"އިންސާނިއްޔަތު އޮތީ ނާޒުކު ހާލަތެއްގައި... އަޅުގަނޑުމެންގެ ޕްލެނެޓަށް ހުރިހާ ރޮނގަކުން ވެސް ކްލައިމެޓް އެކްޝަން ބޭނުންވޭ،" މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭ ގޮތުން އިންޓަ ގަވަމެންޓަލް ޕެނަލް އޮން ކްލައިމެޓް ޗޭންޖް (އައިޕީސީސީ) ގެ ރިޕޯޓަށް އިޝާރާތް ކުރައްވާ އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވިދާޅުވިއެވެ.
ގިނަ ސައިންޓިސްޓުންގެ މައްޗަށް އެކުލެވޭ އައިޕީސީސީން ހެދި އެންމެ އެންމެ ފަހުގެ އެސެސްމަންޓުން ދައްކާ ގޮތުން ދުނިޔެ އޮތީ އިޔާދަ ނުކުރެވޭ ވަރުގެ މޫސުމީ ގެއްލުމަކާ ގާތުގައެވެ. އެ ޕެނަލުން ބުނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މުސްތަގުބަލުގައި ލިބޭ ނުރައްކާތެރި ގެއްލުންތަކުން ރައްކާތެރިވުމުގެ ފުރުސަތު އަދިވެސް އެބައޮތް ކަމަށެވެ. އެހެންވެ ސައިންސްވެރިން ވަނީ ދުނިޔެއަށް އެންމެ ފަހުގެ އިންޒާރު ދީފައެވެ.
ގުޓަރޭޒް ވިދާޅުވީ އެ ރިޕޯޓަކީ މޫސުމާ ދެކޮޅަށް ކުރާ މަސައްކަތްތައް ވަރަށް ބޮޑަށް ހަލުވިކުރުމަށް ގޮވާލާ ރިޕޯޓެއް ކަމަށެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައިގައި މުޅި ދުނިޔެއިން މިހާރުން މިހާރަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
ކްލައިމެޓް ސްޕެޝަލިސްޓެއް ކަމަށްވާ ގްރީންޕީސް އިންޓަނޭޝަނަލްގެ ކައިސާ ކޮސޮނެން ވިދާޅުވި ގޮތުގައި އެ ދިރާސާ އަކީ ޝައްކެއް ވެސް ނެތް ގޮތުގައި 1.5 ސެލްސިއަސްގައި އެންމެ ފަހުގެ އިންޒާރެކެވެ.
[caption id="attachment_49042" align="aligncenter" width="959"] އދ. ގެ ސެކެރެޓަރީ ޖެނެރަލް ގުޓިއަރޭޒް[/caption]
މޫސުމީ މައްސަލައިގައި އިންސާނުންގެ ދައުރަށް އަލިއަޅުއްވާލަމުން އދ.ގެ ސެކެރެޓަރީ ޖެނެރަލް ވިދާޅުވީ ވޭތުވެދިޔަ 200 އަހަރުގެ ތެރޭގައި ދުނިޔެ ހޫނުވުމުގެ މައްސަލަތައް ދިމާވެފައިވަނީ އިންސާނުންގެ ހަރަކާތްތަކުގެ ސަބަބުން ކަމަށެވެ. ފާއިތުވި 50 އަހަރުގެ ތެރޭގައި ފިނިހޫނުމިން އިތުރުވާ ރޭޓަކީ ފާއިތުވި 2000 އަހަރުގެ ތެރޭގައި އެންމެ ހަލުވި މިންވަރަކަށް ކަމަށާއި ކާބަން ޑައިއޮކްސައިޑް ކޮންސެންޓްރޭޝަން ހުރީ މަދުވެގެން ދެ މިލިއަން އަހަރުގެ ތެރޭގައި އެންމެ ބޮޑު މިންވަރަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ކުރިއަރާފައިވާ ގައުމުތަކުގައި 2035 ވަނަ އަހަރާ ހަމައަށް ކާބަން ފްރީ ކަރަންޓު އުފެއްދުމަށް ހިތްވަރު ދެއްވިއެވެ.
އައިޕީސީސީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މޫސުމަށް އަންނަ ބަދަލުތަކާ މެދު "ވަރަށް ނާޒުކު" ސަރަޙައްދުތަކުގައި މިހާރު ތިން ބިލިއަނަށްވުރެ ގިނަ މީހުން ދިރިއުޅެމުންދާއިރު، ދުނިޔޭގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުންނަށް މަދުވެގެން ފެނުގެ ދަތިކަން ވަނީ ވަރަށް ބޮޑަށް ކުރިމަތިވެފައެވެ.
އެ ކަރުދާހުގައި ބުނެފައިވާ ގޮތުގައި މިފަދަ ހަރުކަށި ބަދަލުތަކަށް ގިނަ ތަންތަނުގައި އެޑަޕްޓް ކުރެވޭނީ ކިހާ މިންވަރަކަށްތޯ ކަނޑައެޅިފައި އޮންނަ އިރު، މޫސުން ގޯސްވުމުގެ ސަބަބުން އެފްރިކާ، އޭޝިއާ، އުތުރު، މެދު އަދި ދެކުނު އެމެރިކާގެ އިތުރުން ދެކުނު ޕެސިފިކް ސަރަހައްދުގައި ވެސް "ޑިސްޕްލޭސްމަންޓް" އިތުރުވަމުންދާ ކަމަށެވެ.
