ސަރުކާރުގެ ތެރެއިންނާއި އަމިއްލަ ވިޔަފާރިތަކާއި ކުންފުނިތަކުންވެސް ކަންކަން ނިންމުމުގެ މަރުހަލާއަށާއި، ސިޔާސަތުތައް ކަނޑައެޅުމުގެ ފަންތިއަށް އަންހެނުން ގެނައުމަށް، މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި މަސައްކަތްކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެދިވަޑައިގެންފިއެވެ.
ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި، މިރޭ ޢުމަރު ޒާހިރު އޮފީސް އިމާރާތުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވަނީ މި ސަރުކާރުން 2022 ވަނަ އަހަރު ކަނޑައެޅުއްވި ޖެންޑާ އީކުއަލިޓީ އެކްޝަން ޕްލޭންގެ މައްޗަށް ވަރަށް ތަފްސީލީ ގޮތެއްގައި އަލިއަޅުއްވާލައްވާފައެވެ.
އެމަނިކުފާނު ވަނީ ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުން ކުރާ މަސައްކަތްތަކަކީ މިންތީ ހަމަހަމަކަމަށް ރިއާޔަތްކުރެވިފައިވާ މަސައްކަތްތަކަކަށް ހެދުމަށްޓަކައި މިންގަނޑުތަކެއް ކަނޑައަޅުއްވާފައިވާ އިދާރާތަކެއްކަން ފާހަގަކުރައްވާފައެވެ. އަދި މިއަދުން ފެށިގެން ސަރުކާރުގެ ހުރިހާ އިދާރާތަކުންވެސް އެ މޮޑެލްއާ އެއްގޮތަށް މަސައްކަތްތައް ރާވައި، ރާއްޖޭގައި މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް ކުރާ މަސައްކަތްތައް ހަރުދަނާކުރުމަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ.
މިއަހަރުގެ އަންހެނުންގެ ދުވަހުގެ ޝިޢާރުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ "ޑިޖިޓަލް: އިނޮވޭޝަން އެންޑް ޓެކްނޮލޮޖީ ފޮރ ޖެންޑަރ އީކުއަލިޓީ" އެ ޝިއާރުގެ އެންމެ މުހިންމު އެއް ބޭނުމަކީ އިނޮވޭޓިވް ޓެކްނޮލޮޖީއާއި ޑިޖިޓަލް އެޑިއުކޭޝަން ކުރިއެރުވުމުގައި ކާމިޔާބީ ހޯދަމުން އަންނަ އަންހެނުންނާއި އަންހެންކުދިންގެ އަގުވަޒަންކޮށް ހިތްވަރު ދިނުން ކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިހާތަނަށް ދައްކަމުން މި އަންނަނީ، އަންހެނުންނަށް ފުރުސަތުތައް ފަހިކޮށްދޭންޖެހޭ ވާހަކަ. އަންހެނުންނަށް ވަޒީފާތައް ހޯދައިދޭންޖެހޭ ވާހަކަ. އަންހެނުން މަގާމުތަކަށް އިންތިހާބު ކުރަންޖެހޭ ވާހަކަ. ނަމަވެސް، ހަމައެކަނި ފުރުސަތާއި ވަޒީފާގެ ވާހަކައިން، އަޅުގަނޑުމެން ހޯދަން މި އެދޭ މަންޒިލެއް ނުފެންނާނެ،" ރައީސް ވިދާޅުވިއެވެ.
މިރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުން އަންހެނުން ބާރުވެރިކުރުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އިޖްތިމާއީ އަދި އިގްތިސޯދީ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް މިހާރު ސަރުކާރުން ފަށާފައިވާ މީރީ ޕްރޮޖެކްޓް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ކުޅިވަރުގެ ދާއިރާގައިވެސް މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް އަންހެން ފިރިހެން ތަފާތު ނުކޮށް ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް މުސާރަ ދޭންފެށުމާއި، ގައުމީ ޓީމުގެ ކުޅުންތެރިން ތަމްރީންތަކަށް ނުވަތަ މުބާރާތްތަކަށް ރާއްޖޭން ބޭރަށް ދާއިރު، 2 އަހަރު ނުވާ ދަރިފުޅާއި ބެލެނިވެރިއަކު ގެންދެވޭ ގޮތަށް ހަމަޖައްސާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.
"މިކަންކަން ކުރެވުނަސް، އިޖްތިމާއީ އަދި އިގްތިސޯދީ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އެންމެ ފުރިހަމައަށް އެކިއެކި ސަބަބުތަކާހުރެ މިހާރަކުވެސް ލިބެމަކުން ނުދެއޭ ދެންނެވިދާނެ. ގޭބިސީތަކުގެ އާމްދަނީ އާއި ހަރަދުކުރުން ހުރިގޮތް ބެލުމަށް ކުރި ސާވޭއިން ދެއްކި ގޮތުގައި، ރާއްޖޭގެ ޒުވާން އަންހެނުންގެ ތެރެއިން ތައުލީމާއި، ވަޒީފާއާއި، ތަމްރީނުގައި މަޝްއޫލުނުވާ 41 އިންސައްތަ އަންހެނުން އަދިވެސް އެބަ ތިބި،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވަނީ މުޅި މުޖްތަމައުގައިވެސް، އަންހެނުން ކުރީ ސަފަށް ނެރުމާއި އަންހެނުންނަށް ފުރުސަތުތައް ފަހިކޮށްދިނުމުގެ ރޫހު އުފެދިގެން ދިއުމަށް އުންމީކުރައްވާކަމުގައި ވިދާޅުވެފައެވެ.
 
		 
										
										 
		 
		 
		 ބޯހިޔާވަހިކަމަށް އިހުމާލުވެފައި ވާތީ އެމްޑީޕީގެ އެއްވުމެއް
														
							
								ބޯހިޔާވަހިކަމަށް އިހުމާލުވެފައި ވާތީ އެމްޑީޕީގެ އެއްވުމެއް								 ޑޮލަރު ފޭރުން: މީހުންގެ ވަނަވަރު އާއްމުކޮށްފި، ފައިސާ އަދިވެސް ނުހޯދޭ
														
							
								ޑޮލަރު ފޭރުން: މީހުންގެ ވަނަވަރު އާއްމުކޮށްފި، ފައިސާ އަދިވެސް ނުހޯދޭ								 ޒަމްއަތު މީޑިއާ ކޮންޓްރޯލްކުރާ ކޮމިޝަނުގެ ނާއިބު ރައީސަކަށް
														
							
								ޒަމްއަތު މީޑިއާ ކޮންޓްރޯލްކުރާ ކޮމިޝަނުގެ ނާއިބު ރައީސަކަށް								 ކުޑަ ހައިމާކަކުން ކުރެންދޫ ފަޅު ފުންކުރާތީ ޔާމީން ފާޑުވިދާޅުވެއްޖެ
														
							
								ކުޑަ ހައިމާކަކުން ކުރެންދޫ ފަޅު ފުންކުރާތީ ޔާމީން ފާޑުވިދާޅުވެއްޖެ								 އަންނަ އަހަރުގެ ބަޖެޓުން ބާކީ ހުރި ވައުދުތައް ފުއްދޭނެ: ރައީސް
														
							
								އަންނަ އަހަރުގެ ބަޖެޓުން ބާކީ ހުރި ވައުދުތައް ފުއްދޭނެ: ރައީސް								