ކީރިތި ގުރުއާނުގައިވާ އިލްމީ ހަގީގަތްތަކުގެ މައްޗަށް، ޒަމާނީ ސައެންސާއި ޓެކްނޮލޮޖީގެ އަލީގައި ކުރެވޭ ދިރާސާތަކުން، އިސްލާމީ ރިސާލަތުގެ ފުރިހަމަކަން އިތުރަށް ހާމަވެ ކަށަވަރުކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ކީރިތި ގުރުއާން ކިޔެވުމުގެ 35ވަނަ ގައުމީ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ކީރިތި ގުރްއާނާ އެކުގައި ދިރިއުޅުން އާރާސްތުކުރުމުގެ ދާއިރާ މިހާރަށްވުރެ ފުޅާކުރަންޖެހޭ ކަމަށެވެ. އެއީ ދިވެހިންގެ ތެރޭގައި ހުރި ދީނީ، އިޖްތިމާއީ އަދި އަހުލާގީ މައްސަލަތަކަށް، ކީރިތި ގުރްއާނުން ހައްލު ހޯދުމަށް ކަމަށާއި އަދި އެ ހައްލުތައް ތަންފީޒުކުރަން މަސައްކަތް ކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

"އެކަން ކުރެވޭނީ، ކީރިތި ގުރްއާނުގައިވާ ޢިލްމީ ދާއިރާތަކަށް އަޅުގަނޑުމެންގެ ސިކުނޑިތައް އިތުރަށް ހުޅުވައިގެން. ސްކޫލްތަކުގައި ތަޖުވީދު މަގުން ކިޔަވައިދޭ އަދި ހިތުދަސްކޮށްދޭ މާއްދާއަކަށްވުރެ، ކީރިތި ގުރްއާނުގެ ދާއިރާ މާފުޅާ،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވަނީ އެކަމަކީ ޔުނިވާސިޓީތަކާއި ކޮލެޖުތަކުން ވިސްނަންޖެހޭ ކަމެއްގެ ގޮތުގައި ވިދާޅުވެފައެވެ.

ކީރިތި ގުރްއާން ހިތުދަސް ކުރައްވައިގެން ތިއްބެވި ހާފިޒުން ވެސް، ދިވެހިންގެ ތެރޭގައި މަދެއް ނޫން ކަމަށާއި އަދި ގުރްއާން ހިތުދަސްކުރެއްވުމުގެ ޝައުގުވެރިކަން ހުރި ބޭފުޅުންވެސް ދިވެހިންގެ ތެރޭގައި މިހާރު ވަރަށް ގިނަ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

"އެހެން ނަމަވެސް ހާފިޒަކަށްވުމަށް ފަހު، ހާފިޒެއްގެ ގޮތުގައި ދެމިހުރުމަށް ކުރެވޭ މަސައްކަތް ތަންކޮޅެއް ދަށްކަމަށް އަޅުގަނޑުމެންނަށް ފާހަގަކުރެވޭ. ރޯދަ މަހު ތަރާވީހު ނަމާދުކުރުމަށް ބޭރުގެ ހާފިޒުން ގެންނަންޖެހޭ އަދަދުން އަޅުގަނޑުމެންނަށް އެކަން ފާހަގަވެގެންދޭ. ކޯވިޑުގެ ދެ އަހަރު ނޫނިއްޔާ، ކޮންމެ އަހަރަކުވެސް 200 އަށްވުރެ ގިނަ ހާފިޒުން ރާއްޖެއަށް އެބަ ގެނެވޭ. އަޅުގަނޑު ދެކޭ ގޮތުގައި މިއީ، އިސްލާމިކް މިނިސްޓްރީންވެސް އަދި ކީރިތި ގުރްއާނާ ބެހޭ މަރުކަޒުންވެސް އިތުރަށް ވިސްނަވަން ރަނގަޅު ކަމެއް،" ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވަނީ މީގެ ދެ ދުވަސް ފަހުން ފެށޭ ބަރަކާތްތެރި ރޯދަމަހަކީ، ކީރިތި ގުރްއާނުގެ ހިޔަލުގައި ހޭދަކުރުމަށް ލިބޭ ރަނުގެ ފުރުސަތެއްކަން ފާހަގަކުރައްވާފައެވެ. އަދި އެ ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފައި، ދިވެހިންގެ ތެރޭގައި ތެރޭގައި ހުރި، ދީނީ އަދި އަހްލާގީ ރީތި އާދަތަކުގެ މަތީގައި ދެމި ތިބުމަށް އެމަނިކުފާނު ވަނީ އިލްތިމާސް ކުރައްވާފައެވެ.