ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކަށް ނެރޭއިރު އެ ކެންޑިޑޭޓާއެކު ހުންނަ ރަނިން މޭޓަކަށް އެމްއާރްއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދޮށީ ފިރިހެން ދަރިކަލުން ފާރިސް މައުމޫނަކީ ގާބިލް ބޭފުޅެއް ކަމަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި، ވާދަ ކުރުމަށް ޖޭޕީން ނިންމީ މިދިޔަ ހަފްތާގެ ތެރޭގައެވެ. އަދި އެޕާޓީން މިހާރު ވަނީ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފައެވެ.

މީގެއިތުރުން ޖޭޕީން ވަނީ އެޕާޓީ އިސްވެ އޮވެ އުފައްދާ ކޯލިޝަނެއް ހެދުމަށް ޕާޓީތަކާއެކު ކުރަންޖެހޭ މަޝްވަރާތައް ކުރުމަށް އެޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ދެއްވައިފައެވެ.

ގާސިމްގެ އެދިލެއްވުމުގެ މަތިން ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އޮފީސް ހުންނަ ހ. ފުލިދޫގެއަށް ގާސިމް ވަނީ ވަޑައިގެންފައެވެ. އަދި ރައީސް މައުމޫނު ވެސް ހިމެނިވަޑައިގަންނަވާހެން އެމްއާރްއެމްގެ ލީޑާޝިޕާއެކު ވަނީ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފައެވެ.

އެ ބައްދަލުވުމަށްފަހު ނިކުމެވަޑައިގެން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ގާސިމް ވަނީ ޖޭޕީން ނެރޭ ރިޔާސީ ކެންޑިޑޭޓުގެ ރަނިންމޭޓަކަށް ފާރިސް ނުވާންވީ ސަބަބެއް ވެސް ނެތް ކަމަށް ވިދާޅުވެފައެވެ.

"މި ދެންނެވީ ގާބިލު، ތައުލީމީ ބޭފުޅެއް އެ ބޭފުޅާ [ފާރިސް މައުމޫން] އަކީ،" އޮންލައިން ނޫސް "ދައުރު"ގެ ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ގާސިމް ވިދާޅުވިއެވެ.

އެހެންނަމަވެސް އެކަމުގައި [ރަނިންމޭޓަކު ކަނޑައެޅުމުގައި] ގޮތެއް ނިންމާނީ ޖޭޕީގެ ކައުންސިލުން ކަމަށް ގާސިމް ވިދާޅުވިއެވެ.

އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފާރިސް ވަނީ މިއަދުގެ ބައްދަލުވުމުގައި އެއްވެސް ނިންމުމެއް އަދި ހުށަހެޅުމެއް ވެސް ހުށަހަޅާފައި ނުވާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ކުރިޔަށް އޮތްތަނުގައި އިތުރަށް ޖޭޕީއާއެކު މަޝްވަރާ ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ގާސިމް އިބްރާހީމް އެމްއާރްއެމްގެ އިސް ބޭފުޅުންނާއި ބައްދަލުކުރެއްވިއިރު އިއްޔެ އެމްއާރްއެމްގެ އިސްވެރިން ވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ވެސް ބައްދަލުކުރައްވާފައެވެ.

ޖޭޕީއާ އެމްއާރްއެމް އަކީ މިހާރު ހިނގަމުންދާ ސަރުކާރުގެ ކޯލިޝަން ދެ ޕާޓީއެވެ. މި ދެ ޕާޓީ އަށްވެސް ރައީސް ސޯލިހު ވަނީ 2023ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް ދައުވަތު ދެއްވާފައެވެ. ނަމަވެސް މި ދެޕާޓީން އެކަމަށް އަދި ޖަވާބެއް ދެއްވާފައެއް ނުވެއެވެ.