ރިޔާސީ އިންތިހާބުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހުން އެނގޭ އެއްޗަކީ މިއަހަރު ރާއްޖޭގައި ބާއްވަން ނިންމާފައިވާ ރިޔާސީ އިންތިހާބު އިންސާފުވެރި ނުވާނެކަން ކަމަށް ނައިފަރު ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހަށް ބަހުސް ކުރައްވަމުން ޝިޔާމް ވިދާޅުވީ އެ އިސްލާހުން ފެންނަނީ ސަރުކާރުން ހުރިހާ ދިމާލަކަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރާތަން ކަމަށެވެ. އެކަމާއި މެދު ކަންބޮޑުވުން ފާޅު ކުރައްވަމުން ޝިޔާމް ވިދާޅުވީ ސަރުކާރުން ނޫސްވެރިންނާއި މީޑިއާތަކަށް ވެސް ވަރަށް ބޮޑަށް ނުފޫޒު ފޯރުވާ ކަމަށެވެ.
"މިފަދަ އިސްލާހުތަކަކީ ޔަގީނުންވެސް، ރިޔާސީ އިންތިހާބަކީ މި ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އިންތިހާބު. ރިޔާސީ އިންތިހާބު އިންސާފުވެރި ނުވާނެކަމުގެ ހެކި މި ފެންނަނީ،" ޝިޔާމް ވިދާޅުވިއެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބޭއްވި އެޕާޓީގެ ރިޔާސީ ޕްރައިމަރީ އަށް އެކަނި ވެސް އިންތިހާ އަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ޝިޔާމް ތުހުމަތު ކުރެއްވިއެވެ.
"އޭގެ ކިތަށް ގުނަ ކަމެއް ނޭނގެ އަޅުގަނމެންނަކަށް ނޭނގެ ރިޔާސީ އިންތިހާބުގައި ނުފޫޒު ފޯރުވާނީ،" ޝިޔާމް ވިދާޅުވިއެވެ.
ނުފޫޒުގަދަ ވިޔަފާރިވެރިންގެ ޖީބުން އަދުގެ ސަރުކާރުގެ އިސްވެރިން އަރަން ޖެހޭ ކަމަށާއި އެކަމުން ސަލާމަތް ނުވެ ދިވެހި ރައްޔިތުން ވެސް ސަލާމަތްވާނެ ނެތް ކަމަށް ޝިޔާމް ވިދާޅުވިއެވެ. ވިޔަފާރިވެރިންގެ ޖީބަށް ވަދެގެން ރައްޔިތުންނަށް ވެރިކަމެއް ނުކޮށްދެވޭނެ ކަމަށާއި އެކަމަކީ ވަރަށް ބޮޑު ކުންހީއެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"އެކަން ކޮށްގެންނެއް [ވިޔަފާރިވެރިންގެ ޖީބަށް ވެއްޓިގެން] ދިވެހި ރައްޔިތުންގެ ވޯޓެއް ލިބޭކަށް ނެތް އިއްޒަތްތެރި ރައީސް،" ޝިޔާމް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ބިލުތައް ހުށަހެޅިފައި އޮތީ ސީދާ ރިޔާސީ އިންތިހާބާއި ގުޅުވާފައި ކަމަށާއި އެހެންކަމުން އަންނަން އޮތް ރިޔާސީ އިންތިހާބު އިންސާފުވެރި ވާނެ އެއްވެސް ގޮތެއް ނެތް ކަމަށް ޕީޕީއެމްގެ ނާއިބު ރައީސްކަންވެސް ކުރައްވާ ޝިޔާމް ވިދާޅުވިއެވެ. އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޔާމީން ޖަލަށް ލާފައިވާކަން ފާހަގަކުރައްވާ ޝިޔާމް ވަނީ ޔާމީނަށް ވާދަ ނުކުރެވޭ ގޮތަށް މުޅި ނިޒާމު އެމަނިކުފާނަށް އަނިޔާ ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.