ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މޮޓޯކޭޑް ދުއްވާފައި ދަނިކޮށް، އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ މުޒާހަރާ ކުރާ ސަރަހައްދަށް ވަންނަން ޖެހުނު ސަބަބު ބަލަން ޖެހޭ ކަމަށާއި އަދި ގަސްތުގައި ރައީސްގެ މޮޓޯކެޑު ހުއްޓުވާފައި ވޭތޯ ވެސް ބަލަން ޖެހޭ ކަމަށް މަޖިލީހުގެ 241 ކޮމެޓީގެ މެންބަރުން މިއަދު ވިދާޅުވެއްޖެއެވެ.
އެ މައްސަލާގައި މިއަދު ބޭއްވި 241 ކޮމެޓީގެ ބައްދަލުވުމުގައި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) ވިދާޅުވީ އެ ހާދިސާގައި ދެ މައްސަލައެއް ބަލަންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެގޮތުން އޭނާ ފާހަގަކުރެއްވި އެއް ކަމަކީ މޮޓޯކޭޑު ދަތުރު ކުރަން ހަމަޖެހިފައި އޮތް ރޫޓު ސަލާމަތީ ބާރުތަކުން ކުރީބައިގައި ބަލާފައި ވޭތޯ އާއި އަދި ދެވަނަ ކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ ގަސްތުގައި ރައީސުލްޖުމްހޫރިއްޔާގެ މޮޓޯކޭޑަށް ހުރަސް އެޅިތޯއެވެ. އޭނާ ވަނީ އެ ދެ މައްސަލަ ވެސް ބެލުމަށް ހުށަހަޅާފައެވެ.
"އެހެންވީމާ ގަސްދުގައި ރައީސުލްޖުމްހޫރިއްޔާގެ މޮޓޯކޭޑް ހުއްޓުވަފައި ނަމަ އެ ބައެއްގެ މައްސަލަ ވެސް ބެލެން ޖެހޭނެ. އަދި އެމްއެންޑީއެފުން ކީއްވެތޯ އައިސް އެ ސަރަހައްދަށް ވަނީ،" ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ބޮޑީގާޑެއްގެ ގޮތުގައި ވެސް މަސައްކަތް ކުރެއްވި ގަޕޯ ވިދާޅުވިއެވެ.
ގަޕޯގެ އެ ހުށަހެޅުއްވުމަށް ތާއީދު ކުރައްވަމުން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ވިދާޅުވީ ރައީސްގެ ސަލާމަތާއި ރައްކާތެރިކަމާއި ހަވާލުވެ ތިބި ފަރާތްތަކުން އެކަމުގައި އަމަލު ކޮށްފައިވާ ގޮތް ބަލަން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މޮޓޯކޭޑަށް ހުރަސް އެޅުމުގެ ފުރުސަތު އެއްވެސް މީހަކަށް ލިބިގެން ނުވާނެ ކަމަށެވެ.
"އެ ފުރުސަތު ފަހިވި ގޮތަކާއި އަދި އެކަން ހިނގާދިޔަ ގޮތް ބެލުމަކީ ވެސް އަޅުގަނޑު ހިތުން މި ކޮމެޓީން ކުރަންޖެހޭ ކަމެއް،" ހިސާން ފާހަގަކުރެއްވިއެވެ.
ކުރީގެ ރައީސް ޔާމީން ސަރުކާރުގެ ޑިފެންސް މިނިސްޓަރަކަށް ހުންނެވި އަދި މިހާރު މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވަނީ ރޭގެ މުޒާހަރާ ނިންމާލި ފަހުން ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މައްސަލާގައި ވެސް ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.
"ރައީސުލްޖުމްހޫރިއްޔާ އަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދެން ޖެހޭ މުއައްސަސާތައް ޝާމިލުވާ ކަމެއްގައި ރައީސް ވަޑައިގެންނެވިއިރުގައި އެ މަގު ކްލިއާ ނުވެ އޮއްވާ ދަތުރު ކުރެވުނީ ކީއްވެގެންތޯ، މޯލްޑިވްސް ޕޮލިސްއާ އެމްއެންޑީއެފްއާ ރަނގަޅަށް ކޮމިއުނިކޭޓު ކުރެވުނުތޯ މިއީ އިންޓަލިޖެންސްގެ ފެއިލްވުމެއްތޯ. މިއީ ކިހިނެއްވެގެން ދިޔަ ކަމެއްތޯ މިއީ އަޅުގަނޑު ހިތުން ބަލަންޖެހޭ ކަމެއް،" އާދަމް ޝަރީފް ވިދާޅުވިއެވެ.
އެ ކޮމެޓީގެ މުގައްރިރު އަދި އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް މިއަދު “ހަތާވީސް” އަށް ވިދާޅުވީ އެއީ އޭނާ ވަރަށް ކަންބޮޑުވާ މައްސަލައެއް ކަމަށެވެ. ސެކިއުރިޓީ ފެއިލްވުމުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ މޮޓޯކެޑު ހުއްޓުވި މީހުންނާއި މެދު ފިޔަވަޅު އެޅެން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
“އެއީ ވަރަށް ނުރައްކާތެރި އަމަލެއް. އެއީ އަޅުގަނޑު ގަބޫލުކުރައްވާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ފުރާނަފުޅަށް ނުރައްކާ ފަދަ އަމަލެއް. އެފަދަ އަމަލުތައް އެއީ ޕީޕީއެމްވިޔަސް އަދި އެހެން ޕާޓީއަކުން ކުރި ކަމަކަށްވިޔަސް އެއީ ރަނގަޅު ކަމެއް ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،” އެމްޑީޕީގެ ޕީޖީ ލީޑަރުކަން ވެސް ކުރައްވާ އަސްލަމް ވިދާޅުވިއެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ އަކަށް ހުންނަވާ ބޭފުޅެއްގެ މޮޓޯކެޑު ދުއްވާފައި ދަނިކޮށް މިގޮތަށް ހުއްޓުވި ފުރަތަމަ ފަހަރެވެ. އެ މައްސަލައާ ގުޅިގެން އެމްއެންޑީއެފް އިން މިއަދު ބުނީ އެކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.