ފަރެސްމާތޮޑާ އެއާޕޯޓުގެ ސަބަބުން ލިބިގެން ދާނީ ހަމައެކަނި ދަތުރުފަތުރުގެ ފަސޭހަކަން އެކަނި ނޫން ކަމަށާއި އެ އެއާޕޯޓުގެ ސަބަބުން އިގްތިސޯދީ އެތައް މަންފާއެއް ލިބި، އިޖުތިމާއީ ހަމަޖެހުން ލިބިގެން ދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ފަރެސްމާތޮޑާގައި ތަރައްގީ ކޮށްފައިވާ އެއާޕޯޓު ރަސްމީކޮށް ހުޅުވުމުގެ ގޮތުން މިރޭ އެރަށުގައި އޮތް ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ފަރެސްމާތޮޑާ އެއާޕޯޓުގައި މިހާރުވެސް ފަރެސްމާތޮޑާގެ އެތައް ޒުވާނުންނެއް ވަޒީފާ އަދާ ކުރަމުން އަންނަ ކަމަށާއި އެކަމުގެ ސަބަބުން އިގްތިސޯދީ އެތައް މަންފާއެއް ލިބެމުން އަންނަ ކަމަށެވެ.
"މި އުންމީދު ހާސިލުވުމާއެކު، ކުރިއަށް ދެން އޮތީ އަދި މާ ފަހި ދުވަސްތަކެއް. މިރަށާއި ކައިރި ރަށްތަކާ ދެމެދު ލޯންޗު ދަތުރުތައް އެތައް ގުނައަކަށް އިތުރުވެގެންދާނެ. މިރަށުގައި އެންމެ އަވަހަށް ފުޅާވާނެ ކަމަށް އަޅުގަނޑަށް ފެންނަނީ ޓެކްސީގެ ހިދުމަތް. ހޮޓާ ރެސްޓޮރަންޓުގެ ވިޔަފާރިއާއި އެނޫން ވިޔަފާރިތަކަށްވެސް މި ހުޅުވުނީ ވަރަށް ތަނަވަސް ދޮރެއް. މިހިރީ މި ވައިގެ ބަނދަރުގެ ސަބަބުން، ނުސީދާ ގޮތެއްގައި އުފެދޭ އިގްތިސޯދީ ހަރަކާތްތަކާއި އިތުރު ވަޒީފާތަކާއި އާމްދަނީ ހޯދޭނެ އިތުރު މަގުތައް،" ރައީސް ސޯލިހު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ފަރެސްމާތޮޑާއަކީ ސަރުކާރުން އެކުލަވައިލި ނޭޝަނަލް ސްޕެޝަލް ޕްލޭންގެ، ރީޖަން ފަހެއްގައި (ހުވަދުއަތޮޅުގައި) ޑޮމެސްޓިކް އެއާޕޯޓެއް ތަރައްގީ ކުރުމަށް ކަނޑައެޅި ރަށެއް ކަމަށެވެ. އެ ރީޖަންގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރަކީ އެ އަތޮޅުގެ ކާޑެއްދޫކަން ފާހަގަކުރައްވާ ރައީސް ވަނީ އެ ރީޖަންގެ ސަރަހައްދީ ވައިގެ ބަނދަރުތަކުގެ ގޮތުގައި މިހާރުވެސް ތިން އެއާޕޯޓެއް އެބަ ހިންގާ ކަމަށް ވިދާޅުވެފައެވެ.
ރައީސް ސޯލިހުގެ ވާހަކަފުޅުގައި ފަރެސްމާތޮޑާގެ އެއާޕޯޓާއެކު އެ ރަށަށް ވަރަށް ބޮޑެތި ބަދަލުތަކެއް މިހާރުވެސް އައިސްފައިވާ ކަމަށް ވިދާޅުވެފައެވެ
"އެންމެ ހެޔޮ ބަދަލެއް އައީ ކަރަންޓުގެ ހިދުމަތަށް. އެއާޕޯޓް ސަރަހައްދުގައި މަރުކަޒީ އިންޖީނުގެއެއް ގާއިމުކޮށް، ކަރަންޓު ވިއުގައިގެ ފެންވަރު ރަނގަޅު ކުރެވިއްޖެ. ބާ ކޭބަލްތަކުގެ ބަދަލުގައި މުޅިން އާ ކޭބަލް މިހާރުވަނީ އަޅައި ނިމިފައި،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދެން އެންމެ އަވަހަށް ފަރެސްމާތޮޑާ އަށް އަންނާނެ އެއް ބަދަލަކީ، އެއާޕޯޓާ ގުޅުވައިދޭ ދާއިމީ ކޯޒްވޭ ކަމަށެވެ. އެ މަސައްކަތް ނިމުމާއެކު، ބަނދަރު ސަރަހައްދުން އެއާޕޯޓަށް ގެންގޮސްދޭނެ ތާރުމަގުގެ މަސައްކަތް ވެސް ލަސްތަކެއް ނުވެ ފެށިގެން ދާނެ ކަމަށާއި އެ އެއާޕޯޓްގެ ލުއިފަސޭހަކަން ފުރިހަމައަށް ލިބެން ފަށާނީ އޭރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.