަ އަހަރުގެ ނިޔަލަށް ބަނޑުހައިހޫނުކަން ނައްތާލުމަށް އަމާޒުހިފާފައިވާ އދ.ގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑި ހާސިލްކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިދުމަތް ނުލިބޭ މުޖުތަމައުތަކަށް ދެމެހެއްޓެނިވި ގޮތެއްގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭނުންވެފައިވާ ކަންކަމަށް އިޖާބަދިނުމެވެ.

ބޭނުންވެފައިވާ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދޭން ބޭނުންވަ ފައިސާ ޔޫއޭއީގެ ބޮޑެތި ކުންފުނިތަކާއި، އަމިއްލަ ފަރުދުންގެ އިތުރުން އެހެނިހެން ގައުމުތަކުންވެސް ދެއެވެ.

ދުބާއީ ޑިއުޓީ ފްރީ، ޔޫއޭއިގެ އެންމެ ވަރުގަދަ މަނި އެކްސްޗޭންޖު އަލް އަންސާރީ އެކްސްޗޭންޖުގެ އިތުރުން ސޮބްހާ ރިއަލީޓީ ކުންފުނިން މުޅި ޖުމްލަ 32 މިލިއަން ޑޮލަރު ވަނީ މި އަހަރު ހަދިޔާކޮށްފައެވެ.