ސްޓެލްކޯ އަކީ މީހުން ބިނާ ކުރުމަށް އަބަދުވެސް އިސްކަން ދެމުން އަންނަ ކުންފުންޏެއް ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
އަތޮޅުތެރޭގެ އިންޖީނުގެތަކުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ މުވައްޒަފުންނަށް އަމާޒުކޮށްގެން އއ. އުކުޅަހުގައި ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ "ލީޑާޝިޕް މެނޭޖްމަންޓް އެންޑް ކެޕޭސިޓީ ބިލްޑިން" ޓެރެއިނިން ނިންމި ބައިވެރިންނަށް އިއްޔެ ވަނީ ސެޓްފިކެޓު ހަވާލު ކޮށްފައެވެ.
ސްޓެލްކޯ އިން ބުނީ އެ ޕްރޮގްރާމްގެ ބައިވެރިންނަށް ސެޓިފިކެޓް ހަވާލު ކޮށްދެއްވާފައި ވަނީ، އެ ކުންފުނީގެ ބޯޑުގެ ޗެއާމަން، ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އިބްރާހިމް މުހައްމަދު ދީދީ އާއި، ބޯޑު މެމްބަރު އަހުމަދު ލަތީފްގެ އިތުރުން ބޯޑު މެމްބަރު މޭޖާ ރިޓަޔާޑް ތޮލްހަތު ހަސަން ކަމަށެވެ.
އެ ޕްރޮގްރާމްގައި އަތޮޅުތެރޭ އިންޖީނުގެތައް ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ 31 ބޭފުޅަކު ބައިވެރިވެފައިވާ ކަމަށް ސްޓެލްކޯ އިން ބުނެއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝަރީފް ވިދާޅުވީ އެ ޓްރެއިނިން އަކީ ވަރަށް މުހިއްމު ޓްރެއިނިންއެއް ކަމަށާއި، ސްޓެލްކޯއިން މީހުން ބިނާ ކުރުމަށް އިސްކަމެއްދީ، ވަރަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ކަމަށެވެ.
"ސަބަބަކީ ރާއްޖޭގެ އިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ، އިބްރާހިމް މުހައްމަދު ސޯލިހުވެސް ވިދާޅުވެފައިވާ ފަދައިން، މީހުން ބިނާ ކުރުމަކީ، އަޅުގަނޑުމެންނަށް ލިބިފައިވާ މީހުންނަކީ، އެންމެ ބޮޑު އެއް ރައުސުލްމާލު، އަދި މީހުން ބިނާކޮށްގެން މެނުވީ، އަޅުގަނޑުމެން ކުރިއަކަށް ނުދާނެ. އެހެންވީމަ އިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާގެ މީހުން ބިނާ ކުރުމުގެ ޕޮލިސީގެ ތެރެއިން، އަޅުގަނޑުމެން ކުންފުންޏަށް ކޮންމެވެސް ވަރެއްގެ ހިއްސާއެއް، މިފަދަ ޓްރެއިނިންގތައް ހިންގައިގެން މި އަދާ ކުރެވެނީ" ޝަރީފް ފާހަގަކުރެއްވިއެވެ.
ސްޓެލްކޯގެ ލީޑާޝިޕްގައި ތިބޭ ފަރާތްތަކަކީ މާހައުލަށް ލޯހުޅުވޭ ބަޔަކަށް ވާންޖެހޭ ކަމަށާއި، އެފަދަ ޓެރެއިނިންތަކުގެ ބޭނުމަކީ، ރައްޔިތުންނަށް ދެމުންގެންދާ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ އިތުރުން، ވަކިކަމެއް ވަކިގޮތަކަށް ކުރަން ދަސްކޮށްދޭން ނޫން ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި ވިދާޅުވީ އެފަދަ ޓްރެއިނިންތަކުގެ ބޭނުމަކީ، އެ ރަށެއްގެ މާހައުލަކަށްފެތޭ ގޮތަށް ސިކުނޑިއާއި، ލޯ ހުޅުވާލަދީ، ކަންކަމަށް މަގުފަހިކޮށް އަދި، ދިމާވާ ކަންތައްތަކަށް ހައްލު ހޯދައިދިނުމުގެ ޓޫލްސްތަކެއް ދަސްކޮށްދިނުމަށް ކަމަށެވެ.
ސްޓެލްކޯގެ މެނޭޖަރުން ވާންޖެހޭނީ ރަށުފެންވަރުގައި ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ނަމޫނާ ބަޔަކަށް ކަމަށާއި، ރައްޔިތުންގެ ލާބައާއި މަންފާއަށް ކުރެވޭ ކޮންމެ ކަމެއްވެސް ލީޑު ކުރަންވަންޖެހޭނެ ކަމަށާއި، އެ ރަށެއްގައި ލީޑަރުންގެ ގޮތުގައި ހަރަކާތްތެރިވާ އެންމެ އިސް ފަރާތްތަކުގެ ތެރޭގައި ސްޓެލްކޯގެ ސްޓޭޝަން މެނޭޖަރުން ހިމެނެންޖެހޭނެ ކަމަށް ވެސް ޝަރީފް ފާހަގަކުރެއްވިއެވެ.