ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ މޮޓޯކެޑަށް ހުރަސް އެޅި މައްސަލާގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އަށް ފާޑު ކިޔަމުން އަންނާތީ އެކަމަށް އެކަމަނާ ރައްދު ދެއްވައިފިއެވެ.

އެ މައްސަލައާ ގުޅިގެން މިނިސްޓަރު މާރިޔާގެ އިސްތިއުފާ އަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް އިއްޔެ ކުއްލި މައްސަލައެއް ހުށަހެޅިއެވެ. ނަމަވެސް އެ މައްސަލަ މަޖިލީހުގެ ތަޅުމުން ވަނީ ބޭރުކޮށްލައިފައެވެ.

މިދިޔަ އަންގާރަ ދުވަހުގެ ރޭ (މާޗު 20ވަނަ ދުވަހުގެ ރޭ) ޖެންޑާ މިނިސްޓްރީން ހުޅުމާލޭގައި ބޭއްވި ރެހެންދި އެވޯޑު ދިނުމުގެ ހަފްލާގައި ބައިވެރިވެވަޑައިގަތުމަށް ފަހު އެނބުރި ވަޑައިގެން ވަގުތު މާލޭގައި އިދިކޮޅު ކޯލިޝަނުން ގެންދިޔައީ އިހުތިޖާޖު ކުރަމުންނެވެ. އަދި ރައީސް ދުއްވާފައި ދިޔަ މޮޓޯކެޑަށް ވަދެވުނީ މުޒާހަރާގެ ބައިވެރިންގެ ތެރެއަށެވެ.

އެ މައްސަލާގައި ގިނަ ބައެއްގެ ފާޑު ކިޔުންތައް ސަލާމަތީ ބާރުތަކަށާއި އަދި ޕީޕީއެމް އަށް ވެސް އަމާޒުވަމުން ދިޔައެވެ.

https://twitter.com/MariyaDidi/status/1638402701762473985?s=20

އެކަމާއި ގުޅިގެން މިނިސްޓަރު މާރިޔާ އަށް އަމާޒުވަމުން އަންނަ ފާޑު ކިޔުންތަކާއި ގުޅިގެން މާރިޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އައިޖީއެމްއެޗުގައި ކަމެއް ގޯސްކޮށްދިޔައިމަ ހެލްތު މިނިސްޓަރު ބޮލަކަށް ނުޖަހާ ކަމަށާއި ފުލުހުން ގޯސްކޮށް ކަމެއް ކުރީމާ ހޯމް މިނިސްޓަރު ބޮލަކަށް ވެސް ނުޖަހާ ކަމަށެވެ. ނަމަވެސް ސިފައިންގެ އޮޕަރޭޝަނަލް ނުވަތަ ޓެކްޓިކަލް ކަމެއް މެދުވާއިރަށް އެކަމުގެ ޒިންމާ މިނިސްޓަރު ނަގަންޖެހޭ ކަމަށް ބުނަމުން އަންނަނީ ޑިފެންސް މިނިސްޓަރަކަށް އަންހެނަކު ހުންނާތީ ކަމަށެވެ.

އެ މައްސަލާގައި އަންހެނަކު ހިމެނޭހެން ހަތަރު މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. އަންހެން މީހާ އާއި އަދި އިތުރު މީހަކަށް ފަސް ދުވަސް ކްރިމިނަލް ކޯޓުން ބަންދަށް ޖަހާފައިވާއިރު ބާކީ ތިބި ދެ މީހުންގެ ބަންދަށް 15 ދުވަސް ވަނީ ޖަހައިފައެވެ.

މީގެއިތުރުން ރައީސް ސޯލިހުގެ މޮޓޯކެޑަށް ހުރަސް އެޅި މައްސަލަ ބެލުމަށް އެމްއެންޑީއެފް އިން ހާއްސަ ކޮމެޓީއެއް ވެސް ވަނީ ނަގައިފައެވެ. އެ ކޮމެޓީއަކީ ގައުމީ ދިފާއީ ބާރުގެ ލީޑާޝިޕްގެ މަޝްވަރާގެ މަތިން ދިފާއީ ވަޒީރު މާރިޔާ އަހްމަދު ދީދީ އުފައްދަވާފައިވާ ހާއްސަ ކޮމެޓީއެއް ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެފަދަ ކަމެއް ދިމާވުމުން އެމްއެންޑީއެފް ގައި އަމަލުކުރަމުން އަންނަ ޕުރޮސީޖާތަކާއި އެއްގޮތްވާ ގޮތުގެ މަތިން، ޕްރެޒިޑެންސަލް ގާޑްސްގެ ކޮމާންޑިން އޮފިސަރުގެ މަގާމުގައި ހުންނެވި ކާނަލް އިބްރާހިމް މަގާމުގެ މަސްއޫލިއްޔަތާއި ޒިންމާތަކުން އެކަހެރިކޮށްފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ. އަދި ޕްރެޒިޑެންސަލް ގާޑްސް ވަގުތީ ގޮތުން ހިންގެވުން މޭޖާ އިބްރާހިމް ހަލީމްއާ ވަނީ ހަވާލު ކުރައްވައިފައެވެ.