އިންތިހާބުތަކާއި ބެހޭ އާއްމު ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގެ ސަބަބުން ނޫސްވެރިކަން ވަރަށް ބޮޑަށް ހަނިވެގެން ދާނެ ކަމަށް ވެލިދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު މޯޑު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް މިއަދުގެ މަޖިލިސް ޖަލްސާގައި ބަހުސް ކުރައްވަމުން އޭނާ ވަނީ އެ އިސްލާހަކީ ވަރަށް ކުޑަ އިސްލާހެއް ކަމަށާއި އެ އިސްލާހަށް ތާއީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް އިންތިހާބުތަކާއި ބެހޭ އާއްމު ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގެ ސަބަބުން މީޑިއާތަކާއި ނޫސްވެރިންނަށް ވަރަށް ބޮޑެތި ދަތިތަކެއް ކުރިމަތިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެ އިސްލާހަކީ އޭނާ ވަރަށް ބޮޑަށް ކަންބޮޑުވާ އިސްލާހެއް ކަމަށް ވިދާޅުވިއެވެ.

"އެ އިސްލާހުގެ ސަބަބުން ނޫސްވެރިންނަށް ހާއްސަކޮށް އިންތިހާބުތައް ކަވަރު ކުރާ ނޫސްވެރިންނަށް ހުރަސްތަކެއް އެބަ އެޅިގެން ދޭ. އުނދަގޫތަކެއް ކުރިމަތިވާނެ. އޭގެ ސަބަބުން އަދި މި އިސްލާހުގައި އޮންނަ ގޮތުން އިލެކްޝަންސް ކޮމިޝަނުން ރަޖިސްޓްރީ ކުރާ ނޫނީ ހުއްދަ ދޭ ރަޖިސްޓްރީ ކޮށްފައިވާ ނޫސްވެރިންނަށް އިންތިހާބުތައް މި ކަވަރު ކުރެވެނީ،" މޯޑު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި އިސްލާހު ގެނައުމަށްވުރެ މިހާރު ގާނޫނުގައި އޮތް ގޮތް މާ ރަނގަޅު ކަމަށެވެ. މިހާރު ނޫސްތަކުން އިންތިހާބުތައް ކަވަރު ކުރުމުގައި އަމަލު ކުރާ ގޮތް ހިއްސާ ކުރައްވަމުން މެންބަރު މޯޑު ވިދާޅުވީ ކޮންމެ ރަށެއްގައި ނޫސްވެރިއެއް ނުވަތަ ނޫހެއް ނުހިންގާ ކަމަށާއި ނޫސްތަކުން އިންތިހާބުތައް ކަވަރު ކުރަނީ އިންތިހާބުތަކަށް ވަކިން ރަށްރަށުން މީހުން ހޯދައިގެން އެ މީހަކު ދޭ މައުލޫމާތުގެ މައްޗަށް ކަމަށް މޯޑު ވިދާޅުވިއެވެ.

"އެ ހުރިހާ މީހުންނަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ޓްރެއިނިންއެއް ދީގެން އެމީހުންނަށް އޭގައި ބައިވެރިވެވޭ ގޮތް އޮވެއްޖެ ނަމަ އަޅުގަނޑު ދެކޭ ގޮތުގައީ އެއީ އެކަން ހަނި ކުރުމަށް ކުރާ ކަމެއް،" މެންބަރު މޯޑު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ބްރޯޑްކާސްޓިން ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލް އޮއްވާ ނޫސްވެރިންނަށް ތަމްރީނު ދޭން ޖެހޭނީ އިލެކްޝަންސް ކޮމިޝަނުން ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"މީޑިއާތަކަށް ދޭންޖެހޭ ތަމްރީނުތަކެއްވާ ނަމަ އެފަރާތްތަކުން އެދަނީ ދެމުން، އިލެކްޝަންސް ކޮމިޝަނުން އަޅުގަނޑު ދެކޭ ގޮތުގައި ކުރަންޖެހޭނެ ކަމަކީ އިންތިހާބުތައް ކަވަރު ކުރާނެ ގައިޑްލައިނެއް ތައްޔާރު ކުރުން. އެ ގައިޑްލައިނަކީ ނޫސްވެރިންނަށް އެއްބަސްވެވޭ ގައިޑްލައިނަކަށް ވާންޖެހޭ. އެ ގައިޑްލައިނާ އެއްގޮތަށް ނޫސްވެރިން އިންތިހާބުތައް ކަވަރު ކުރަމުން ދިޔައީމަ އެ ހުންނާނީ ރަނގަޅު،" ނޫސްވެރިއެއްގެ ގޮތުގައި މީގެކުރިން މަސައްކަތް ކުރެއްވި މެންބަރު މޯޑު ވިދާޅުވިއެވެ.

މިފަދަ މަސައްކަތްތަކުގައި ކަންކަން ވާންޖެހޭނީ ރަނގަޅު ކަމަށާއި ނަމަވެސް އެ އިސްލާހުތައް އެގޮތަށް ނާންނަ ނަމަ އެދެވެނީ ރަނގަޅު މިސްރާބަކަށް ނޫން ކަމަށް މެންބަރު މޯޑު ވިދާޅުވިއެވެ.