ގދ. މަޑަވެލީގައި އަންހެނަކަށް ވަރަށް ބޮޑަށް އަނިޔާކުރި މީހަކު ފުލުހުން ހައްޔަރު ކޮށްފިއެވެ.

ޒުވާން އަންހެނަކަށް އަނިޔާކުރި މައްސަލާގައި ފުލުހުން ވަނީ 33 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައެވެ. އެ އަންހެން މީހާ އަށް އަނިޔާކުރާ ވީޑިއޯ ސޯޝަލް މީޑިއާގައި ވަނީ އާއްމުވެފައެވެ.

އެ ވީޑިއޯ އިން ފެންނަނީ އެ އަންހެން މީހާގެ އަތުގައި ހިފާ ދަމާ ކޫތައިގެން މަގުމައްޗަށް ނެރޭ މަންޒަރެވެ. އަދި އަންހެން މީހާ އަށް ލިބެމުން ދިޔަ އަނިޔާތަކަށް އަންހެން މީހާ ރޯ އަޑުވެސް އިވެއެވެ. މަގުމައްޗަށް އަންހެން މީހާ ނެރުނު ވަގުތު ގިނަ އަދަދެއްގެ ބަޔަކު އެ މަގުމަތީގައި ތިބެއެވެ. ވީޑިއޯ އިން ފެންނަ ގޮތުގައި އެވަގުތު އެ ސަރަހައްދުގައި ބަޔަކު ސައިބޯން ތިބޭ މަންޒަރު ފެނެއެވެ.

އެ ފިރިހެން މީހާ ދުރު ކުރުމުގެ ބަދަލުގައި އެ ސަރަހައްދުގައި ތިބި އެންމެން ވެސް ބެލީ ފޯނު ނަގައިގެން ވީޑިއޯ ކުރެވޭތޯއެވެ.

އަންހެން މީހާ އަށް އަނިޔާ ކުރި ފިރިހެން މީހާއާ ދިމާލަށް ވެސް އެތަނުގައި ތިބި ބައެއް މީހުން ހަޅޭއްލަވާ ހަދައެވެ. ނަމަވެސް އެއްވެސް މީހަކު އެމީހާ ދުރު ކުރާކަށް ނާދެއެވެ. ދެން ފެންނަނީ އެ އަންހެން މީހާގެ އަތުގައި ހިފައިގެން މަގުމަތީގައި އެ އަންހެން މީހާ ދަމާ ކޫތައިގެން ގެންދާ މަންޒަރެވެ.

އެ ފިރިހެން މީހާ ހުއްޓުވަން އައީ މާ ދުރުގައި ހުރި އެހެން ފިރިހެނެކެވެ. އެވަގުތުވެސް އެ ފިރިހެން މީހާ އަންހެން މީހާ އަށް އަނިޔާ ކުރަމުން ދެއެވެ. އެ އަންހެން މީހާގެ އަތުން ދުލެއް ނުކުރެއެވެ.

އެ އަންހެން މީހާ އަކީ އެރަށަށް ނިސްބަތްވާ މީހެއް ނޫނެވެ. ފުލުހުން ބުނީ އެ އަންހެން މީހާ އަށް ލިބުނު އަނިޔާތަކަށް އެރަށު ސިއްހީ މަރުކަޒުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.