ކުޅިވަރާ ބެހޭ ވަޒީރުކަމާ ހަވާލުވުމަށްފަހު މި ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ރާއްޖޭގެ އެއްވެސް ކުޅިވަރެއް ތަފާތު ނުކޮށް އިންގިލާބީ ބޮޑު ބަދަލެއް ގެނެސްދެވިއްޖެ ކަމަށް މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

ރޭއެކުވެނި ޓްރެކުގައި ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މަހްލޫފް ވިދާޅުވީ މިފަހަރުގެ އެވޯޑް ކުރިއަށްވުރެން ބޮޑުވެއްޖެ ކަމަށާއި، ކުޅުންތެރިންނާއި އެސޯސިއޭޝަނުން އެ އެވޯޑާއި ދޭތެރޭ ކުރާ އުންމީދުވެސް ބޮޑުވެއްޖެ ކަމަށެވެ. އެހެން ނަމަވެސް މިފަހަރުގެ އެވޯޑްސްއަށް ކަންބޮޑުވުންތައް އަމާޒުވިކަން މިނިސްޓަރު ވަނީ ފާހަގަ ކުރައްވައިފައެވެ.

"ނަމަވެސް މި އެވޯޑް އަދި އަޅުގަނޑުމެން ހާއްސަކުރެވިފައި ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުން ހިންގާ ގައުމީ މުބާރާތްތަކާއި ގައުމީ ޓީމުތަކުން ގައުމުން ބޭރަށް ގޮސް އެ ހޯދާ ވަނަތަކުގެ މައްޗަށް ކަމަށްވާތީ އަދި އެކިއެކި ކުޅިވަރު އެގޮތައް ހިމެނުމަކީ ދަތިކަމަކަށްވޭ،" މަހްލޫފް ވިދާޅުވިއެވެ.

މަހްލޫފްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި މިދިޔަ އަހަރު އެވޯޑް ލިބުނު ބައެއް ކުޅިވަރުތައް ކަމަށްވާ އަންހެން ފުޓުބޯޅަ އަދި ޝޫޓިންގް ފަދަ ކުޅިވަރުތަކާއި، ބީޗްވޮލީއަށް އެވޯޑް ނުލިބުނީ އެ ސަބަބާ ހެދިކަމަށެވެ. އެކަމަކު އުންމީދަކީ ކުޅިވަރު އެސޯސިއޭޝަންތަކުން އެކަމަށް ވިސްނައިގެން ގައުމީ މުބާރާތް ބޭއްވުމަށް ހިތްވަރު ދެއްވާނެކަމަށް މަހްލޫފް ވިދާޅުވިއެވެ.

މީގެ އިތުރުން މިދިޔަ ހަތަރު އަހަރަކީ ކުޅިވަރުތަކަށް އިންގިލާބީ ބަދަލުތަކެއް އައި ހަތަރު އަހަރުކަން މަހްލޫފް ފާހަގަ ކުރެއްވިއެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސާލިހް އަކީ ކުޅިވަރަށް ލޯބި ކުރައްވާ ޝަހުސިއްޔަތެއް ކަމަށާއި، ރައީސްގެ ފަރާތުން ކުޅިވަރު ކުރިއެރުވުމަށް ދޭ އެއްބާރުލުމުގެ ނަތީޖާ އަކީ މިހާރު ބައިނަލް އަގުވާމީ މުބާރާތްތަކުގައި މިލިބޭ ކާމިޔާބީތައް ކަމަށް މަހްލޫފް ވިދާޅުވިއެވެ.

"ހަމަގައިމުވެސް އަޅުގަނޑު މިތާހުރެ މިވާހަކަ ދައްކާލާއިރު، އަޅުގަނޑު މޭގައި އަތް ޖަހާލާފައި ބުނަން ކެރޭނެ މިރާއްޖޭގެ ކުޅިވަރަށް އިންގިލާބީ ބޮޑު ބަދަލެއް އެއްވެސް ކުޅިވަރަކުން ތަފާތު ނުކޮށް ގެނެސްދީފައިވާނެކަން މިރޭ އަޅުގަނޑު އުފަލާއެކު ފާހަގަކުރަން." މަހްލޫފް ވިދާޅުވިއެވެ.

ރޭ ބޭއްވުނު އެވޯޑް ހަފުލާއަކީ މި ގޮތަށް ދޭންފެށި ދެވަނަ އެވޯޑް ހަފުލާއެވެ. މިދިޔަ އަހަރު ފެށި އެވޯޑް ހަފުލާ ބޮޑުކޮށް މިރޭ ދެވަނަ ފަހަރަށް ބޭއްވި އިރު، ބައިނަލް އަގުވާމީ ކުޅިވަރު ތަރިންތަކެއް ވަނީ މިރޭގެ ޝޯގައި ބައިވެރިވެފައެވެ.

އެގޮތުން އެ ގޮތުން، އިޓަލީ އަށް 2006 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ލެޖެންޑަރީ ޑިފެންޑަރު، ފަބިއޯ ކަނަވާރޯ، އިނގިރޭސި ގައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރު ޑޭވިޑް ޖޭމްސް، މަޝްހޫރު ކްލަބްތަކުން ފެނުނު ނައިޖީރިއާގެ ފޯވާޑް ންވަކްވޯ ކާނޫ އާއި ކްރިކެޓްގެ ތާރީހީ ރެކޯޑްތަކެއް ހޯލްޑް ކުރާ ބެޓްސްމަން، ބްރަޔާން ލާރާގެ އިތުރުން ސްޕެޝަލް އެތުލީޓް، މާލޫ ވެން ރައިން ފާހަގަ ކޮށްލެވެއެވެ.

އަދި އޭގެ އިތުރުން އޮޮލިމްޕިކް އިން މެޑަލް ހޯދާފައިވާ ފެތުންތެރިޔާ، ޕަނީއަލް ބްލޫމް، ކޮމަންވެލްތު ގޭމްސް އާއި އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރަން މެޑަލް ހޯދާފައިވާ ޖެވެލިން އުކުންތެރިޔާ، ޕާކިސްތާންގެ އަރުޝަދު ނަދީމް ވެސް ވަނީ މި އެވޯޑް ހަފުލާގައި ބައިވެރިވެފައެވެ.