ސަރުކާރާ ހިޔާލު ތަފާތުވާ ބަޔަކާއެކު ނިންމުންތައް ނިންމުމަށް އުނދަގޫވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި، މިހާރު ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ވަކިން ވާދަ ކުރުމަށް އެޕާޓީގެ ކައުންސިލުން ވަނީ ނިންމައިފައެވެ.

ޖޭޕީގެ އެ ނިންމުމާއެކު ރައީސް ސޯލިހަށް ތާއީދު ކުރައްވާ ރައްޔިތުން މަޖިލީހުގެ އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ޖޭޕީގެ ބޭފުޅުން މަގާމުން އިސްތިއުފާ ދިނުމަށް އަންނަނީ ގޮވާލަމުންނެވެ. ނަމަވެސް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް ވަނީ ކޯލިޝަންގައި ތިބީ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ. އަދި އެ އެއްބަސްވުމުގެ މުއްދަތަކީ ދައުރު ނިމުމާއި ހަމައަށް ކަމަށާއި އެހެންކަމުން އިސްތިއުފާ ދެއްވަން ނުޖެހޭނެ ކަމަށް ގާސިމް ވިދާޅުވެއެވެ.

މިއަދު މުލީއާގޭގައި ރައީސް ސޯލިހު އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ވަނީ އެމްޑީޕީއާއެކު މިހާރު ކޯލިޝަން ހަދާފައިވާ އަދާލަތު ޕާޓީ އަދި އެމްޑީއޭގެ ލީޑާޝިޕާއެކު ބައްދަލުކުރައްވާފައެވެ. އެ ބައްދަލުކުރެއްވުމަށްފަހު އެމަނިކުފާނު ވަނީ ނޫސްވެރިންނާއި ވާހަކަދައްކަވައިފައެވެ.

"ހަމަ ގައިމުވެސް ހިޔާލު ތަފާތުވާ ބަޔަކާއެކު އެކީގައި ކެމްޕެއިނެއް ނުކުރެވޭނެ. އެއީ ވަރަށް ސާފު ކަމެއް. ދެން މިހާރު މިއޮތް ކޯލިޝަން މިހެން އޮއްވާ އަނެއްކާ އަޅުގަނޑުމެން އިތުރު ކޯލިޝަނެއް މިހެދީ. މި ކެމްޕެއިން ކުރިޔަށް ދާއިރުގައި އޭގެ ސަބަބުން އަޅުގަނޑުމެންނަށް އިންތިހާބު ކާމިޔާބު ކުރުމަށް ކުރެވެން ހުރި ކަންތައްތައް އަޅުގަނޑުމެން ކުރަމުން ގެންދާނަން. އޭގެ މާނައަކީ އަދި ޖުމްހޫރީ ޕާޓީއާ ދޭތެރޭ ފިޔަވަޅެއް އަޅާނެތޯ ނޫންތޯ އެ ވާހަކައެއް ނޫން،" ކޯލިޝަންގެ ވާހަކައާ ގުޅިގެން ފުރަތަމަވެސް ދެންނެވީ މިހެންނެވެ.

"އެހެންނަމަވެސް ގަބޫލުކުރައްވަން ވާނެ، ހިޔާލު ތަފާތުވާ ބަޔަކާއެކު ޑިސިޝަންތަކެއް ނަގާއިރު ތިބޭ ކަމަށްވަންޏާ އެކަމެއް އެގޮތަކަށް ނުކުރެވޭނެ،" ރައީސް އިތުރަށް ވިދާޅުވިއެވެ.

ރައީސް ވެސް ވަނީ ކޯލިޝަނެއް ހަދާފައި ވަނީ އެއްބަސްވުމެއްގެ ދަށުން ކަމަށް ވިދާޅުވެފައެވެ. އެ އެގްރީމަންޓުގައި އޮންނަނީ ދައުރު ނިމެންދެން އެކީގައި ތިބުން ކަމަށް ރައީސް ވިދާޅުވިއެވެ. އެއީ އަކުރުން އަކުރަށް އެ މާނަ ކުރުމުން އޮންނަ ގޮތް ކަމަށް ރައީސް ވިދާޅުވިއެވެ.

"އެހެންނަމަވެސް ކުރިޔަށް އޮތް ރިޔާސީ އިންތިހާބަށް ދާއިރުގައި އަޅުގަނޑުމެންނަށް އެކީގައި ނުތިބެވޭ ކަމަށްވަންޏާ އޭގައި އެއޮތީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެ އެގްރީމަންޓު ނިމުމަކާއި ހަމައަށް ގެންނަން ޖެހިފައި. އޭގެ މާނައަކީ ކޯލިޝަން ނެތީއެކޭ ނޫން. އެއްބަސްވެވޭ އެއްބަސްވުމަކީ ތަންފީޒު ކުރެވޭ އެއްޗަކަށް ވާންޖެހޭނެ،" ރައީސް ވިދާޅުވިއެވެ.

އެއްބަސްވެވޭ އެއްބަސްވުން ތަންފީޒު ނުކުރެވޭ ކަމަށްވާ ނަމަ އެ އެއްބަސްވުމެއްގެ ބޭނުމެއް އޮވެގެން ނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މިސާލެއް ޖައްސަވަމުން ރައީސް ވަނީ މިހާރު ކޯލިޝަންގައި އޮތް ހަތަރު ޕާޓީން ރިޔާސީ އިންތިހާބަށް ވަކިން ނިކުންނަ ނަމަ ކެމްޕެއިން ކުރިޔަށްދާއިރުގައި ހިޔާލު ތަފާތުވުންތައް އަންނާނެ ކަމަށެވެ.