ކޮންމެ އަހަރަކު ވެސް ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް އިތުރުވުމުން ލިބެން ހުރި "ކާބަން ބަޖެޓް" ދަށްވެ، ކުރިއަށް އޮތް އަހަރުތަކުގައި މިއަށްވުރެ ވެސް ބޮޑެތި އަދަދުތައް މަދުކުރަން ޖެހިދާނެއެވެ. ޖައްވުގައި ކާބަން ޑައިއޮކްސައިޑާއި އެހެނިހެން ގްރީންހައުސް ގޭސްތައް ޖަމާވުމުގެ ސަބަބުން ޕްލެނެޓް ހޫނުވެއެވެ.
ނަމަވެސް ދިރާސާގައި ބުނެފައި ވަނީ 1.5 ސެލްސިއަސްގެ ތެރޭގައި ބެހެއްޓުމުގެ ފުރުސަތު އަދިވެސް އެބައޮތް ކަމަށެވެ. އައިޕީސީސީގެ ޗެއާ ހޯސަންގް ލީ ވިދާޅުވި ގޮތުގައި މި ސިންތެސިސް ރިޕޯޓުން ދޭހަކޮށްދެނީ މިހާރަށް ވުރެ އުއްމީދީ ފިޔަވަޅުތަކެއް އެޅުމުގެ މުހިންމުކަން ކަމަށާއި މިހާރު އަމަލުކޮށްފިނަމަ އަދިވެސް އެންމެންނަށް ދިރިއުޅެވޭނެ ދެމެހެއްޓެނިވި މުސްތަގުބަލެއް ކަށަވަރު ކުރެވޭނެ ކަމަށެވެ.
އައިޕީސީސީއިން ބުނި ގޮތުގައި މިހާރު ގެ ފިނިހޫނުމިން ހުރީ އިންޑަސްޓްރިއަލްގެ ކުރިން ހުރި މިންވަރަށް ވުރެ ގާތްގަނޑަކަށް 1.1 ސެލްސިއަސް މަތީގައެވެ. ގްރީންހައުސް ގޭސް ބޭރުކުރާ މިންވަރު ވީހާވެސް އަވަހަކަށް ޕީކަށް މަޖުބޫރުވެ، އޭގެ ފަހުން އަންނަ އަހަރުތަކުގައި އަވަހަށް ދަށަށް ގޮސްފިނަމަ، 1.5 ސެލްސިއަސް އިތުރުވުމުގެ އެންމެ ނުރައްކާތެރި އަސަރުތަކުން އަދިވެސް ސަލާމަތްވެވިދާނެއެވެ.
"އައިޕީސީސީގެ މިއަދުގެ މެސެޖަކީ ވަރަށް ސާފު މެސެޖެއް: އަޅުގަނޑުމެން މިދަނީ ކުރިއެރުންތަކެއް ހޯދަމުން، އެކަމަކު އެކަށީގެންވާ މިންވަރަށް ނޫން އެމެރިކާގެ މޫސުމާ ބެހޭ ހާއްސަ މަންދޫބު ޖޯން ކެރީ ވިދާޅުވިއެވެ.
މޫސުމީ ކާރިސާގެ ސަބަބުން ކުރިމަތިވާ އެންމެ ނުރައްކާތެރި އަސަރުތަކުން ސަލާމަތްވެ، އެކަމުގެ ނުރައްކާ ކުޑަކުރެވޭނެ ވަސީލަތްތައް ހުރި ނަމަވެސް ވަގުތުން ފިޔަވަޅު އެޅުމުގެ މި ފުރުސަތުގެ ބޭނުން ހިފަން ޖޯން ކެރީ ގޮވާލެއްވިއެވެ.
އަޔަލޭންޑްގެ މޭނޫތު ޔުނިވާސިޓީގެ އިކާރަސް ކްލައިމެޓް ރިސާޗް ސެންޓަރުގެ ވެރިޔާ ޕީޓާ ތޯން މި ކަރުދާހަށް ރައްދު ދެއްވީ އަންނަ އަހަރު ދުނިޔޭގެ ފިނިހޫނުމިން 1.5 ސެލްސިއަސް އަށް ވުރެ މައްޗަށް ހިނގައިދާނެ ކަމަށް އަންދާޒާ ކުރައްވައިގެންނެވެ. "އެމިޝަން ސިނާރިއޯ އަށް ބެލުމެއް ނެތި ކުރިއަށް އޮތް ދިހަވަރަކަށް އަހަރުގެ ފުރަތަމަ ބައިގައި 1.5 ސެލްސިއަސް އަށް އަރާނެ ކަން ޔަގީން،" އޭނާ ވިދާޅުވިއެވެ.
"ހަގީގީ ސުވާލަކީ އަޅުގަނޑުމެންގެ އެންމެން ގުޅިގެން ނިންމާ ނިންމުންތަކުގެ ސަބަބުން 1.5 ސީ ސްޓޭބިލައިޒޭޝަން ނުވަތަ 1.5 ސެލްސިއަސް ވެއްޓި، 2ސީ އަށް ވާސިލުވެ، ކުރިއަށް ދާން މަގުފަހިވޭތޯ." ޕީޓާ ވިދާޅުވިއެވެ.