ރައީސް އިބްރާހީމް މުހައްމަދު ސޯލިހު 2018ވަނަ އަހަރު ވެރިކަމަށް ވަޑައިގަތުމަށްޓަކައި ސިޔާސީ ތިން ޕާޓީއަކާއެކު ހެދި ކޯލިޝަން އެއްބަސްވުމާއި ހިލާފަށް މަސައްކަތް ނުކުރައްވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަ ކުރައްވާ ކެންޑިޑޭޓަކީ ރައީސް ސޯލިހެވެ. އެމަނިކުފާނު ވަނީ މިހާރުވެސް ސަރުކާރު ކޯލިޝަންގައި ތިބި ތިން ޕާޓީ ކަމަށްވާ ޖުމްހޫރީ ޕާޓީ އަދި އަދާލަތުގެ އިތުރުން އެމްއާރްއެމް އިން އެމްޑީޕީއާއެކު މިއަހަރުވެސް ކޯލިޝަން ހެދުމަށް ދައުވަތު އަރުވާފައެވެ.

އެކަމަކު އެ ދައުވަތު ގަބޫލުކުރައްވާ ހަމައެކަނި ކޯލިޝަން ހެދުމަށް ނިންމި ޕާޓީއަކީ އަދާލަތު ޕާޓީއެވެ. އެމްޑީޕީ ވެސް އަދި ސިޔާސީ ގިނަ ފަރާތްތަކުން ވެސް އޭރު ބަލަމުން ދިޔައީ ޖުމްހޫރީ ޕާޓީން އެކަމުގައި ނިންމާނެ ގޮތަކާއި މެދުއެވެ. ރައީސް ސޯލިހުގެ ފަރާތްޕުޅުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އަރިހަށް އެކި ފަހަރު މަތިން މަންދޫބުން ފޮނުއްވިއެވެ. ހުދު ރައީސް ސޯލިހު ވެސް ގާސިމާ ބައްދަލުކުރެއްވިއެވެ.

ނަމަވެސް ގާސިމް އިބްރާހީމް ލީޑު ކުރައްވާ ޖޭޕީ އިން މިދިޔަ އަންގާރަ ދުވަހު ވަނީ ވަކިން ރިޔާސީ އިންތިހާބަށް ނިކުތުމަށް ނިންމައިފައެވެ. އެއާއެކު މިދިޔަ ބުދަ ދުވަހު ބޭއްވި މަޖިލިސް ޖަލްސާގައި އެމްޑީޕީގެ މަޖިލިސް މެންބަރުންގެ ތެރެއިން ރައީސް ސޯލިހަށް ތާއީދު ކުރައްވާ މެންބަރުން ވަނީ ޖޭޕީގެ ސްލޮޓުތަކުގައި ތިބި މިނިސްޓަރުންނާއި އަދި ސިޔާސީ އެކި ބޭފުޅުން މަގާމުން އިސްތިއުފާ ދެއްވުމަށް ގޮވާލައިފައެވެ.

އެ މެންބަރުންނަށް ރައްދު ދެއްވީ ސީދާ ގާސިމެވެ. މަޖިލިސް ޖަލްސާގައި ގާސިމް ވިދާޅުވީ ސަރުކާރު ވެރިކަމަށް ގެންނަން ޖުމްހޫރީ ޕާޓީން މަސައްކަތްކުރީ ފަސް އަހަރުގެ މުއްދަތަކަށް ކަމަށެވެ. އެ މުއްދަތު ހަމަ ނުވަނީސް ޖޭޕީގެ އެއްވެސް ބޭފުޅަކު އިސްތިއުފާ ދެއްވަން ޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި ގާސިމް ވަނީ ޖޭޕީ އަށް ކޯލިޝަނުން ލިބިފައި ވަނީ ހައްގު މިންވަރުތޯ ވެސް ސުވާލު ކުރައްވާފައެވެ.

ކޯލިޝަން އެއްބަސްވުމާއި ގުޅޭ ގޮތުން ސަރުކާރުގެ ބަސް:

ރައީސް އޮފީހުގައި މިއަދު މެންދުރު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ ދެ ރިޔާސީ ކެންޑިޑޭޓެއް މިހާރުގެ ސަރުކާރުގެ ތެރޭގައި ތިބެގެން ވެރިކަން ހިންގުމަށް ދަތިވާނެ ކަމަށެވެ. ޖޭޕީ އިން ރިޔާސީ ކެންޑިޑޭޓަކު ނެރިއްޖެ ހާލަތެއްގައި ދެން ކުރިޔަށް ދާންވި ގޮތަކާއި ގުޅޭ ގޮތުން ރައީސް ސޯލިހު ގާސިމާ މަޝްވަރާ ކުރައްވާނެ ކަމަށް މިއުވާން ވިދާޅުވިއެވެ.

"ރައީސަށް މުހިއްމީ ރައްޔިތުންނަށް ހިދުމަތް ކުރުން، ސަރުކާރުން ހިންގުން. އެކަމަށް އެއްބާރުލުން ދެއްވާ ބޭފުޅުންނާއެކު ރައީސް ކުރިޔަށް ވަޑައިގަންނަވާނެ. އެހެންނަމަވެސް ރައީސްގެ ސިޔާސަތުތަކަށް ދެކޮޅު ހައްދަވާ ބޭފުޅުންނާއެކު އަދި ސަރުކާރުގައި ތިއްބަވައިގެން ރައީސްއާ ދެކޮޅަށް އަދި ރައީސްގެ ވާދަވެރި ކެންޑިޑޭޓަކަށް ތާއީދު ކުރައްވާ ބޭފުޅުންނާއެކު ކުރިޔަށް ވަޑައިގަންނަވަން ދަތިވާނެ،" މިއުވާން ވިދާޅުވިއެވެ.

މިއުވާން ވިދާޅުވީ ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރުމަކީ ރައީސް ސޯލިހަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ކުރިމަތިވާނެ ގޮންޖެހުމެއް ނޫން ކަމަށެވެ.

"ރައީސްއާ ބައިވެރިވެވަޑައިގެން ކުރިއަށް ވަޑައިގަންނަވާ ބޭފުޅުންނާ އެކު ރައީސަށް މި އިންތިހާބު ކާމިޔާބުކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް،" މިއުވާން ވިދާޅުވިއެވެ.