މި ފަސް އަަހަރު ތެރޭގައި މަސްވެރިކަން ކުރިއަރުވަން މިފްކޯއިން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. މަސްވެރިންނަށް ލުއި ގޮތްތައް ހޯދައިދިނުމާއެކު އެ މީހުންނަށް ލިބޭ އާމްދަނީ އިތުރުކުރުމަށްވެސް ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. "ޖަޒީރާ 103" އަކީ މި މަސައްކަތަށް އިތުރުވާ ބޮޅެކެވެ. މި ނަމަކީ މަސްވެރިކަމުގެ ސިނާއަތަށް ހެޔޮ ބަދަލެއް ގެނައުމަށް މިފްކޯއިން ގަނެފައިވާ ބޯޓުގެ ނަމެވެ.
"މި ގެންނަ ބޯޓުން 120 ޓަނު ދުވާލަކަށް ނެގޭނެ. އަދި ދުވާލަކަށް 20 ޓަނު ސްޓޯކުރެވޭނެ ބޯޓެއް" މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ "ހަތާވީސް'' އާ ވާހަކަ ދައްކަމުން ވިދާޅުވިއެވެ.
އިސްމާއިލް ވިދާޅުވީ ޖަޕާނުން ގަތް އެ ބޯޓު ރާއްޖެއަށް އާދެވެނީ އަންނަ މަހުގެ ފުރަތަމަ ހަފަތްގާއި ކަމަށެވެ. އެ ބޯޓަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް އިސްމާއިލް ވިދާޅުވިއެވެ. މިހާރުވެސް މިފްކޯގެ ފްލީޓުގައި ދެ ބޯޓެއް އެބައޮތެވެ. އެއީ ޖަޒީރާ 102 އާއި މަހާ ކަލަމިންޖާއެވެ. މަހާ ކަލަމިންޖާ އަކީ 90 ޓަނާ ހަމައަށް މަސް ރައްކާ ކުރެވޭ ބޯޓެކެވެ.
މިފްކޯ އެމްޑީ ވިދާޅުވި ގޮތުގައި އާ ބޯޓު ހޯދި މައިގަނޑު ސަބަބަކީ މިފްކޯއިން ދެކުނުގައި ހިންގި އޮޕަރޭޝަންތައް މިހާރަށްވުރެ ހަރުދަނާ ކުރުމުގެ ގޮތުން ކަމަށެވެ. އެ ކުންފުނިން ދެކުނުގެ އޮޕަރޭޝަންތަކުގައި އާއްމުކޮށް ގެންގުޅެނީ ކުދި ބޯޓުތަކެވެ. އެކަމަކު އެ ބޯޓުތަކުގައި އެހާ ވަރުގެ ކެޕޭސިޓީ އެ ނުހުރެއެވެ.
"ކުދި ބޯޓު ފަހަރަށް ބަލާ ކަމަށްވަންޏާ އެއް ދޯނީގެ މަސްވެސް ނޭޅޭ. ދޯންޏަކުން އެބަ ގެނޭ 70 ޓަނު 50 ޓަނު" އިސްމާއިލް ވިދާޅުވިއެވެ.
އެއަށް ފަހު އެ މަސް ފްރީޒް ކޮށްފައި އައްޑޫ ނުވަތަ ކޫއްޑޫގައި ސްޓޯ ކުރަން ގެންދެއެވެ. ބައެއް ފަހަރު ކަނޑުމަތީގައި ތިން ދުވަސްވެސް ނަގައެވެ.
އިސްމާއިލް ވިދާޅުވި ގޮތުގައި އަލަށް ގެންނަ ބޯޓާއެކު މަސްވެރިންނަށް މަސް ކިރުމުގެ އިންތިޒާމުތައް ރަނގަޅު ކުރެވިގެންދާނެ ކަމަށެވެ. އަދި ތާޒާ މަސް ލިބުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ކޮލިޓީއަށްވެސް ލުއިތަކެއް ލިބި ތާޒާމަސް ލިބުމުގެ ފުރުސަތު އަނެއްކާވެސް އިތުރުވެގެންދާނެ. ބޭނުންވަނީ މިފްކޯގެ ވަސީލަތްތައް އިތުރުކޮށް އާމްދަނީ އިތުރުކުރެވޭނެ ގޮތެއް ހޯދުން" އިސްމާއިލް ވިދާޅުވިއެވެ.
މިފްކޯއިން މިހާރު ގެންދަނީ އައްޑޫ އަދި ކޫއްޑޫ ފެސިލިޓީތައް އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ. ކޫއްޑޫގައި މިހާރު ހުރީ 2000 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެކެވެ. އާ މަޝްރޫއާއެކު 4000 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމްކުރެވޭނެއެވެ.