ކޮމަންވެލްތުގެ ގައުމުތަކުގެ މެދުގައި މިހާރަށް ވުރެ ބޮޑަށް އެއް ގައުމު އަނެއް ގައުމާއި ގުޅިގެން އެއްބާރުލުން ދިނުމަށް ފޮރިން މިނިސްޓަރު ޝާހިދު ގޮވާލައްވައިފިއެވެ.
އިއްޔެ ނިމުނު ކޮމަންވެލްތު ހާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ތަގުރީރު ކުރައްވަމުން ޝާހިދު ވަނީ ހެޔޮ ވެރިކަމާއި ގާނޫނީ ވެރިކަމާއި ހަމަޖެހުމާއި އިގްތިސޯދު އާރާސްތުކުރުމާއި ދަރަނީގެ ބުރަދަން ލުއިކުރުން ފަދަ ދާއިރާތަކުން ކޮމަންވެލްތުގެ ގައުމުތަކުގެ މެދުގައި އެއް ގައުމުން އަނެއް ގައުމަށް މިހާރަށް ވުރެ އިތުރަށް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވާލައްވާފައެވެ.
އަދި "މަލްޓިޑިމެންޝަނަލް ވަލްނަރަބިލިޓީ އިންޑެކްސް" (އެމް.ވީ.އައި) ކަނޑައަޅައި ނިންމުން އަވަސް ކުރުމުގެ މުހިއްމުކަން ފާހަގަކުރައްވައި މިނިސްޓަރު ޝާހިދު ވަނީ ބައިނަލްއަގުވާމީ މާލީ އިދާރާތަކުން އެމް.ވީ.އައި. ވީހާވެސް އަވަހަށް ބޭނުންކުރަން ފެށުމަށް ކޮމަންވެލްތުން ބާރު އެޅުމަށް ގޮވާލައްވާފައެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެށި ހިމާޔަތް ކުރުމާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ޝާހިދު ވަނީ ކޮމަންވެލްތު ލިވިން ލޭންޑްސް މެކަނިޒަމް އާއި ކޮމަންވެލްތު ބްލޫ ޗާޓަރާއި ކޮމަންވެލްތު ކްލައިމެޓް ފައިނޭންސް ހަބް ފަދަ ކޮމަންވެލްތުގެ ތަފާތު މެކަނިޒަމްތައް މެދުވެރިކޮށް އެޖަމިއްޔާގެ މެމްބަރު ގައުމުތަކަށް ދެމެންދާ އެހީތެރިކަން ފާހަގަކުރައްވާފައެވެ. އަދި މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ކޮޕް28އަށް މިސްރާބު ޖަހާއިރު، ނިމިދިޔަ ކޮޕް27ގައި ގާއިމުކުރެވުނު "ލޮސް އެންޑް ޑެމޭޖް ފަންޑު" މަސައްކަތްކުރާނެ އިންތިޒާމުތައް ވީހާވެސް އަވަހަށް ގާއިމުކުރުމަށް ވެސް މިނިސްޓަރު ޝާހިދު ގޮވާލެއްވިއެވެ.
ކޮމަންވެލްތު ހާރިޖީ ވަޒީރުންގެ ބައްދަލުވުމުގެ ހަވާސާގައި މިނިސްޓަރު ޝާހިދު ވަނީ ކޮމަންވެލްތުގެ ގިނަ ގައުމުތަކެއްގެ ހާރިޖީ ވަޒީރުންނާ ބައްދަލުކުރައްވައިފައެވެ.