ރަމަޟާން މަހަށް ހާއްސަކޮށް ލުނބޯ ޝިޕްމަންޓެއް އެތެރެކޮށް ހެޔޮ އަގުގައި ލުނބޯ ވިއްކަން އެސްޓީއޯ އިން ފަށައިފިއެވެ.

އެސްޓީއޯ އިން ބުނީ ރަމަޟާން މަހު ބާޒާރުގައި ވިއްކާ ތަކެތީގެ އަގުތައް އަތްފޯރާ ފަށުގައި ހިފެހެއްޓުމަކީ އެކުންފުނީގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ. އެގޮތުން ބާޒާރުގައި ލުނބޮލުގެ އަގު ހިފެހެއްޓުމަށް އިންޑިއާ އިން ލުނބޯ އެތެރެކޮށް ވިއްކަން ފަށާފައިވާ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

ބާޒާރުގައި ގާތްގަނޑަކަށް 80 ރުފިޔާ އަށް ލުނބޯ ކިލޯއެއް ހުރިއިރު އެސްޓީއޯ އިން ލުނބޯ ކިލޯއެއް ވިއްކަނީ 60 ރުފިޔާ އަށެވެ.

https://twitter.com/HusenAmr/status/1637789164430057472?s=20

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވީ ލުނބޯގެ އަގު ބޮޑުވުމުން އަގު ދައްކުރުމަށްޓަކާ އެސްޓީއޯ އިން ލުނބޯ އެތެރެކޮށްފައިވާ ކަމަށެވެ. އަދި އާންމު ކާބޯތަކެތީގެ އަގުތައް ބޮޑު ނުކުރުމަށް ވަނީ އެދިފަ އެވެ.

އެސްޓީއޯ އިން ވަނީ ރަމަޟާން މަހަށް ހާއްސަކޮށް އެސްޓީއޯ އިން ހޯލްސޭލްކޮށް ވިއްކާ ފިޔާ ބިސް އަލުވީގެ އަގުވެސް ހެޔޮކޮށްފައެވެ.

އެސްޓީއޯ އިން މީގެ ކުރިން ފިޔާ ބަސްތާއެއް ވިއްކީ 170 ރުފިޔާ އަށެވެ. އެކަމަކު މިހާރު އެ އަގު ވަނީ 160 ރުފިޔާ އަށް ތިރިކޮށްފައެވެ. އަލުވި ކިލޯއެއް ކުރިން 250 ރުފިޔާ އަށް ވިއްކި އިރު އޭގެ އަގު ވަނީ 240 ރުފިޔާ އަށް ހެޔޮކޮށްފައެވެ. އަދި ބިސް ކޭހެއް ކުރިން 290 ރުފިޔާ އަށް ވިއްކުމަށް ފަހު މިހާރު އޭގެ އަގު ވެސް ވަނީ 280 ރުފިޔާ އަށް ބަދަލުކޮށްފައެވެ.